12 ސެޕްޓެމްބަރ 2021 - 20:20

އަފްގާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާނުންގެ ހަނގުރާމަވެރިންގެ އަނިޔާވެރިކަން، ކުރިއެކޭ އެއްވެސް ތަފާތެއް ނެތި، ނޫސްވެރިންނަށް ކުރިމަތިވަމުން އަންނަ ކަމަށް، އެ ގައުމުގެ ބައެއް ނޫސްވެރިން ބުނެފި އެވެ.

އަފްގާނިސްތާނުގެ ދުވަހު ނޫހެއް ކަމަށްވާ އިތީލާތު ރޯޒްގެ ނޫސްވެރިއެއް ކަމަށްވާ ނިއުމަތުﷲ ނަގްދީ އާއި ވީޑިއޯ އެޑިޓަރު ތަގީ ދަރްޔާބީ ބުނި ގޮތުގައި، ތާލިބާނުންގެ ހިތްހަމަނުޖެހޭ ނޫސްވެރިއެއް ނަމަ، އެމީހަކު ހިފައި އަނިޔާކުރުމަކީ، މިހާރުގެ ތާލިބާނުންގެ މެދުގައި ވެސް އޮތް ސަގާފަތެކެވެ.
ތާލިބާންގެ ހަނގުރާމަވެރިން އެ ދެ ނޫސްވެރިން ހައްޔަރުކުރީ، މިދިޔަ ބުދަ ދުވަހު ކާބުލްގައި އަންހެނުންގެ ހައްގުތަކަށް ގޮވާލައި، އަދި ޕަންޖްޝޭރް ވާދީގައި ހިނގާ ހަނގުރާމައިގައި ޕާކިސްތާނުން ބައިވެރިވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަންހެނުންތަކެއް އިސްވެ ކުރި މުޒާހަރާއެއް ކަވަރުކުރަން އުޅެނިކޮށެވެ.
ފުލުހުންގެ އިދާރާއެއްގެ ދޮރުމަތީގައި ކުރި އެ މުޒާހަރާ ކަވަރު ކުރަން ތިއްބައި، ތާލިބާންގެ ހަނގުރާމަވެރިން އައިސް، ދެ ނޫސްވެރިން ހައްޔަރުކޮށްގެން ގެންދިޔައީ ފުލުހުންގެ އިދާރާ ތެރެއަށެވެ. އެތަނުގެ ތެރޭގައި ހައްޔަރުކޮށްފައި ބައިތިއްބައިގެން ވަރަށް ބޮޑަށް އަނިޔާކުރި ކަމަށް ތަގީ އާއި ނިއުމަތުﷲ ބުންޏެވެ.
"އެމީހުން ވަރަށް ގަދައަށް އަހަރެންގެ ގައިގައި ތެޅި. އަހަރެން ހިތަށް އެރި އަހަރެންގެ ހަޔާތުގެ ނިމުން އައިއްޔޭ. ވަރަށް ބާރަށް އަހަރެންގެ ދެ އަތުގައި އެމީހުން ތެޅި. މިދިޔަ ދެ ދުވަހު އަހަރެންގެ ދެ އަތް ގުޑުވައި ވެސް ނުލެވޭ. އަހަރެންގެ ވާތު ލޮލަށް ވެސް ވަރަށް އަނިޔާވި، އަދިވެސް އެ ލޯ ވަރަށް ރަތް. އަހަރެންގެ ވާތު ކަންފަތަށް މިހާރު އެއްވެސް އަޑެއް ނީވެ، ހުންނަނީ ބައްވެފައި. އަހަރެން މިހުރީ ވަރަށް ބިރުން. އަހަރެންގެ ކަންފަތްމަތީ ވަރަށް ބާރަށް ފަސް ވަރަކަށް ފަހަރު އެމީހުން ޖެހި،" ނިއުމަތުﷲ ސީއެންއެން އަށް ކިޔައިދިނެވެ.
"އަހަރެން ތަޅުންގަނޑު މައްޗަށް ބަންޑުން ވައްޓާލާފައި ބާއްވައިގެން އެކަކު ހުރީ އަހަރެންގެ ބޮލަށް ފައިން އަރައިގެން. އަހަރެންގެ މޫނު އޮތީ ތަޅުންގަނޑުގައި ޖައްސާ ފިއްތާލާފައި. އެހެންވެ މުޅި މޫނުގައި މިހުރީ ލޭ. ތަދުވާ ވަރުން އަހަރެން މަސައްކަތް ކުރީ ތެދުވެވޭތޯ. އަހަރެންގެ ބުރަކަށީގައި ނުތަޅާށޭ ބުނެވޭތޯ ވަރަށް މަސައްކަތް ކުރިން."
ތަގީ ދަރްޔާބީ ސީއެންއެން އަށް ކިޔައިދިން ގޮތުގައި، ތާލިބާންގެ ހަނގުރާމަވެރިން، އެ ދެ މީހުން ހައްޔަރުކުރުމަށް ފަހު، ފުލުހުންގެ އިދާރާއަށް ގެންގޮސް 10 ވަރަކަށް މިނެޓް ވަންދެން ގައިގައި ތަޅައި އަނިޔާކުރި އެވެ.
"އަހަންނަކަށް ނޭނގެ އޭރު ގަޑިން ކިހާ އިރެއް ކަމެއް ވެސް. އަހަރެންގެ ހަށިގަނޑުން އެމީހުން އަތުޖެހުނު ތަނެއްގައި ތަޅައި އަނިޔާ ކުރަމުން ދިޔައީ. މިހާރުން ފެށިގެން ނޫސްވެރިންނަށް އަނިޔާ ކުރުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް. އެމީހުންގެ އަނިޔާވެރިކަން އެ ގޮތުގައި ކުރިއަށް ދާ ނަމަ އެއީ، އެމީހުންގެ ސަރުކާރަށް ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލެވެ،" ތަގީ ބުންޏެވެ.
"އެ މީހުން މީގެ ކުރިން ބުނި، ނޫސްވެރިންނަށް އެމީހުންގެ މަސައްކަތް ކުރިއަށް ގެންދަން ފުރުސަތު ދޭނެ ކަމަށް. އެކަމަކު އެއީ އިސްލާމީ ޝަރީއާގެ އިމުގެ ތެރެއިން. އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި ކުރިން އޮތް ނުރައްކާ އަދިވެސް އެބަ އޮތް. ނޫސްވެރިން އެމީހުންގެ މަސައްކަތެއް ނުހުއްޓާނެ. އެއީ މުޖްތަމައުގެ މުޅިން ވަކި ބައެއް. ރައްޔިތުންގެ އަޑު އިއްވައިދޭ ބަޔަކީ އެއީ. ނޫސްވެރިންނަކީ ރައްޔިތުންގެ އަޑު."
މިދިޔަ ހަފުތާގައި ކާބުލް އާއި އެހެން ބައެއް ސަހަރުތަކުގައި ތާލިބާނުންނާ ދެކޮޅަށް ކުރި މުޒާހަރާތައް ކަވަރު ކުރުމުގައި އުޅުނު ނޫސްވެރިންނާއި ފޮޓޯގްރާފަރުންގެ ތެރެއިން 14 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ހަ ނޫސްވެރިއަކަށް ތާލިބާން ހަނގުރާމަވެރިންގެ ފަރާތުން އެކި ވަރުގެ އަނިޔާތައް ކުރިމަތިވި ކަމަށް، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސްގެ ފަރާތުން ބުންޏެވެ.