11 ސެޕްޓެމްބަރ 2021 - 13:53

ރ. ފައިނުގައި ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގެ ދަށުން ލައިބްރަރީއެއް މިއަދު ހުޅުވައިފި އެވެ.

ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވާސް (ފޭސް) ޖަމިއްޔާ އިން އިސްނަގައިގެން ކުރިޢާށް ގެންދިޔަ މި ޕްރޮޖެކްޓް ގެ ދަށުން ލައިބްރަރީ ހުޅުވާފައިވަނީ އެ ރަށުގެ އިޖުތިމާއީ މަރުކަޒު ހުންނަ އިމާރާތުގަ އެވެ. މިއީ ރަށުގެ ޒުވާނުން ފޮތް ކިއުމަށް ޝައުގުވެރިކަން އިތުރު ކުރުމާއި އިލްމީ މުޖުތަމައެއް ބިނާކުރުމަށް އެ ޖަމިއްޔާ އިން ފެށި ޕްރޮޖެކްޓެކެެވެ.
މި ލައިބްރަރީގައި ތަފާތު ފޮތްތައް ކިޔައިލެވެން ހުންނައިރު، ފޮތް ކިޔޭނެ އިންތިޒާމާއި ކޮމްޕިއުޓަ ލެބެއް ވެސް ވަނީ ހަދައިފަ އެވެ. ފައިނު ސްކޫލުގެ ކުދިންގެ ފިލާވަޅުތަކާއި ރިސާޗް މަސައްކަތް ކުރުމަށް ތިން ކޮމްޕިއުޓަ ސިސްޓަމް ވެސް ބަހަައްޓާފައިވާ ކަމަށް ބީއެމްްއެލުން ބުންޏެވެ.
ފައިނުގެ ކޮމިއުނިޓީ ސެންޓަރު ކުރިމަތީގައި އޮންނަ ހުސް ބިމުގައި ފޮތްކިޔަން ތިބެވޭނެހެން ބެންޗާއި ފޮތް ހަރުގަނޑު ވެސް ވަނީ ބަހައްޓައިފަ އެވެ. އަދި ރަށުގެ އަތިރިމަތީގައި މީހުން އެއްވެ އެޅޭ ތިން ސަރަހައްދެއްގައި މޮބައިލް ފޮތް ހަރުތަކެއް ވެސް ބަހައްޓާފައި ވެ އެވެ.
ފޭސް ޖަމިއްޔާގެ ރައީސް ހުސައިން ވަހީދު ވިދާޅުވީ، ލައިބްރަރީ އާއި ކޮމްޕިއުޓަ ލެބްގެ ސަބަބުން ފައިނުގެ ސްކޫލްގެ ކުދިންނާއި ކޯސްތައް ހަދާ މީހުންނަށް ފަސޭހަވާނެ ކަމަށެވެ.
"ޕަބްލިކް ލައިބްރަރީ އަދި ކޮމްޕިއުޓަ ލެބްގެ ސަބަބުން ސްކޫލް ދަރިވަރުންނާއި އެކި ކޯސްތަކުގައި ކިޔަވަމުންދާ ފަރާތްތަކާއި އަދި މި ޖަމިއްޔާ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުދި ކޯސްތަކުގެ ބައިވެރިންނަށް އިލްމީ ދިރާސާ، އެސައިންމެންޓް އަދި ރިފަރެންސް މެޓީރިއަލް ހޯދުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ،" ހުސައިން ވިދާޅުވި އެވެ.
ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ" ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. މީގެ ތެރެއިން ކޮންމެ ކުއާޓާއެއްގައި ފަސް ޕްރޮޖެކްޓަކަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދެ އެވެ.