މިވަގުތު މޮނިޓަރިންގައި 18 ރަށެއް
މިވަގުތު މޮނިޓަރިންގައި 18 ރަށެއް

ކޮވިިޑް-19 ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ އަދަދު 18 އަށް ތިރިވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު އެޗްޕީއޭ އިން އާންމުކުރި މޮނިޓަރިންގެ ލިސްޓުގައި 23 ރަށެއް އޮތް ނަމަވެސް މިއަދު ލިސްޓު އާންމުކުރިއިރު ބަންދުކޮށްފައި އޮތީ 18 ރަށެކެވެ.

އެ ލިސްޓުގައިވާ ގޮތުން އަދިވެސް އެންމެ ގިނަ ދުވަސް ވަންދެން މި ލިސްޓުގައި އޮތް ރަށަކީ ރ. ދުވާފަރެވެ. އެރަށް ބަންދުކުރީ މިދިޔަ މެއި މަހުގެ 25 ގަ އެވެ. އޭރުއްސުރެ އަދިވެސް ރަށުން ކޮވިޑްގެ ބަލި މީހުން ފެންނަމުން އެބަދެ އެވެ.

މޮނިޓަރިންގެ ލިސްޓުގައި ދެން ހުރި ރަށްތަކުގެ ތެރެއިން 12 ރަށެއް މޮނިޓަރިން އަށް ގެނައީ މިދިޔަ މަހު އެވެ. އަދި މި މަހުގެ މިހާތަނަށް މި ލިސްޓަށް އިތުރުކުރީ ފަސް ރަށެކެވެ.

ކޮވިޑުން ދިފާއުވުމަށް ރަށުގެ އާބާދީގެ ބޮޑު ޕަސެންޓެއް ވެކްސިން ފުރިހަމަކުރުމުން ރަށްރަށުގައި އަންނަނީ ލުއިތައް ވެސް ދެމުންނެވެ.

މާލެއަށް ވުރެ ރަށްރަށުގެ ކޮވިޑް ހާލަތު ގޯހެވެ. އެޗްޕީއޭ އިން ކޮންމެ ރެއަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދަށް ވުރެ ރަށްރަށުގެ ކޭސްތައް އާންމުކޮށް ގިނަ އެވެ.

މިވަގުތު މުޅި ރާއްޖެއިން 82،578 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. އަދި ބަލީގައި މަރުވީ 227 މީހެކެވެ.