11 ސެޕްޓެމްބަރ 2021 - 21:16

މެންޗެސްޓާ (ސެޕްޓެމްބަރު 11) - މެންޗެސްޓާ ޔުނައިޓެޑަށް ދެ ވަނަ ފަހަރަށް ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އައި މެޗުގައި ނިއުކާސަލް ޔުނައިޓެޑާ ކޮޅަށް ދެ ލަނޑު ޖަހައި އޯލްޑް ޓްރެފޯޑް ކައްކުވާލައިފި އެވެ.

ޔުނައިޓެޑުން މެޗު ކާމިޔާބު ކުރީ 4-1 އިންނެވެ. ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ފުރަތަމަ 11 އިން ރޮނާލްޑޯ އަށް ފުރުސަތު ދީފަ އެވެ. މުޅި އޯލްޑް ޓްރެފޯޑް ގުގުމާލީ "ރޮނާލްޑޯ.. ރޯނާލްޑޯ" ގެ ނަމުންނެވެ.

ރޮނާލްޑޯ އެނބުރި އައުމުން އިހްސާސް ކުރެވުނީ އެލެކްސް ފާގަސަންގެ ޒަމާން އެނބުރި އައީ ކަމުގަ އެވެ. އޭރު އޮތް ފޯރި އާއި ޖޯޝް މިއަދު އޯލްޑް ޓްރެފޯޑުން ފެނިގެން ދިޔަ އެވެ.
ރޮނާލްޑޯގެ ކެރިއާގައި ފުރަތަމަ ހެޓްރިކް ހެދީ ޔުނައިޓެޑްގެ ޖޯޒީގައި ނިއުކާސަލް ކޮޅަށެވެ. މިއަދުގެ މެޗަށް އިނގިރޭސި މިޑިއާތަކުން ގެނެސްދިން ކަވަރޭޖުގެ ތެރޭގައި އެ މެޗުގެ ހައިލައިޓްސްތައް އިރުއިރުކޮޅާ ފޮނުވަމުން ދިޔަ އެވެ.
މެޗުގައި ރޮނާލްޑޯ ޔުނައިޓެޑަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގަ އެވެ. ނިއު ކާސަލްގެ ކީޕަރު ފްރެޑީ ވުޑްމަން އަށް ހެދުނު މިސްޓޭކުގެ ފައިދާ ނަގައި ރޮނާލްޑޯ ވަނީ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ޔުނައިޓެޑުގެ މޭސަން ގްރީންވުޑް އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ވުޑްމަން އަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވި އޭނާ އަތުން ބޯޅަ ދޫވި އެވެ. ކުރިމަތީގައި ހުރި ރޮނާލްޑޯ ވަނީ ގޯލްގެ ތެރެއަށް އެ ބޯޅަ ވައްދާލައިފަ އެވެ.
ދެ ވަނަ ހާފުގައި ނިއު ކާސަލްއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުގެ ލަނޑު ހާވީ މެންކިޔޯ ކާމިޔާބު ކުރީ 56 ވަނަ މިނެޓުގައި އެލަން ސެއިންޓް މެކްސިމަން ދިން ބޯޅަ ގޯލްގެ ކަނަށް ވައްދާލައިގެންނެވެ.
ނަތީޖާ ހަމަހަމަ ކުރެވުމުން، އެ ނަތީޖާ ހިފެހެއްޓުމުގެ ރޫހެއް ނިއުކާސަލްގެ ޓީމަކުން ނުފެނުނެވެ. އޭގެ ހަ މިނެޓް ފަހުން ރޮނާލްޑޯ ވަނީ އަލުން ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. ލޫކް ޝޯ ބާރު ސްޕީޑް ބޭނުންކޮށްގެން ދުވެފައި ގޮސް ނިއުކާސަލްގެ އޭރިއާ ހަމައަށް ދިޔައިރު ރޮނާލްޑޯ ހުރީ އޮފްސައިޑް މަޅިން ނެއްޓި ރަނގަޅު ޕޮޒިޝަންގަ އެވެ. ލޫކް ޝޯ ބޯޅަ ދިނުމުން ރޮނާލްޑޯ ވަނީ އޭރިއާ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް އެ ބޯޅަ ވައްދާލައިފަ އެވެ. ބޯޅަ ގޯލަށް ވަނީ ކީޕަރު ވުޑްމަންގެ ދެފައި ދޭތެރެއިންނެވެ.
ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ، ރޮނާލްޑޯގެ ޕޯޗުގަލްގެ ޓީމު މޭޓް ބުރުނޯ ފެނާންޑޭޒް އެވެ. އޭރިއާގެ ބޭރުން ޕޯލް ޕޮގްބާ ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ފެނާންޑޭޒް ވަނީ ބާރު އުންޑައެއްހެން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ޔުނައިޓެޑުގެ ހަތަރު ވަނަ ލަނޑު ޖެސީ ލިންގާޑް ކާމިޔާބު ކުރީ ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގަ އެވެ. އެ ލަނޑު ޖަހަން އެސިސްޓްކޮށްދިނީ ވެސް ޕޮގްބާ އެވެ.