ރީތި ހިނިތުންވުމަކާ އެކު ކެޓުރީނާ ރާއްޖެ އިން ފުރައިފި
ރީތި ހިނިތުންވުމަކާ އެކު ކެޓުރީނާ ރާއްޖެ އިން ފުރައިފި

ބޮލީވުޑްގެ ރީތި ބަތަލާ ކެޓުރީނާ ކައިފް ރާއްޖޭން ފުރައިފި އެވެ. މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާއާ އެކު މަޖައްލާއެއްގެ ފޮޓޯތަކެއް ނަގަން ކެޓުރީނާ ރާއްޖެ އައީ މީގެ ހައެއްކަ ދުވަސް ކުރިންނެވެ.

ރާއްޖޭން ފުރަމުން "ބައި ބައި މޯލްޑިވްސް" ކިޔާފައި ކެޓުރީނާ ވަނީ ރާއްޖޭގެ ގޮނޑުދޮށުގެ ރީތި ފޮޓޯއެއް ފޭސްބުކްގައި ހިއްސާ ކޮށްފަ އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ ރާއްޖޭގައި ކެޓުރީނާ ބައިވެރިވި މި ފޮޓޯޝޫޓަކީ މިހާތަނަށް އޭނާ ނެގި އެންމެ ރީތި ފޮޓޯތަކަށް ވާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

އެހާ ރީތި ފޮޓޯތަކެއް ރާއްޖޭގެ ގޮނޑުދޮށުގައި ނެގުމުން ކެޓުރީނާ މަތިން އެ ގޮނޑުދޮށްތައް ވެސް ހަނދާން ކުރާނެ ކަމަށް ބައެއް ނޫސްތަކުން ސިފަކުރެ އެވެ.

މަޖައްލާގެ ފޮޓޯތައް ޝޫޓްކުރުމުގެ އިތުރުން ކެޓުރީނާ ވަނީ މަނީޝްގެ އުފަން ދުވަސް ވެސް ރާއްޖޭގައި ފާހަގަކޮށްފަ އެވެ.

ކެޓުރީނާ ކުޅެމުން އަންނަ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްކުރާނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ އެކު އުޅޭ "ޖައްގާ ޖާސޫސް" އެވެ. މި ފިލްމު ރިލިޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް 17 ގަ އެވެ.

އޭނާ ދެން އެންމެ އަވަހަށް ޝޫޓިން ފަށާނީ ސަލްމާން ޚާނާ އެކު ކުޅޭ "ޓައިގާ ޒިންދާ ހޭ" އެވެ. މިއީ ކުރިން މި ދެ ތަރިން އެކުގައި ކުޅުނު "އޭކް ތަ ޓައިގާ"ގެ ބައެކެވެ.