12 ސެޕްޓެމްބަރ 2021 - 07:10

ބުދަ ދުވަހާ ގުޅޭ
"މިނިވަން ކެންޑިޑޭޓެއް ގޮތުގައި ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރަން ނަޖާތު ނިންމައިފި!" ރާއްޖޭގެ އެންމެ ނުފޫޒު ގަދަ ނޫހުގައި ޖަހައިފައި އޮތެވެ.
މޭޒުމައްޗަށް އެ ނޫސް ޖެހުމާއެކު ބައެއް މީހުން ސިއްސައިގެން ގޮސް ނޫހަށް ބަލައިލިއެވެ. އަނެއް ބަޔަކު ދެން ވެސް އިސްޖަހައިގެން ތިބީއެވެ. ކުރިން އެ ސުރުހީ ފެނިފައިވީތީއެވެ.
"މީ އަހަރެން ބުނި ވާހަކަ." ކޯފާވެފައި ތާމިރު ވިދާޅުވިއެވެ.
ވެރިކަންކުރާ ޕާޓީގެ ސިއްރު ބައްދަލުވުމުގައި ބައިވެރިވި މީހުންގެ ތެރެއިން، އެއްޗެއް ބުނަން ކެރުނީ މިސްބާހަށެވެ. އޭނައަކީ، ސީދާ ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ ދޭ މުޝީރެކެވެ. ބައްދަލުވުންތަކުގައި، އާންމު ގޮތެއްގައި މިސްބާހު އިހުތިޔާރުކުރާނީ ހަނުހުރުމެވެ. އޭނައަކީ އެ ތަނުގައި އިންނަ މީހެއް ހެނެއް ވެސް ހިޔެއް ނުވާނެއެވެ. އެހެނަސް، ދެކެވޭ ހުރިހާ ވާހަކައަކާ މެދު ފުންކޮށް ވިސްނާނެއެވެ. މުޅި ބައްދަލުވުމުގައި އެންމެން ދެއްކި ވާހަކަ އަޑުއަހައިފައި، މިސްބާހަށް ފެންނަ ގޮތް ރައީސަށް ހުށައަޅަނީ ރިޕޯޓެއްގެ ސިފައިގައި ލިޔުމުންނެވެ. މިސްބާހު ދޭ ލަފައެއް ނުވަތަ ރުހުމެއް ވިޔަސް ފަހަކުން ބަދަލެއް ނުކުރެއެވެ. ލިޔެކިޔުމުން އެ ކަން ސާބިތުވެއެވެ. މިސްބާހުގެ އެ ސިފަ، ތާމިރަށް ވަރަށް ކަމުދެއެވެ.
"އަޅުގަނޑު ދެންނެވިން ތި ވާހަކަ،" މިސްބާހު ބުންޏެވެ. "އަޅުގަނޑު ދެންނެވިން ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތް ހަދަން މީ އެންމެ މުނާސަބު ދަނޑިވަޅެއް ނޫނޭ! އެކަމަކު މަޖިލީސް މެންބަރުން ޖަޒުބާތުގަ ޖެހިވަޑައިގެން ތި ކަން ތި އޮތީ ކޮށްފަ. ރަނގަޅު. އިންޓަނެޝަނަލް މީޑިޔާތަކާ، ބޮޑެތި ގައުމުތަކުގެ ތައުރީފު ލިބުނު. އޭގެ ސަބަބުން އެހީތައް އޮހޭނެ. އެކަމަކު ފޮނިކޮޅު ބޯލާނީ އެހެން ބަޔަކު. ހީވާ ކަހަލަ މީ ގަސްތުގަ އެހެން ބަޔަކަށް ދިން ފުރުސަތެކޭ."
ރައީސް ތާމިރު ބައްލަވައިލެއްވީ އައްޒާމަށެވެ. ޖަވާބެއް ބޭނުންފުޅު ވެގެންނެވެ. އައްޒާމަކީ، ޕާޓީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރެވެ.
"އަޅުގަނޑުގެ ނިޔަތް ހެޔޮ،" ހަތަރުކަޅި ހަމަކުރަން އުނދަގޫވެފައި އިން އައްޒާމު ބުންޏެވެ. "މީ ޕާޓީއަށް ބައިނަލްއަގްވާމީ ސަމާލުކަން އިންތިހާއަށް މުހިންމު ދަނޑިވަޅެއް. ކެންޕޭން އެ އޮތީ ބޯމަތިވެފަ. ފައިސާއެއް ނެތް. ކުރީ ފަހަރު ނެގި ބައެއް ދަރަނި އަދި ވެސް އެއްކޮށް އަދައެއް ނުވޭ! ރައީސް ފެހި ސިގުނަލު ދެއްވީމަ އަޅުގަނޑު އިސްނެގީ."
"ކޮންމެ ކަމެއް އަހަރެންގެ ބޮލަށް،" ތަންކޮޅެއް މަޑުމަޑުން ތާމިރު ވިދާޅުވިއެވެ. "ތީ އަހަރެން ބުނާހާ ކަމެއް ކުރަން ތިބި ރޮބަޓުތަކެއްތޯ؟ އައްޒާމްގެ ދެ ކަންފަތް ދޭތެރޭ އޮންނަން ޖެހޭ ސިކުނޑި ކޮބައިތޯ؟ މަޖިލީހުގަ އިންނަތާ ގަރުނެއް ވަނީ. މިހާރު ހިތަށްއަރާ މިސްބާހު ދިން ލަފާ ގަބޫލުކުރެވުނު ނަމައޭ. ހައްތަހާ ވެސް މެޖޯރިޓީއަށް ބަލާފަ ކަންކަން ނިންމަން ހިފާތީ މިހެން މި ވަނީ. އެއްކޮޅުން ޕާޓީ. އަނެއްކޮޅުން ފެމެލީ. މި ކަހަލަ ވެރިކަމަކަށް ވުރެ މާ ރަނގަޅުވާނެ މަސްވެރިކަން ވެސް."
ރައީސް ތާމިރުގެ ވާހަކަފުޅު މެދުކެނޑުމުން ވެސް މީހަކު އެއްޗެއް ނުބުނެއެވެ.
"ދެން އިވޭނީ ނަޖާތު އިދިކޮޅާ ގުޅުނު ވާހަކަ. އެއީ ދެން ނުވެ އޮތް ކަމަކީ،" ރައީސް ތާމިރު ވިދާޅުވިއެވެ. "އޭނައަށް އެބަ ޖެހޭ ވިސްނައިދޭން."
"އަޅުގަނޑުގެ އެބަ އޮތް ހިޔާލެއް!" ވަރަށް ފުން ނޭވައެއް ބޭރުކޮށްލައިފައި އައްޒާމު ބުންޏެވެ. "މެދު ދަތުން ނެހެފޭ އެއްޗެހި ކޮލު ދަތުން ހެފޭނެ ނޫންތޯ!"
ވައްބަހުން އެއްޗެހި ބުނަންޖެހެނީ، ޖެހިގެން އިންނަ މީހާއަށް ވެސް އިތުބާރު ނޯންނާތީއެވެ. ޝައްކުކުރެވޭތީއެވެ. އެއް ދުވަހު ބުނާ އެތި ރިކޯޑުކޮށްފައި އަނެއް ދުވަހު މީސްމީޑިޔާއަށް ދޫކޮށްލައިފާނެތީއެވެ. އައްޒާމު ބުނީ ކީކޭކަން އެންމެނަށް އެނގުނެވެ. ހަމަ އެހެންމެ، އައްޒާމުގެ ޝައްކު ޖާއިޒެވެ. އެ ވާހަކަ ހޫނުކަންމަތީގައި މުންސިރުގެ ކަންފަތާ ހަމައަށް އައެވެ.
މުންސިރަށް ގެއަށް ވަދެވުނީ ދަންވަރު ބާރަޖަހަން އުޅެނިކޮށެވެ. އޭރު ސޯފާ މަތީގައި ނަޖާތުގެ ބޮޑު ފޮޓޯއެއް އޮތެވެ. ފޮޓޯގެ ތިރީގައި "މި ފަހަރު އަންހެނަކަށް" ޖަހައިފައި އޮތެވެ. ފޮޓޯ ނަގައިގެން އެއަށް ބަލަން މުންސިރު ހުއްޓައި ނަޖާތު ނުކުތީ ދަރިންގެ ކޮޓަރިންނެވެ.
"ސަޅި؟" ނަޖާތު ސުވާލުކުރިއެވެ.
"އަހަރެން ބުނީ ޕޮލިޓިކްސްއާ ދުރަށް ދާށޭ! ތި ކަން ހުއްޓާލާށޭ!" ވަރަށް އޯގާތެރިކަމާ އެކުގައި މުންސިރު ބުންޏެވެ. "އެހެންނޫނީ އެ މީހުން ނަޖާތު ދުއްވައިލަފާނެ."
މުންސިރު ދެއްކި އެއްވެސް ވާހަކައަކީ ނަޖާތު އަހާހިތްވާ ކަހަލަ ވާހަކައެއް ނޫނެވެ. އެހެންކަމުން މުންސިރު އަތުގައި އޮތް ފޮޓޯ އަތުލައި، އޮޅައިލުމަށް ފަހު، އެ ހޮޅީގެ ތެރެއިން ދުރު ބަލައިލިއެވެ.
"އަހަންނަށް މި ފެންނަ ފިއުޗަރ މުންސިރަށް ނުފެންނަނީ،" ކައިރީގައި އޮތް ބަންނަ ރަބަރުފަށް ފޮޓޯގަނޑުގައި އޮޅައިލަމުން ނަޖާތު ބުންޏެވެ. "އިރާދަކުރެއްވިއްޔާ އަހަންނަކަށް އެއް ކަމެއް ވެސް ނުވާނެ. ކޮން މީހުންނެއްގެ ވާހަކަ ތި ދައްކަނީ؟ ސަރުކާރު؟ އޮޕޯޒިޝަން؟"
"ދެ ބައި." މުންސިރު ޖަވާބުދިނެވެ.
ނަޖާތު ފޯނު ނެގިއެވެ. ބޭނުންވާ މެސެޖު ހޯދައިލިއެވެ. މުންސިރަށް ދައްކައިލިއެވެ.
"ޖަހާފަ އޮތް ނަމަކަށް ބަލާނެކަމެއް ނެތް. އެނގޭތަ އަސްލު ތީ ކާކުކަން؟" ނަޖާތު އެހިއެވެ.
މުންސިރު ބަލައިލި އިރު އެ މެސެޖު ފޮނުވައިފައި އޮތީ "ބޭބެ" އެވެ.
"ކާމިޔާބުލިބޭނީ ހައްގަށް. ތެދުވެރިކަމާ އެކުގައި ކުރިޔަށް ވަޑައިގަންނަވާ! އަޅުގަނޑުގެ ތާއީދު އެބަ އޮތް." މެސެޖުގައި އޮތެވެ.
"ތީ ސްޕްރީމް ކޯޓުގެ ޖަޖު،" ނަޖާތު ފޯނު ލިބިގެންފައި އަނެއްކާ އެހެން މެސެޖެއް ދައްކައިލިއެވެ. "މި ކިޔާލަބަލަ!"
އެ މެސެޖު ފޮނުވައިފައި އޮތީ "ފްރެންޑް" އެވެ.
"ވޯޓަކަށް ނުފޫޒެއް ނުފޯރުވޭނެ! ހުރިހާ ހިމާޔަތެއް ދޭނަން." އެ މެސެޖުގައި އިނގެރޭސިން އޮތެވެ.
"ތީ ސީޕީގެ މެސެޖެއް،" ނަޖާތު ބުންޏެވެ. "އަދިވެސް ބައިވަރު މެސެޖު އެބަހުރި. އަހަންނަކާ ނުކުޅެވޭނެ."
އެއިން އެއްވެސް މެސެޖެއް މުންސިރަކަށް ކަށަވަރެއް ނުކުރެވެއެވެ. ނަޖާތު އެ ބުނަނީ ތެދެއްކަމެއް ސާބިތެއް ނުވެއެވެ. ކޮންމެ މެސެޖެއް ދައްކައިފައި ކޮންމެ އެއްޗެކޭ ވެސް ބުނެވިދާނެއެވެ. ނަޖާތުގެ ގޮތް މުންސިރަށް އެނގެއެވެ. ނަޖާތު ބޭނުންވާ ކަމެއް ނަޖާތު ކުރާނެއެވެ.
ނަޖާތަކީ ދެ ޕާޓީއަށް އޮތް ބިރަކަށް ވިއެވެ. އިދިކޮޅުން ބޭއްވި ސިއްރު ބައްދަލުވުމުގައި ވެސް މައުލޫއަކީ ނަޖާތެވެ. އޭނަގެ ނަން ކިލަނބުކުރުމަށް ޓަކައި، މުޅި އާއިލާގެ މާޒީ ހާވައި، ކޮޅުތައް ނެގިއެވެ. ރޭވުންތައް ރޭވިއެވެ. މަޝްހޫރު ބޮޑުހުޅު ހާދިސާގައި ނަޖާތުގެ މަންމަ ފަރާތުގެ ތިމާގެ މީހަކު ބައިވެރިވެފައިވެއެވެ. ކުރީ ޒަމާނެއްގައި، ވެރިޔަކު މަރައިލަން ސިހުރެއް ހަދަން މޮޑުނު ފުށްގަނޑެއް ކެއުމުގައި، ނަޖާތު ބައްޕަ ފަރާތު ބޮޑުބޭބެއެއް ބައިވެރިވިކަމަށް ވެއެވެ.
"ތި ހުރިހާ އެއްޗެއްގެ ވެސް ބޭނުން ހިފަންވީ،" އިދިކޮޅު ލީޑަރު ފަޒީލު ވިދާޅުވިއެވެ. "އެކަމަކު އެންމެ ފުރަތަމަ ހިނގާބަލަ މި ޕާޓީން ނަޖާތަށް ދައުވަތުދޭން."
އެންމެންގެ މޫނުމައްޗަށް ވެސް ވެރިވީ ހައިރާންކަމެވެ. ބައެއް މެންބަރުން ދެއަތަކަށް ބޯހޫރައިލިއެވެ. ބައެއް މެންބަރުން ވިސްނުންތެރިކަމާ އެކުގައި ބޯޖަހައިލިއެވެ.
"އެކަމަކު ބައްލަވަ އޭނަ ޑިމާންޑްކުރާނީ ރައީސްކަން ނޫންތޯ!" އެކަކު ހިޔާލުފާޅުކުރިއެވެ. "މަނިކުފާނު އިންނަވަނިކޮށް ކިހިނެއްތޯ އެހެން މީހަކަށް.."
"ތި މައްސަލަ އަދި އިހަށް ބާއްވަމާ ހިނގާ!" މެންބަރުގެ ވާހަކަ މެދުކަނޑުއްވައިލައްވައިފައި ފަޒީލު ވިދާޅުވިއެވެ. "އަޅުގަނޑުމެން ފުރަތަމަ ދޭނީ ދައުވަތު."
"ގަބޫލުނުކޮށްފިއްޔާ؟" ކުރިން ވާހަކަދެއްކި މެންބަރު ސުވާލުކުރިއެވެ.
"ދެން ވެސް ދެވޭނެ އެއްޗެހި ހުންނާނެ ނޫންތޯ!" ސަމާސާ ރާގަކަށް ފަޒީލު ވިދާޅުވިއެވެ.
ކޮންމެ ދުވަހަކު ވެސް ކޮންމެވެސް އެއް ނޫހެއް ނުވަތަ ޗެނަލަކުން ނަޖާތަށް ފުރުސަތުދޭން ފެށިއެވެ. އިސްތިހާރުކޮށްދޭން ފެށިއެވެ. ތަފާތު ގޮތަކަށެވެ. ފިރިހެނުން ނިކަމެތިކޮށްލާކަށް ނަޖާތު ވާހަކައެއް ނުދައްކައެވެ. އަންހެނުން ބާރުވެރިކުރުވާކަށް ވެސް ވާހަކައެއް ނުދައްކައެވެ. ނަޖާތު ގެންގުޅުނީ މޮޅު އުކުޅެކެވެ. ވާހަކަދެއްކީ އެހެން މީހުން ނުދައްކާ ކަހަލަ ގޮތަކަށެވެ.
"އެއް ދޮށިން މަސްބޭނުމަށް ވުރެ ދެ ދޮށިން މަސްބޭނީމަ ވާނީ ކިހިނެއް؟" ބަސްދީގަތުންތަކުގައި ނަޖާތު ވަރަށް ގިނައިން އެހެން ބުނެއެވެ. "ދެ އަތުން އަތްތިލަބަޑި ޖެހުމަށް ވުރެ ހަތަރު އަތުން އަތްތިލަބަޑި ޖެހީމަ ވާނީ ކިހިނެއް؟"
ދެން ނަޖާތު ދައްކަން ފެށީ ދިވެހިންނަށް އާ އެކަމަކު އުންމީދީ ވާހަކައެކެވެ. ބޭނުން އެކަމަކު އެދެން ވެސް ހަނދާންނެތިފައި ތިބި ހިދުމަތެއްގެ ވާހަކައެވެ.
"އަޅުގަނޑުގެ ސަރުކާރެއްގަ، ސްކޫލުތައް ގޮތަށް ސަރުކާރު "ޑޭނާ" ސެންޓަރުތަކެއް ހުޅުވާނަން. ޑޭ ކެއަރގެ ބަދަލުގައި، އެ ތަނުން ޑޭ އެންޑް ނައިޓް އެސިސްޓެންސް ލިބޭނެ. ޑޭކެއަރ ސެންޓަރާއި ޑޭނާގެ ތަފާތަކީ، އެ ތަނުގަ ކުދިން ރޭގަނޑު ވެސް ބޭތިއްބޭނެ. ހުސްވަގުތުކޮޅެއް ބޭނުންވާ ދެމަފިރިންނާ، ކުރު ދަތުރުތަކަށް ރަށުން ބޭރަށްދާ މައިންބަފައިންނަށް މީ ވަރަށް ބޭނުންތެރި ހިދުމަތަކަށް ވާނެ. ރައްޔިތުންނަށް ހިދުމަތް ދޭނީ ހިލޭ. މީގެ އިތުރަށް، ކުދިންގެ ޕްލޭގްރައުންޑަކާ އެކީގަ ހުޅުވާ ރެސްޓޯރަންޓު ކެފޭތަކުގެ ފެންބިލާ ކަރަންޓުބިލުގެ ފަންސާސް ޕަސަންޓު އުނިކޮށްދޭނަން. ދެމަފިރިން އެކުގަ ސައިބޯލަން ގޮސް ތިބޭ އިރު ކުދިން އުޅޭނެ ލޯ ކުރިމަތީގަ ކުޅެން. މީ ނޫންތޯ އުފަލަކީ."
ޝަރީއަތުން ކޮންމެ ގޮތަކަށް ނަޖާތުގެ މައްސަލަ ނިންމިޔަސް، ޖޫރިމަނާ ދައްކައިފައި އޮތަސް، ނަޖާތަށް ދިވެހީންގެ ހަމުދަރުދީ އޮހެން ފެށިއެވެ. ނަޖާތުގެ ސާބިތުކަމާއި، ޖެހިލުންކުޑަކަމާއި، ދުރުވިސްނުމަށް މީހުން ތާރީފުކުރަން ފެށިއެވެ. އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ނޫސްވެރިންގެ ފަރާތުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ސަރުކާރުން ވެރިކަމަށް އައީ ނޫސްވެރިންނަށް ހައްގުތަކެއް ކަށަވަރުކޮށްދޭނެކަމުގެ ބޯޑުތައް އުފުލައި، އަޑުހަރުކޮށްގެންނެވެ. ޗެނަލުތަކާއި ނޫސްތަކުގެ އާމުދަނީ ރަނގަޅުކުރުމަށް ތަފާތު ހުވަފެންތަކެއް ދައްކަމުންނެވެ. އެއިން އެއް ކަމެއް ވެސް ނުވީއެވެ. ނޫސްވެރިންނަކީ، ގައުމެއްގެ ސިޔާސީ މަސްރަހަށް އެންމެ ވަރުގަދަ ނުފޫޒެއް ފޯރުވާ ފަހުލަވާނުންނެވެ. އެއްކޮޅުން އެ މީހުންގެ ތާއީދު ލިބުނު އިރު، އަނެއް ކޮޅުން ފިރިހެނުން ދިފާއުކުރަމުން އައި މަގާމަކަށް އަންހެނަކު ނުކުންނާތީ، އިންސާފަށް ލޯބިކުރާ ފިރިހެނުންގެ ތާއީދު ވެސް އޮތީ ނަޖާތަށެވެ. ގައުމުގެ އެންމެ ބޮޑު ދެ ޕާޓީއަށް ލިބެން ފެށީ މަލާމާތެވެ. ދެ ޕާޓީން ވެސް ބޭނުންވީ އަވަސް ހައްލެކެވެ.
ނުނިމޭ