މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 25 ޕަސެންޓު ދަށަށް
މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 25 ޕަސެންޓު ދަށަށް

މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 25.4 ޕަސެންޓު ދަށްވެއްޖެ އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނީ 1.27 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ ތިން ޕަސެންޓު ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ ދަށްވީ މިދިޔަ އަހަރު ކޮވިޑް-19ގެ ސަބަބުން ރިސޯޓު ކުލީގެ މުއްދަތު ލަސްކުރުމުން އޮގަސްޓު މަހު އެ ފީ ލިބުމުން ކަމަށް މީރާއިން ބުންޏެވެ. މިދިޔަ މަހު ރިސޯޓު ފީ ލިބިފައި ނުވެ އެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީންނެވެ. އެގޮތުން، ޖީއެސްޓީގެ ގޮތުގައި 685.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި 305.27 މިލިއަން ރުފިޔާ ލިބިފައިވާއިރު ގްރީން ޓެކްސްގެ ގޮތުގައި 75.62 އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 40.18 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިދިޔަ މަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 36.92 މިލިއަން ޑޮލަރު ހިމެނެ އެވެ.