ފަގީރު ގައުމުތަކުން ޗައިނާ އަށް 385 ބިލިއަން ޑޮލަރު ދަރާފައި
ފަގީރު ގައުމުތަކުން ޗައިނާ އަށް 385 ބިލިއަން ޑޮލަރު ދަރާފައި

"ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" މަޝްރޫއުތަކުގެ ދަށުން ދުނިޔޭގެ 165 ގައުމަކުން ޗައިނާ އަށް ދައްކަން ޖެހޭ ދަރަނި 385 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ރިސާޗަރުންގެ ގްރޫޕަކުން ބުނެފި އެވެ.

ފަގީރު ގައުމުތަކުން ޗައިނާ އަށް 385 ބިލިއަން ޑޮލަރު ދަރާފައި
ފަގީރު ގައުމުތަކުން ޗައިނާ އަށް 385 ބިލިއަން ޑޮލަރު ދަރާފައި

އެމެރިކާގެ ރިސާޗް ލެބެއް ކަމަށްވާ އެއިޑްޑޭޓާ އިން ބުނީ ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ހިންގި ދިރާސާއަކުން އެނގުނު ގޮތުގައި ދަރަނި ވަނީ ޕަބްލިކް ބެލެންސް ޝީޓުން އުނިކޮށް، ސެމި-ޕްރައިވެޓް ލޯނުތަކުގެ ގޮތުގައި ހިމަނަފައިފަ އެވެ. އަދި އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކާއި މެދު ފަންތީގެ 42 ގައުމަކުން ވަނީ ޗައިނާ އަށް ދައްކަން ޖެހޭ ދަރަނި އެ ގައުމުތަކުގެ ޖީޑީޕީގެ 10 ޕަސެންޓަށް ވުރެ އިތުރުވެފައި ކަމަށް ވެސް ބުނެފައިވެ އެވެ. އެ ގައުމުތަކުގެ ތެރޭގައި ލާއޯސް، ޕަޕުއާ ނިއު ގިނީ، ދިވެހި ރާއްޖެ، ބުރޫނާއީ، ކެމްބޯޑިއާ އަދި މިއަންމާ ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އެއިޑްޑޭޓާ އިން މިސާލެއްގެ ގޮތުން ފާހަގަކުރި އެއް ގައުމަކީ ލާއޯސް އެވެ. ގާތްގަނޑަކަށް 9.5 ބިލިއަން ޑޮލަރުގެ ޗައިނާ-ލާއޯސް ރޭލްވޭ ޕްރޮޖެކްޓަށް ޚަރަދުކޮށްފައި ވަނީ ނުރަސްމީ ދަރަނީގެ ގޮތުގަ އެވެ. އެއީ އެ ގައުމުގެ ޖީޑީޕީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިގެ އަދަދެކެވެ. މިފަދަ ދަރަނި އެއިޑް ޑޭޓާ އިން ސިފަކޮށްފައި ވަނީ "ފޮރުވިފައިވާ ދަރަނީ"ގެ ގޮތުގަ އެވެ.

ބައިނަލްއަގުވާމީ އިންވެސްޓްމަންޓް ޕްރޮގްރާމެއްގެ ގޮތުގައި ޗައިނާގެ ބެލްޑް އެންޑް ރޯޑް ޕްރޮޖެކްޓް ރައީސް ޝީ ޖިންޕިން ފައްޓަވައިދެއްވީ 2013 ވަނަ އަހަރު އެވެ. ބެލްޓް މަޝްރޫއުގައި ވަނީ 100 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެފަ އެވެ. އެ މަޝްރޫއުގެ މާކުރިން ވެސް ޗައިނާ އިން ދިޔައީ ގައުމުތަކުގައި މަޝްރޫއުތައް ހިންގަމުންނެވެ. އެއިޑްޑޭޓާ އިން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި 2000 އާއި 2017 ވަނަ އަހަރާ ދެމެދު ޗައިނާ އިން ވަނީ 165 ގައުމެއްގައި 13،000 މަޝްރޫއު ހިންގައިފަ އެވެ. އެ މަޝްރޫއުތަކުގެ އަގު 843 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް ބުނެފައިވެ އެވެ. އެފްރިކާ އާއި އޭޝިއާގެ ގައުމުތަކުގައި ޗައިނާ އިން ހިންގާ މަޝްރޫއުތަކުގެ ތެރޭގައި މަގުތަކާއި ބްރިޖްތަކާއި ބަނދަރާއި ހޮސްޕިލް ފަދަ ތަންތަން ހެދުން ހިމެނެ އެވެ.

އެއިޑްޑޭޓާގެ އެގްޒެކެޓިވް ޑިރެކްޓަރު ބްރެޑް ޕާކްސް ވިދާޅުވީ ޗައިނާ އިން ދޭ ލޯނު ސަރުކާރުން ސަރުކާރަށް ދޭ ލޯނަށް ވުރެ ބޮޑަށް މިހާރު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާ ކުންފުނިތަކަށް ވެސް ދޫކުރަން ފަށައިފަ އެވެ.

"ގިނަ ލޯނުތައް މިހާރު ދެނީ މައި ސަރުކާރަށް ވުރެ ބޮޑަށް އެހެން ޕާޓީތަކަށް. އެ ޕާޓީތަކުން ލޯނު ނުދެއްކިއްޖެ ނަމަ ސަރުކާރުން ދައްކާ ގޮތަށް ގެރެންޓީން ހޯދުމަށް ފަހު،" ޕާކްސް ވިދާޅުވި އެވެ.

ޗައިނާގެ ބެލްޓް މަޝްރޫއުގެ ކައުންޓަ ޕްރޮގްރާމެއްގެ ގޮތުގައި ތަރައްގީވެފައިވާ ގައުމުތައް ހިމެނޭ ޖޯ7 އިން ވަނީ "ބިލްޑް ބެކް ބެޓާ ވޯލްޑް" އިންފްރާސްޓްރަކްޗާ މަޝްރޫއެއް ފަށައިފަ އެވެ.

އެއިޑްޑޭޓާ އިން ބުނި ގޮތުގައި ޗައިނާގެ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ބޮޑުވެފައި، ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު ވެސް ކުޑަ އެވެ.