ބެންޒެމާގެ ހެޓްރިކުން ރެއާލް އެއްވަނަ އަށް
ބެންޒެމާގެ ހެޓްރިކުން ރެއާލް އެއްވަނަ އަށް

މެޑްރިޑް (ސެޕްޓެމްބަރު 13) - ކަރީމް ބެންޒެމާ ހެދި ހެޓްރިކުން ސެލްޓަ ވީގޯގެ މައްޗަށް 5-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ލަ ލީގާގެ ތާވަލުގެ އެއް ވަނަ މަގާމަށް ރެއާލް މެޑްރިޑް ޖެހިލައިފި އެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ސެލްޓައިންނެވެ. މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ސެންޓި މިނާ އެވެ. ރެއާލް އަށް 24 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ބެންޒެމާ އެވެ. ނަމަވެސް އަނެއްކާވެސް ސެލްޓައިން ލީޑު ނެގި އެވެ. މެޗުގެ 31 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ފްރެންކޯ ޗޭވީ އެވެ.

ރެއާލުން ތަފާތު ދެއްކީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފެށިގޮތަށް ބެންޒެމާ ވަނީ ރެއާލަށް އަލުން ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި ވިނީޝިއަސް ޖޫނިއާ، 54 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނެވެ. ނިމިދިޔަ ޓްރާންސްފާ ޕީރިއަޑްގެ އެންމެ ފަހު ދުވަހު ރެއާލް އަށް ބަދަލުވި އެޑްއާޑޯ ކަމަވިންގާ ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެފަ އެވެ. އޭނާ ކުޅެން ނުކުތްތާ ހަ މިނެޓް ތެރޭ ވަނީ ލަނޑު ޖަހައިފަ އެވެ. ރެއާލްގެ ފަސް ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށް ބެންޒެމާ ވަނީ ހެޓްރިކް ހަދައިފަ އެވެ.

ރޭގެ މެޗަކީ ދޮޅު އަހަރަށް ފަހު މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭގައި ރެއާލުން ކުޅުނު ފުރަތަމަ މެޗެވެ. އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ދެ ހަފުތާ ކުރިން ބެރްނެބުއޭ އަށް އޭނާ ޒިޔާރަތް ކުރިއިރު އެ ތަން އޮތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި ކަމަށެވެ. މެޗު ކުޅެވޭ ފެންވަރަށް އެތަނުގެ އިންތިޒާމު 15 ދުވަހުގެ ތެރޭ ހަމަޖެހިގެންދާނެ ކަމަށް ހީވެސް ނުކުރާ ކަމަށް އަންޗެލޮޓީ ބުންޏެވެ.

ރެއާލް އެއް ވަނައިގައި އޮތީ 10 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމުގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑާއި ވެލެންސިއާ ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ހޯދައިފަ އެވެ. ވެލެންސިއާ އަށް ދެ ވަނަ އެވެ. އެތުލެޓިކޯ އަށް ތިން ވަނަ އެވެ.