13 ސެޕްޓެމްބަރ 2021 - 07:51

ހިޔާ ފްލެޓް ހުރި ގޮތަށް ހުއްޓާ އެތަނަށް ބައެއް އާއިލާތައް ދިރިއުޅުން ބަދަލުކުރަން ފަށާފައިވާތީ އެ މީހުންގެ ދިރިއުޅުން ބަލައިލުމަށް މިދިޔަ ހަފްތާގައި ދިޔައިރު ވެސް މުޅި ތަން ފެންނަނީ ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތަށެވެ. މުޅި ތަނުން އިވެނީ މުށި ކަފާ އަޑާއި ގާނާ އަޑެވެ. ފްލެތްތަކުގެ ކައިރީ ހުރީ ގާކުނޑިތައް ފުނިޖަހައިފަ އެވެ.

އަހަރެމެން ދިޔައީ މާލޭ ރަށްވެހިންގެ ކެޓަގަރީން ފްލެޓް ލިބުނު މީހުންގެ ޓަވަރުގެ 14 ވަނަ ބުރީގައި ހުރި ފްލެޓަކަށެވެ. އެ ފްލެޓްގައި ވެސް އޭރު ދިޔައީ ކުދިކުދި މަސައްކަތްކުރަމުންނެވެ. އެތަނުގައި ދިރިއުޅުން ފެށިތާ ދެ ހަފްތާ ވިޔަސް ގޭތެރެއިން އެއްވެސް ހަމަޖެހުމެއް އެ މީހުންނަށް ނުލިބެ އެވެ. ގޭތެރޭގައި ބޭނުންކުރާ ސާމާނުތައް ހުރީ އެތަންމިތަނުގަ އެވެ. ތަރުތީބެއް ނެތެވެ.

އަބްދުﷲ ރަޝީދަކީ މާލެއަށް އުފަން މީހެއް ނަމަވެސް އޭނާގެ ބައްޕަ އަށް ލިބުނު ތަންކޮޅުން ބަހައިގެން ލިބުނު ބައިގައި ހުރީ 450 އެއްހާ އަކަފޫޓެވެ. ބޮޑު ހަތަރު ދަރިން އޭނާގެ ތިބިއިރު އެ ކުދިންނަށް އާއިލާއެއް ފަށައިގެން ހަމަޖެހޭ ދިރިއުޅުމެއް އެތަންކޮޅުގައި އުޅެވޭކަށް ނެތެވެ. މާލޭގައި ބިންކޮޅެއް އޮތަސް ކުއްޔަށް އުޅެން ޖެހިފައިވާތީ ރަޝީދުގެ އަންހެން ދަރިއަކު ފްލެޓަށް ހުށަހަޅައިގެން ލިބުނު ތަންކޮޅުގައި މިހާރު އެ އާއިލާ އުޅެން ފެށީ ތަން ހުރި ގޮތަށް ހުއްޓަ އެވެ. ފިނިޝިން މަސައްކަތްކުރަނީ އެ މީހުން އެތަނުގައި އުޅެމުންނެވެ.

"މި މަހުގައި އަޅުގަނޑުމެން މިތަނުގައި އުޅެން ފެށީ. ފަހަރަކު ތަންކޮޅެއް ހަދަމުން ހަދަމުން މިދަނީ،" ރަޝީދު އޭނާގެ ވާހަކަ ފެށި އެވެ.

ރަޝީދުގެ ދެމަފިރިންނާ އެކު އޭނާގެ އަންހެން ދަރިފުޅާއި އޭނާގެ ފިރިމީހާ އަދި ދެ ކާފަ ދަރިންނާ އެކު ފްލެޓުގައި އުޅެމުން އަންނައިރު ކިތަންމެ ހާލެއްގައި އުޅެން ޖެހުނަސް މި އާއިލާ ތިބީ ހިތްހަމަޖެހިފަ އެވެ. އެއީ މީހެއްގެ ތަންކޮޅެއްގައި ކުއްޔަށް އުޅުމަށް ވުރެ އަމިއްލަ ތަންްކޮޅެއް ދަރިއަކަށް ލިބުމުން ލިބޭ ހިތްހަމަޖެހުން ކަމަށް ރަޝީދު ބުންޏެވެ.

"އަޅުގަނޑުގެ އިތުރު ކުއްޖަކު ވެސް ލި ފްލެޓަށް. އެކަމަކު އެ ކުއްޖާއަށް ތަންކޮޅެއް މަދުން ޕޮއިންޓް ލިބުނީމަ ފްލެޓެއް ނުލިބުނު،" ބ. ކަމަދޫ މީހަކާ ކައިވެނިކޮށްގެން އެރަށުގައި ގިނަ އަހަރުތަކެއް އުޅުމަށް ފަހު ފްލެޓަށް ބަދަލުވި ރަޝީދު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
ކުރިން ވެސް ހުޅުމާލޭގެ ފްލެޓެއްގައި ކުއްޔަށް އުޅެމުން އައި މި އާއިލާ އަށް އެ ތަން ހުސްކުރަން އެންގީ މިދިޔަ މަހުގެ ނިޔަލަށެވެ. އެހެންވެ، މާމަ ދަރިން ގޮވައިގެން ރަޝީދުގެ އަންހެނުން ކަމަދު އަށް ދިޔަ ނަމަވެސް އެ ދެ ކުދިންގެ މައިންބަފައިންނަކީ މާލޭގައި ވަޒީފާ އަދާކުރާ ބަޔަކަށް ވާތީ އެ މީހުން މާލޭގެ ކޮޓަރިއެއް ކުއްޔަށް ނަގައިގެން މަޑުކުރި އެވެ.
ގޮތް ހުސްވެފައި ތިއްބާ ހިޔާ ފްލެޓްގެ ތަޅުދަނޑި ހަވާލުކުރަން ފެށުމުން މި އާއިލާ އަށް ލިބުނު ހަމަޖެހުން މާ ބޮޑެވެ. އިތުރަށް އެޕާޓްމަންޓެއް ކުއްޔަށް ނަގައި އެތަނަށް އެޑްވާންސް ފައިސާ އާއި ކުލި ދެއްކުމުގެ ބަދަލުގައި އެ މީހުން ނިންމީ އަވަހަށް ފްލެޓަށް ބަދަލުވާށެވެ. އެއީ އެހެން ތަނަކަށް އެ ވަރަށް ފައިސާ ހަރަދުކުރުމަށް ވުރެ އެތެރޭގެ މަސައްކަތް ނުނިންމާ ހަވާލުކުރި މި ފްލެޓްގެ މަސައްކަތް ނިންމުމަކީ މާ ބުއްދިވެރި ގޮތެއް ކަމަށް ވިސްނިގެންނެވެ.
ފްލެޓަށް ދިރިއުޅުން ބަދަލުކުރިއިރު އެތަނުގައި މުށިކޮޅެއް ވެސް ޖަހައެއް ނުލަ އެވެ. އެކަމަކު އެއް ކޮޓަރީގައި ދިރިއުޅެމުން ތަށިމުށި ޖަހަމުން ގޮސް މިހާރު ދެ ކޮޓަރި އާއި ސިޓިންރޫމުގައި ވެސް ހުރީ ތަށިމުށި ޖަހައިފަ އެވެ. ގެއާއި ފާހާނައިގެ ދޮރުފަތްތައް ވެސް މިހާރު ހަރުކޮށްފި އެވެ. ފްލެޓް ދިންއިރު ބަދިގޭގައި ހަރުކޮށްފައި ހުރި ސިންކް ކުޑަކަމުން އެ ނަގައި އެއަށް ވުރެ ބޮޑު ސިންކެއް އެތަނުގައި ހުރީ ހަރުކޮށްފަ އެވެ. ކޮޓަރިތަކުގައި ފަންކާ އާއި ލައިޓް ވެސް ހުރީ ހަރުކޮށްފަ އެވެ. އެއްޗެހި ދޮވުމަށް އޮޓޯ މެޝިން ބަހައްޓާފައި ހުރީ ބެލްކަންޏާއި ބަދިގޭ ކައިރީ ކަނެއްގަ އެވެ. ދޮންނަ އެއްޗެހި އެޅުވުމަށް ބެލްކަނީގެ މަތީގައި ތަންކޮޅެއް ހަދާފައި ހުއްޓެވެ.
އެކަމަކު ފްލެޓަށް ދިރިއުޅުން ބަދަލުކުރިޔަސް އަދިވެސް އަލަމާރި އާއި އެނދާއި ކާ މޭޒު ފަދަ ސާމާނު އެތަނަކަށް ނުގެންދެ އެވެ. ބިންމަތީގައި ފޮތިގަނޑެއް އަޅައިގެން ކެއުން ބުއިމުގެ ހުރިހާ ކަމެއް ކުރާއިރު އަންނައުނުތައް ހުރީ ސިޓިންރޫމުގައި ބަހައްޓާފައި ހުރި ފޮށިތަކުގަ އެވެ. ފްލެޓްގެ އެތެރޭގެ މަސައްކަތްތައް އަދިވެސް ކުރިއަށްދާތީ އަލަމާރި ކަހަލަ ބައެއް އެއްޗެހި ފްލެޓަކަށް ނުގެންދެ އެވެ. ގޮދަޑި ވެސް ހުރީ ސިޓިންރޫމުގެ ފާރުގައި ލައްކޮށްލައިފަ އެވެ. ނިދާ ގަޑި ޖެހުމުން ކޮޓަރި އަށް ގޮދަނޑި ވައްދައިގެން ނިދަނީ އެވެ.
ފްލެޓްގެ މަސައްކަތް އެއްކޮށް ނުނިމެނީސް ދިރިއުޅެމުން އަންނައިރު އެތެރޭގެ މަސައްކަތް ނިންމަން ދިން މުއްދަތުގައި އެތަނަށް ބަދަލުވުމުން މީހުން ކިޔާ އެއްޗެއްސަށް މި އާއިލާއިން ރައްދު ދިނެވެ.
"މީހުން އެއްޗެހި މި ކިޔަނީ ނިންމަން ދިން މުއްދަތުގައި ފްލެޓަށް ދިރިއުޅެން އައިސްގެން. އުޅުނު ތަނުން ނުކުންނަން އެންގީމަ އެހެން ތަނެއް ހިފައިގެން ގޮސް އުޅުމަށް ވުރެ [މިތަން] ނުނިންމާ ދިން ތަނެއް ހެދީމައެއްނު ރަނގަޅުވާނީ. މި ހެދެން އޮންނަނީ ވެސް މިތަނުގައި އުޅެގެން ވީމަ މިތަނަށް އައިސް މިއުޅެނީ،" ލޯނެއް ނުނަގައި އެތަންކޮޅު ހަދަމުން އަންނަނީ ކޮންމެ މަހެއްގެ މުސާރައަށް ލިބޭ ފައިސާއިންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އަދި ކިރިޔާ މީހުން އާބާދުވާން ފަށާފައިވާއިރު އެ ތަނުގައި އެއްވެސް ހިދުމަތެއް ލިބެން ނެތުމުން އެކަމުގެ ކަންބޮޑުވުން އެތަނުގައި އުޅޭ މީހުން ފާޅުކުރި އެވެ.
"ވިޔަފާރި ކުރަން ޖެހުނަސް ދާން ޖެހެނީ ފޭސް އެކަކަށް. މިސްކިތެއް ވެސް މިތާ ކައިރިއަކު ނެތް. ބަހެއް ސްކޫލެއް ނެތް. މިދެން ބަޔަކު ތަނަކަށް ބަދަލުވާއިރު ހުންނަން ޖެހޭ އެންމެ އަސާސީ ކަންކަން ދޯ،" އެކަމުގެ ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.
ފްލެޓްތަކަށް އިންޓަނެޓެއް އަދި ކޭބަލް ޓީވީގެ ހިދުމަތެއް އަދި ނުލިބެ އެވެ. ފްލެޓްތަކުގެ ތެރެއަށް ވަނުމުން ފޯނުގެ ސިގްނަލެއް ވެސް ފަސޭހަޔަކުން ނުލިބެ އެވެ.
މި އުނދަގޫތަކުގެ ވާހަކަ އެތަނުގައި އުޅޭ އެހެން އާއިލާތަކުން ވެސް ދެއްކި އެވެ. ވަކިން ހާއްސަކޮށް ސްކޫލު ބަހެއް ނެތުމުން، މާލޭގެ ސްކޫލުތަކުގައި ކިޔަވަމުން އަންނަ ކުދިން ސްކޫލަށް ގެންދިއުމުގައި ހުރި ދަތިތައް ކިޔައިދިނެވެ.
ފްލެޓްތަކުގެ އެންމެ ތިރި ވިޔަފާރިތަކަށް ދޫކުރަން ފަށާފައިވާއިރު އެތަނުން އެއްވެސް ބަޔަކު އަދި މަސައްކަތެއް ނުނިންމަ އެވެ. ފްލެޓްތައް ކައިރި ސަރަހައްދެއްގައި އާދައިގެ ފިހާރައެއް ވެސް ނެތުމުން، ކޮންމެ ފަހަރަކު ފޭސް އެކަކަށް ދާންޖެހުމާއި ޑެލިވަރީގެ ހިދުމަތް ކޮންމެ ކޮންމެ ގަޑިއަކު ނުކޮށްދޭތީ އެކަމުގެ ކަންބޮޑުވުން ވެސް ބައެއް މީހުން ކުރި އެވެ.
ފްލެޓުގައި ކިޔަވާ ކުދިން އުޅޭއިރު އެތަނަށް އިންޓަނެޓްގެ ހިދުމަތް ނުލިބުމަކީ ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުމެކެވެ. ވަކިން ހާއްސަކޮށް، ބައެއް ކްލާސްތައް އޮންލައިންކޮށް ކުރިއަށްދާއިރު އިންޓަނެޓް ނުލިބިގެން ގޭގެ އެކި ތަންތަނަށް ރޭންޖް ހޯދަން ކުދިން ދުވާ ދުވުމުގެ ޝަކުވާތައް ވެސް ބެލެނިވެރިން ކުރި އެވެ. ބައެއް މީހުން ބުނީ ފްލެޓަށް ވަނުމަށް ފަހު ރޭންޖް ނުލިބޭތީ ދުނިޔޭގައި ވާނުވާ ވެސް ނޭނގޭ ކަމަށެވެ.
"މިތަނަށް ރޭންޖެއް ލިބެނީކީ ނޫން. މިތަނަށް އައިސް ވަނީމަ މާލޭގައި އަލިފާން ރޯކޮށްލިޔަސް އަހަރެމެންނަށް އެނގޭނެ ގޮތެއް ނޯވޭ. އިންޓަނެޓް ނުލިބޭތީ ކިޔަވާ ކުދިންނަށް ވެސް އެބަ ދަތިވޭ. އެކުދިން އޮންލައިން ކްލާހުގައި ތިބެފަ އެކި ތަންތަނަށް ދުވާނެ ރޭންޖު ރަނގަޅަށް ނުލިބޭތީ،" މި ކަންބޮޑުވުން އެޗްޑީސީއާ ހިއްސާކުރުމުން އެކަން ހައްލުކުރަން ދެ މަހެއް ވަރު ނަގާނެ ކަމަށް ބުނި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.
ފްލެޓްތަކަށް ކަރަންޓާއި ފެން ދާއިމީކޮށް ދޫކޮށްފައިވާތީ މިހާރު ފެނާއި ކަރަންޓުގެ މައްސަލައެއް ނޫޅޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އެކަމަކު ފްލެޓް ލިބޭ މީހުންގެ ކަންބޮޑުވުން އޮތް ކަމަކީ ފަޔަ ޑިޓެކްޓާ ކައިރިން ފެން ލީކުވާ މައްސަލަ އެވެ. ފްލެޓް ލިބުނު ގިނަ ބައެއްގެ ފްލެޓުން މިގޮތަށް ފެން ލީކުވުމުގެ މައްސަލަ ދިމާވެ، ފްލެޓުގައި ފެން ބޮޑުވުމުގެ މައްސަލަ ދިމާވި އެވެ.
ފޭސް ދޭއް ހިމެނޭ ސަރަހައްދު އަނދިރިވުމާއި މަގުތަކުގައި އަޑިގުޑުން ހުރުމުގެ މައްސަލައަކީ ވެސް އެތަނުގައި އުޅެމުން އަންނަ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ.
އެތަނުގައި ކިތަންމެ ބައިވަރު މައްސަލަތަކެއް އަދި ހުއްޓަސް ރަޝީދެކޭ އެއްގޮތަށް އެހެން މީހުން ވެސް ގަބޫލުކުރަނީ ފްލެޓް ލިބުމަކީ އެ މީހުންނަށް ލިބުނު ނިއުމަތެއް ކަމަށެވެ. ނިކަމެތިންނަށް އެއަށް ވުރެ ރަނގަޅު ގޮތެއް މި ރާއްޖޭގައި ނެތް ކަމަށް ވެސް އެ މީހުން ގަބޫލު ކުރެ އެވެ.
"މިޔަށް ވުރެ ރަނގަޅު ތަންކޮޅެއް ނިކަމެއްޗަކަށް ނުލިބޭނެ. މިތަންކޮޅު ހަމަ ރަނގަޅު އުޅެލަން،" ދަރިފުޅުގެ ފްލެޓްގައި އުޅެމުން އަންނަ ރަޝީދު ބުންޏެވެ.
ހިޔާ ފްލެޓްތަކާ އެކު އެ ސަރަހައްދަށް 40،000 ގެ ބޮޑު އާބާދީއެއް ދާނެ ކަމަށް ބެލެވެ އެވެ. އެހާ ގިނަ ބަޔަކު އުޅޭނެ ސަރަހައްދަކަށް އެތަންވާއިރު އެ ހުރިހާ ހިދުމަތެއް އަވަހަށް ލިބޭނެ ގޮތެއް ވުމަށް އެ މީހުން އެދެ އެވެ.