12 ސެޕްޓެމްބަރ 2021 - 12:18

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި މައްސަލައިގެ އިސްތިއުނާފު މަރުހަލާގައި ސުޕްރީމް ކޯޓަށް އާ ހެކިތަކެއް ހުށަހަޅަން ޔާމީންގެ ފަރާތުންނާއި ދައުލަތުން ވެސް އެދިއްޖެ އެވެ.
ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަން ސާބިތު ފަސް އަހަރަށް ޖަލަށް ލި ހުކުމް ހައި ކޯޓުން ދެމެހެއްޓުމުން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ވަނީ ފުރަތަމަ އަޑުއެހުން ބާއްވައިފަ އެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން، މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ، މައްސަލައިގައި ޔާމީންގެ ފަރާތުން އާ ހެކިތަކެއް ބަޔާންކޮށް މިއަދު ހެނދުނު ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އޭގެ އިތުރުން ދައުލަތުން މި މައްސަލައިގައި ދީފައިވާ ޖަވާބު ފޯމުގައި ވެސް ދަށު ކޯޓަށް އަދި ހައި ކޯޓަށް ހުށަނާޅާ ހެކިތަކެއް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ ހެކިތަައް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ. އެކަމާ މެދު ގޮތެއް ނިންމާނީ ދެ ފަރާތުން ވާހަކަ ދެއްކެމަށް ފަހު ކަމަށް ވިދާޅުވި އެވެ.
"އެ ހެކިތައް ބަލައިގަތުމާ މެދު ގޮތް ނިންމާނީ އެ ހެކިތަކަކީ ސުޕްރީމް ކޯޓުގެ މި މަރުހަލާގައި ބަލައިގަނެވޭނެ ހެކިތަކެއް ކަމަށް ފާހަގަކުރެވިއްޖެ ކަމަށްވާ ނަމަ ޝަރީއަތުގެ މަޖިލީހުގައި ދެ ފަރާތުން ވާހަކަ ދައްކައި އޮންނަ އުސޫލުން އެޑްމިޓް ކުރެވޭ ހެއްކެއް ނަމަ އެ ހެއްކެއް އެޑްމިޓް ކުރެވޭނީ،" ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި އޮތީ ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. އެ މަނިކުފާނުގެ ފަރާތުން 21 ނުކުތާއެއް ކޯޓަށް ހުށަހެޅި އިރު މިއަދު ވާހަކަ ދައްކާފައި ވަނީ އޭގެ ތެރެއިން ހަތް ނުކުތާއާ ބެހޭގޮތުންނެވެ. ބާކީ ނުކުތާތަކާ ބެހޭގޮތުން ވާހަކަ ދައްކާނީ ދެން އަންނަ އަޑުއެހުމެއްގަ އެވެ.
މިއަދު ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒް ފާހަގަކުރެއްވި ހަތް ނުކުތާގެ ތެރެއިން ފުރަތަމަ ކަމަކީ، ތަހުގީގުގައި ސުވާލުކޮށްފައި ނުވާ ކުށަކަށް ޔާމީނަށް ދައުވާކުރި ކަމަށް ބުނާ މައްސަލަ އެވެ. ތަހުގީގުކުރެވުނީ މަނީ ލޯންޑަރިންގެ ކުށަށް ނޫންކަން ގާނޫނީ އިންޒާރުންނާއި ބަޔާނުން ވެސް އެނގޭ ކަމަށް ޝިޔާޒް ވިދާޅުވި އެވެ. އަދި ތަހުގީގުކުރީ ދޮގު މައުލޫމާތު ދިނުމުގެ މައްސަލައެއް ކަމަށް ވިދާޅުވި އެވެ. ގާނޫނީ އިންޒާރުގައި އެ ލަފްޒު އޮތަސް، ތަހުގީގުގައި މަނީ ލޯންޑަރިންއާ ބެހޭގޮތުން ސުވާލުނުކުރާ ކަމަށް ބުނެފައިވެ އެވެ. އެހެންވެ، ތަހުގީގު ފުރިހަމަވެފައިވާ ކަމަށް ބަލާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ދައުވާގައި ކުށުގެ އަމަލާއި ތަނާއި ވަގުތު ސާފުވާން ޖެހޭ އިރު މިކަންކަން ސާފެއް ނުވާ ކަމަށް ވެސް ޝިޔާޒް ވިދާޅުވި އެވެ. އެގޮތުން ފައިސާ ލޯންޑާކުރި ވަގުތަކާއި، ކޮން އިރަކު ލިބެން ޖެހޭ ކޮން ރަށެއްގެ ފައިސާއެއްކަން ވެސް ބަޔާން ކުރަން ޖެހޭނެ ކަމަށާއި އެ މައުލޫމާތު ވެސް ދައުވާ ފޯމުގައި ބަޔާންކޮށްފައި ނެތް ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އެ ފައިސާ އަކީ ވޮޑަމުލާ ދޫކޮށްގެން ލިބުނު ފައިސާ ކަމަށް ބުނީ މައްސަލައިގެ ތެރެއިން ފަހުންކަން ފާހަގަކުރެއްވި އެވެ. އެގޮތަށް ދައުވާ ފޯމު އެކުލަވާލީ ވެސް ދިފާއުވުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އޭގެ އިތުރުން، ގާނޫނުއަސާސީން ލިބިދީފައިވާ ތަފާތު ނުކުރުމާއި ހަމަހަމަކަމުގެ މާއްދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ޝިޔާޒް ވިދާޅުވި އެވެ. ޔާމީނާ މެދު ތަފާތު ކުރި ގޮތް ކިޔައިދެމުން އޭނާ ފާހަގަކުރެއްވީ މި މައްސަލައިގައި އެތައް ފަރާތަކަށް ތުހުމަތު ކުރެވޭއިރު އަދި އެތައް ބަޔަކަށް ފައިސާ ޖަމާވެފައިވާ ކަމެވެ. ނަމަވެސް، ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ފަރާތާއި އެކައުންޓަށް ފައިސާ ޖަމާ ކުރި ކުންފުންޏާއި އެކަމަށް އެންގި ކަމަށް ބުނާ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަކީ ތަފާތު ކުރުން ކަމަށް ވިދާޅުވި އެވެ. ޔާމީންގެ އެކައުންޓަށް އެއް ޗެކު ޖަމާކޮށްފައި އަނެއް ޗެކު ޖަމާ ކުރުމުގެ ކުރިން 30 އަށް ވުރެ ގިނަ ޓްރާންސެކްޝަން ހިނގިކަން ވެސް ފާހަގަކުރައްވައި އެއިން ފައިސާ ޖަމާވި އެއްވެސް މީހަކަށް ދައުވާ ނުކުރީ ކީއްވެތޯ ވެސް ސުވާލު އުފެއްދެވި އެވެ.
ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށްގެންދިޔައީ، ދައުވާއާ ގުޅޭ މުުހިންމު ލިޔުންތަކެއް ނުދީ ކަމަށާއި އެހެންވެ، ޝަރީއަތް ހިންގީ ގާނޫނާ ހިލާފަށް ކަމަށް ވެސް ވަކީލު ޝިޔާޒް ވިދާޅުވި އެވެ. އަދި ލިޔުންތައް ދިނީ އިބްތިދާއީ މަރުހަލާ ނިމި ހެކި ނެގުމުގެ މަރުހަލާގެ ތެރެއިން ކަމަށް ވެސް ވިދާޅުވި އެވެ. އެ ލިޔުންތަކުގެ ތެރޭގައި އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓުތަކާއި އެސްކްރޯ އެކައުންޓު ހުޅުވުމުގައި ކަން ހިނގި ގޮތުގެ ރިޕޯޓު ހިމެނެ އެވެ. އެ ލިޔުންތައް ނުލިބުމުގެ ސަބަބުން ޝަރީއަތުގެ ކުރިން އެއާ މެދު ހުށަހަޅާ ހުށަހެޅުންތައް ފުރުސަތު ނުލިބުނު ކަމަށް ވިދާޅުވި އެވެ. އެ ލިޔުން ކުރިން ލިބުނު ނަމަ އެސްއޯއެފްގެ އެކައުންޓުން ޔާމީންގެ އެކައުންޓަށް ފައިސާތައް ޖަމާކުރުމުގެ ތެރޭގައި ހިނގި އެތައް ޓްރާންސެކްޝަނެއް އެނގި، ޔާމީންގެ އެކައުންޓަށް ޖަމާ ކުރީ ސީދާ ވޮޑަމުލާގެ ފައިސާ ކަމާ މެދު އިބްތިދާއީ މަރުހަލާގައި ދިފާއަށް ސުވާލު އުފެއްދުނީސް ކަމަށް ޝިޔާޒް ވިދާޅުވި އެވެ.
އޭގެ އިތުރުން، މައްސަލަ ކުރިއަށްގެންގޮސްފައި ވަނީ ދައުވާ ސާފު ނުވަނީސް ކަމަށް ވިދާޅުވި އެވެ. ހާދިސާ ހިނގި ވަގުތު ނުވަތަ ކުށް ހިނގި ވަގުތު ސާފުކޮށްދޭން އެދުނު ނަމަވެސް، ކުށުގެ ޒާތުން އެ ހުރިހާ މައުލޫމާތެއް ދޭން ނުޖެހޭނެ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށް ޝިޔާޒް ވިދާޅުވި އެވެ. އަދި ހެކިންގެ ހެކިބަހުން ބައެއް މައުލޫމާތު އެނގިގެންދާނެ ކަމަށް ދައުލަތުން ބުނެފައިވާއިރު އެފަދަ ދައުވާއަކަށް ޖަވާބުދާރީ ވާނީ ކިހިނެއްތޯ ވަކީލު ސުވާލު އުފެއްދެވި އެވެ.
ޝިޔާޒް ވިދާޅުވީ ކުށުގެ އަމަލާއި ނަތީޖާއާ އެއްވެސް ގުޅުމެއް ނެތި ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވާނީ އަމަލުން ކަމަށާއި ކުރާ ކުށެއްގެ ނަތީޖާއިން ނޫން ކަމަށް ކޯޓުން ނިންމާފައިވާއިރު، އެ ފައިސާ ޖަމާ ކުރުމުގެ އަމަލު ހިންގީ ޔާމީން ނޫން ކަމަށް ވިދާޅުވި އެވެ.
މައްސަލަ ދަށު ކޯޓުގައި ކުރިއަށްގެންގޮސްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތަށް ތާވަލުކޮށްގެން ނޫން ކަމަށް ބުނެ އެކަމާ މެދު ވެސް ހައި ކޯޓުން ނިންމާފައި ވަނީ ގޯސްކޮށް ކަމަށް ބުނެ ނުކުތާއެއް ހުށަހަޅާފައިވެ އެވެ.
މި މައްސަލައިގައި މާދަމާ ހެނދުނު ވެސް އަޑުއެހުމެއް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.