ބަތަލާ ހޭޒަލް އާއި ޔޫވްރާޖް ސިންގް ކައިވެނިކޮށްފި
ބަތަލާ ހޭޒަލް އާއި ޔޫވްރާޖް ސިންގް ކައިވެނިކޮށްފި

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޔޫވްރާޖް ސިންގް އާއި ބޮލީވުޑްގެ ބަތަލާ ހޭޒަލް ކީޗު މިދިއަ ބުދަދުވަހު ކައިވެނި ކޮށްފި އެވެ. މި ރަސްމިއްޔާތުގައި ބައިވެރިވީ އާއިލާގެ މީހުންނާއި ގާތް އެކުވެރިންނެވެ.

ކައިވެނީގެ ރަސްމިއްޔާތުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންގެ ތެރެއިން ވިރާޓު ކޯލީ އާއި އެނޫން ވެސް ބައެއް މީހުން ބައިވެރިވި އެވެ.

ކައިވެންޏާ ގުޅިގެން ޑިސެމްބަރު 5 ގައި ދިއްލީގައި ވަރަށް ބޮޑު ރިސެޕްޝަނެއް އޮންނާނެ އެވެ. މި ރިސެޕްޝަނަށް ސަލްމާން ޚާން، ޝާހްރުކް ޚާން އަދި އާމިރު ޚާން ފަދަ ތަރިން ބައިވެރިވާނެ އެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ހޭޒަލް ބުނެފައިވާ ގޮތުގައި ހަނީމޫނަށް އޭނާ ދާން ބޭނުންވަނީ ހަވާއީ އަށެވެ. ރާޅާއަޅަން އޭނާ ވަރަށް ލޯބިކުރެ އެވެ. ނަމަވެސް ޔޫވްރާޖް ބޭނުންވަނީ އޮސްޓްރޭލިޔާ ކަހަލަ ތަނެއްގައި ހަނީމޫން ހޭދަކުރާށެވެ. އެހެންވެ ދާނެ ވަކި ތަނެއް ކަނޑަނޭޅޭ ކަމަށް ހޭޒަލް ބުނެފައިވެ އެވެ.

ހޭޒަލްގެ ފުރަތަމަ ފިލްމަކީ 2007 ގައި ނުކުތް ތަމަޅަ ފިލްމެއް ކަމަށްވާ "ބިއްލާ" އެވެ. ބޮލީވުޑްގައި ފާހަގަކޮށްލެވޭ ބަތަލާއަކަށް ވީ ސަލްމާން ޚާނާ އެކު "ބޮޑީގާޑް"ގައި މުހިއްމު ބައެއް އަދާކުރި ފަހުންނެވެ. އޭގެ ފަހުން "ބިގް ބޮސް"ގެ ހަތް ވަނަ ސީޒަންގައި ވެސް ހޭޒަލް ބައިވެރިވި އެވެ.

ކައިވެންޏަށް ފަހު ހޭޒަލްގެ ފިލްމީ ކެރިއަރަށް ވާނެ ގޮތަކާ މެދު އޭނާ އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.

ޔޫވްރާޖް އަކީ އިންޑިއާގެ ގައުމީ ޓީމުގައި އެއް ދުވަސްވަރެއްގައި އެންމެ ވިދާލި ކުޅުންތެރިޔާ އެވެ. ނަމަވެސް ކެންސަރު ބަލީގައި ގިނަ ދުވަސްތަކަކު އުޅެން ޖެހުމުން އޭނާގެ ކްރިކެޓް ކެރިއަރަށް ހިޔަނި އެޅުނެވެ.

އެމެރިކާގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާކޮށް ޔޫވްރާޖް މިހާރު ވަނީ އެބަލިން މުޅިން ފަސޭހަވެފަ އެވެ.