13 ސެޕްޓެމްބަރ 2021 - 11:13

މަސްތުވާތަކެތި ބޭނުންކުރުމަށް ކެފޭ އުސޫލުން މީހުންނަށް ހިދުމަތް ދޭ 34 ތަނެއް މިހާތަނަށް ބަންދުކޮށްފި އެވެ.
އެފަދަ ތަންތަން ބަންދުކުރުމަށް މިދިޔަ ހަފުތާގައި ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވާއިރު، އެ އޮޕަރޭޝަންގެ ދަށުން އެކަނި ވެސް 20 ތަނެއް ބަންދުކުރި އެވެ. އެކަމަށް ހާއްސަ ކޮށްގެން މިިދިޔަ އަހަރާއި މި އަހަރުގެ އެކި ހިސާބުގައި ކުރި މަސައްކަތުން 14 ތަނެއް ބަންދުކޮށްފައިވެ އެވެ.
އެ ތަންތަން ބަންދުކޮށް ފުލުހުން މިހާރު އަންނަނީ އެ ތަންތަނުގެ ކައިރީގައި 24 ގަޑިއިރު ފޯރިމަރުމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޑްރަގް ކެފޭ ހިންގާ ދެ ތަނެއް އަދި ބަންދެއް ނުކުރެވެ އެވެ. އޭގެ އިތުރުން ކެފޭ ހިންގާ އުސޫލުން ގޮނޑި އާއި މޭޒު ޖަހައިގެން ޑްރަގްސް ވިއްކައި، އެ ފަދަ ތަކެތި ބޭނުންކުރާ 11 ސަރަހައްދެއް ހިމެނެ އެވެ. ފުލުހުންނަށް މިހާތަނަށް ވަނީ ޑްރަގް ކެފޭގެ ގޮތުގައި ހިންގާ 47 ތަނެއް ފާހަގަކުރެވިފަ އެވެ.
ޑްރަގް ކެފޭތަކާ ދެކޮޅަށް ފުލުހުންގެ އޮޕަރޭޝަން ވަރުގަދަކޮށް، 25 ގެއެއްގެ ވެރިފަރާތަށް ގާނޫނީ އިންޒާރު ދީފައިވެ އެވެ. އަދި މަސްތުވާތަކެތި ބޭނުންކުރަން ހިތްވަރު ދޭތީ ބައެއް ގޭގެ ވެރިފަރާތަށް ދައުވާކުރަން ވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވެ އެވެ.
އެގޮތުން، ކެފޭގެ އުސޫލުން ޑްރަގް ވިޔަފާރިކުރާ ގެއެއްގެ ވެރިފަރާތަށް މި މަހުގެ ކުރީކޮޅު ވަނީ ފުރަތަމަ ފަހަރަށް ދައުވާ ކޮށްފަ އެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި އެ ދައުވާ ކުރީ މ. ބްރައިޓްފްލާވާ ގޭގެ ވެރިޔާ ހުސެއިން ޔޫސުފްގެ މައްޗަށެވެ.