އެއާޕޯޓުން ކަރަންޓު ކެނޑި ހިދުމަތްތަކަށް ބުރޫ އަރައިފި
އެއާޕޯޓުން ކަރަންޓު ކެނޑި ހިދުމަތްތަކަށް ބުރޫ އަރައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑިގެން ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

އެއާޕޯޓުގައި ހުރި މީހަކު "މިހާރު" އަށް ބުނި ގޮތުގައި ކަރަންޓު ކެނޑުނީ ހެނދުނު 9:40 ހާއިރު އެވެ. އިންޓަނޭޝަނަލް ޓާމިނަލާއި ޑޮމެސްޓިކް ޓާމިނަލުގައި ކަރަންޓު ނެތް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ކަރަންޓު ކެނޑުމުގެ ސަބަބުން ޗެކިން ހުއްޓިފައިވާ ކަމަށާއި އެހެން ހިދުމަތްތައް ވެސް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އެއާޕޯޓުން ކަރަންޓު ކެނޑިފައިވާ ކަން އެމްއޭސީއެލް އިން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އެމްއޭސީއެލް އިން ކުރި ޓްވީޓެއްގައި ބުނީ އެއާޕޯޓުން ކަރަންޓު ކެނޑިފައިވާ ކަމަށާއި މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަކަށް ކަރަންޓު ދޭން ޓެކްނިކަލް ޓީމުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ކަރަންޓު ކެނޑެން ދިމާވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.