އެމްއޭސީއެލްގެ 90 ޕަސެންޓް މުވައްޒަފުން ވެކްސިން ފުރިހަމަކޮށްފި
އެމްއޭސީއެލްގެ 90 ޕަސެންޓް މުވައްޒަފުން ވެކްސިން ފުރިހަމަކޮށްފި

ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ 90 ޕަސެންޓް މުވައްޒަފުން ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި މިހާތަނަށް 99.9 ޕަސެންޓް މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފަ އެވެ.

އެއާޕޯޓުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން އެމްއޭސީއެލްގެ ވެކްސިނޭޝަން ޕްރޮގްރާމް ފެށީ މިދިޔަ މާޗު މަހު އެވެ. މި ޕްރޮގްރާމުގެ ދަށުން އެމްއޭސީއެލްގެ މުވައްޒަފުންގެ އިތުރުން އެއާޕޯޓް ފާސް އޮންނަ 1716 މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް އެ ކުންުފނިން ބުންޏެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން ސްޓުވާޓް ވިދާޅުވީ އެ ކުންފުނީގެ ގާތްގަނޑަކަށް ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަކީ އެއާޕޯޓަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ މިހާ ގިނަ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރި އެންމެ ފުރަތަމަ އެއް އެއާޕޯޓް ކަމަށާއި މިއީ މި ދުވަސްވަރު ރައްކާތެރިކަމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓަށް އަންނަ ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްއޭސީއެލް އިން އަޅާފައިވާ ފިޔަވަޅުތައް ބައިނަލްއަގުވާމީ ގޮތުން ވެސް ވަނީ ބަލައިގެންފަ އެވެ. އެގޮތުން، މިދިޔަ އަހަރު އޭސީއައި ހެލްތު އެކްރެކްރެޑިޓޭޝަން ސެޓްފިކެޓް އެ ކުންފުންޏަށް ލިބުނުއިރު މި އަހަރު އޭސީއައި "ވޮއިސް އޮފް ދަ ކަސްޓަމާ ރެކޮގްނިޝަން" އެވޯޑު ވެސް ވަނީ ލިބިފަ އެވެ. ވީއައިއޭއަކީ އޭސީއައި ހެލްތު އެކްރެޑިޓޭޝަން ސެޓްފިކެޓް ލިބުނު އޭޝިއާ ޕެސިފިކްގެ ދެ ވަނަ ގައުމެވެ.