12 ސެޕްޓެމްބަރ 2021 - 10:36

ދިވެހިންނަށް އުންމީދީ މެސެޖެއް ދިނުމަށް ފަހު، ޓިއުނީޝިއާގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކުރަން ދީމާ އަލީ ޓިއުނީޝިއާ އަށް ފުރައިފި އެވެ.
ކޮލަމްބޯ މަގުން ޓިއުނީޝިއާ އަށް ފުރުމުގެ ކުރިން ދީމާ ވަނީ ދިވެހިންނަށް އުންމީދެއް ދީފަ އެވެ.
"ދީމާގެ އުންމީދަކީ ރާއްޖެ އަށް މެޑަލްއެއް ހޯދައިދީ ގައުމު ފަހުރުވެރިކޮށް ދިނުން،" ލަންކާގެ ކަލްޗަރަލް ސެންޓަރުން ގެނެސްދިން ވީޑިއޯ އަށް ދިން އިންޓަވިއުގައި ދީމާ ބުންޏެވެ.
ދީމާގެ ޓްރޭނިންތައް ކުރިއަށް ގެންދަނީ، ލަންކާގައި ހުންނަ ރާއްޖޭގެ ކަލްޗަރަލް ސެންޓަރު، ސޯސަން ވިލާގަ އެވެ. ކޮންމެ ހަފުތާއަކު ހަ ދުވަހު، ދުވާލަކު ދެ ގަޑިއިރު އޭނާގެ ޓްރޭނިންތައް ކުރިއަށްގެންދެ އެވެ. ލަންކާގައި އޭނާ އަށް ކޯޗުކޮށްދެނީ އެ ގައުމުގެ ކުރީގެ ކެޕްޓަން ރޯޝަން ސިރިސޭނާ އެވެ.
ރޯޝަން ބުނީ، ދީމާ ތައްޔާރު ވާން ފެށީ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕަށް ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ މުބާރާތް ފަސް ކުރުމުން ޑަބްލިއުޓީޓީ ޔޫތު ކޮންޓެންޑާ ދެ މުބާރާތަށް ސަމާލުކަން ދީގެން ޕްރެކްޓިސްތައް ބައްޓަންކޮށްފައި ވާނެ ކަމަށް ރޯޝަން ބުންޏެވެ،
"ދީމާ މިހާރު ހުރި ލެވަލްގައި އަހަންނަށް އުންމީދު ކުރެވޭ ހާއްސަ ކަމެއް ޓިއުނީޝިއާ އަދި ޕޯޗުގަލް މުބާރާތުން ހާސިލު ކުރެވޭނެ ކަމަށް،" ރޯޝަން ބުންޏެވެ.
ދީމާ އަށް ޕޯޗުގަލްގެ ވިސާ އަދި ނުލިބެ އެވެ. ޓިއުނީޝިއާގެ ވިސާ އޭނާ އަށް ލިބުނީ އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ޓިއުނީޝިއާގެ އެމްބަސީންނެވެ. ދިއްލީން އިއްޔެ މާލެ އައި ފްލައިޓުން ދީމާގެ ޕާސްޕޯޓް ރާއްޖެ ގެނެސް ރޭ ވަނީ ލަންކާ އަށް ފޮނުވައިފަ އެވެ. ދީމާ އަށް ޕާސްޕޯޓް ލިބުނީ ޓިއުނީޝިއާ އަށް ފުރަން ކޮލަމްބޯ އެއާޕޯޓްގައި ހުއްޓަ އެވެ.
އެ މަރުހަލާތައް ފުރިހަމަކޮށް ދިނުމުގައި އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި ލަންކާގައި ހުންނަ އެމްބަސީން ކުރި މަސައްކަތް، ޓީޓީއެމްގެ ރައީސް އަލީ ރަޝީދު ފާހަގަކުރެއްވި އެވެ.
"އިރާދަ ކުރެއްވިއްޔާ ޓިއުނީޝިއާގެ ގަޑިން މިއަދު 1:30 (ރާއްޖޭ ގަޑިން ހަވީރު 5:30) ގައި ފްލައިޓް ތޫނިސްގައި ލޭންޑް ކުރާނެ،" އަލީ ވިދާޅުވި އެވެ.
އަލީ މިއަދު ވިދާޅުވީ، ދީމާ ޓިއުނީޝިއާ އަށް ދިއުމުން ތޫނިސްގައި ހުންނަ ޕޯޗްގަލްގެ އެމްބަސީ މެދުވެރިކޮށް ޕޯޗުގަލްގެ ވިސާ ލިބޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
ޓިއުނީޝިއާ އަދި ޕޯޗުގަލްގެ މުބާރާތުގައި ދީމާ ވާދަކުުރާނީ 15 އަހަރުން ދަށުގެ ކެޓެގަރީގަ އެވެ. އެ ކެޓެގަރީގެ އަންހެން މުބާރާތް ކުރިއަށް ގެންދާނީ މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ ކުރިން ބޭއްވި ހައި ޕޯފަމަންސް ކޯޗިން ކޭމްޕުގައި ދީމާ އަށް ބައިވެރިއެއް ނުވެވުނެވެ. ކޯޗިން ކޭމްޕް މިއަދު ނިމޭނެ އެވެ.
އެ މުބާރާތްތުގައި ވާދަކޮށްގެން ދުނިޔޭގެ ޓޮޕް ރޭންކިންގައި މަގާމު ދެމެހެއްޓުމުގެ ފުރުސަތު ލިބެ އެވެ. ޔޫތު ކޮންޓެންޑާ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ދެނީ 19 އަހަރުން ދަށް އަދި 15 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން ރޭންކިންގެ ގަދަ 30 ކުޅުންތެރިންނަށެވެ. އައިޓީޓީއެފްގެ ރޭންކިން މަރުހަލާއެއްގެ އެންމެ މަތީ ލެވަލްގައި ހިމެނޭ ދިވެހި ހަމައެކަނި ކުޅުންތެރިއަކީ ދީމާ އެވެ. މި ވަގުތު ދީމާ ހިމެނެނީ 15 އަހަރުން ދަށުގެ އަންހެން ރޭންކިންގެ ދުނިޔޭގެ 13 ވަނަ މަގާމުގަ އެވެ. އޭޕްރީލް މަހު ރޭންކިންގެ އަށް ވަނަ އަށް ވެސް އޭނާ ޖެހިލި އެވެ. އަދި 17 އަހަރުން ދަށުގެ ކެޓެގަރީން ދުނިޔޭގެ 41 ވަނައިގައި އޭޕްރީލް މަހު ދީމާ ހިމެނުނެވެ.