03 ޑިސެމްބަރ 2016 - 09:57

އަންހެނަކު ރޭޕްކޮށް މަރާލުމުގެ ކުށުގައި މަރަން ހުކުމްކޮށް، 23 އަހަރު ޖަލުގައި ހޭދަކުރި ފަހުން، ޑީއެންއޭގެ ޓެސްޓަކަށް ފަހު އެމެރިކާގެ މީހަކު ކުށެއް ނެތްކަން ސާބިތުވެ، މިނިވަންވި އެވެ. މީގެ 12 އަހަރު ކުރިން ނިކް ޔަރިސް ޖަލުން ދޫކޮށްލި އިރު އޭނާ ވަނީ ވަރަށް ބޮޑެތި އަނިޔާތަކާ ކުރިމަތިލައިފަ އެވެ. އެކަމަކު ޖަލުން އޭނާ ދަސްކުރީ ރުޅި ކޮންޓްރޯލްކުރާށެވެ. އަމިއްލަ ނަފުސު ދެކެ ލޯބިވެ، ދިރިއުޅުމައިގެން ކުރިއަށް ދާށެވެ.

ނިކްގެ އާދަޔާ ހިލާފު ވާހަކަތައް ބީބީސީން ވަނީ ގެނެސްދީފަ އެވެ.

ނުކުރާ ކުށަކަށް އެހާ ދިގު މުއްދަތެއްގައި ބޮޑު އަދަބެއް ލިބުމުން ނިކް ހިތާމައެއް ނުކުރެ އެވެ. އޭނާ ބުނި ގޮތުގައި ދުނިޔޭގައި މިއަދު އޭނާ އަށް ހުރެވުނީ ޖަލަށް ލީމަ އެވެ. އެހެން ނޫން ނަމަ، އެއްބަނޑު އެއްބަފާ ދެ ބޭބެ އާއި އެތައް ރައްޓެހިން ފަދައިން، ބޭކާރު ދިރިއުޅުމެއްގައި އޭނާ ވެސް މިހާރު އޮންނާނީ މަރުވެފަ އެވެ.

ނިކް މަރަން ހުކުމްކޮށް ޖަލުގައި ފުރަތަމަ ބެހެއްޓީ މުޅިން ވަކިންނެވެ. ނަމަވެސް އެތައް އަހަރަކަށް ފަހު ދެން ބަދަލުކުރީ ނުރައްކާތެރި ގާތިލުންތަކެއްގެ ތެރެއަށެވެ. އެމީހުންގެ ތެރޭގައި މޮޔެއިންނާއި މިނިކާ މީހުން ވެސް ތިއްބެވެ.

ޖަލުގައި އޭނާއަށް އެމީހުން ވަރަށް ބޮޑެތި އަނިޔާތައް ދިނެވެ. މަރާލަން އެތައް ފަހަރަކު މަސައްކަތްކުރި އެވެ. ވަޅި ވެސް ހެރި އެވެ. ތަޅާ އަނިޔާކުރި ވަރެއްގެ އަދަދެއް ވެސް ނޭނގެ އެވެ.
ޖަލުގެ ގާޑުން ވެސް ނިކް އަށް އެތައް ފަހަރަކު އަނިޔާކުރި އެވެ. އެއްފަހަރު އެފަދަ އަނިޔާއެއްގައި ނިކްގެ ލޮލުގެ ރެޓިނާ ވެސް ހަލާކުވި އެވެ.
އޭނާ އަށް އަނިޔާކުރި މީހުންގެ އަނިޔާތަކުގައި އެތައް ބަޔަކު މަރުވިތަން އޭނާއަށް ފެނުނެވެ. އަނެއް ބަޔަކު އެ އަނިޔާއަށް ކެތް ނުވެގެން އަމިއްލައަށް މަރުވީ އެވެ. އެފަދަ 11 މީހަކު މި ދުނިޔެ ދޫކުރީ ނިކްގެ ކުރިމަތީގަ އެވެ.
އޭނާ ބުނި ގޮތުގައި މީހުން އަނިޔާކުރާއިރު އަޅާނުލާ މަޑުން ހުރުމަކީ އެންމެ އުނދަގޫ ކަންތަކެވެ. ނަމަވެސް ޖަލުގައި އޭނާއަށް ހުންނަން ޖެހުނީ އެ ހިމޭންކަމުގަ އެވެ.
ޖަލުގައި ހޭދަކުރި ދުވަސްވަރު އޭނާ ކުރި ކަމަކީ ގާނޫނުތައް ދަސްކުރުމެވެ. އެގޮތުން ބައެއް ދުވަސްދުވަހު ތިން ފޮތް ވެސް ކިޔާލަ އެވެ. ފޮތްކިޔާ ތައުލީމު އުނގެނުމުގެ އޮތީ އެންމެ މަގްސަދެކެވެ؛ މަރާލުމުގެ ކުރިން ދޭނެ އެކަށީގެންވާ ރަނގަޅު ބަޔާނެއް ތައްޔާރުކުރުމެވެ.
ޖަލުގައި ނިކް ހޭދަކުރި 23 އަހަރުގެ ތެރެއިން 22 އަހަރު އޭނާ ގަބޫލުކޮށްގެން ހުރީ ކޮންމެ ވަގުތަކު ވެސް މަރުގެ އަދަބު ދީފާނެ ކަމަށެވެ.
ޖަލުގެ ކުޑަ ގޮޅީގައި އެކަނިމާއެކަނި ހޭދަކުރި އަހަރުތަކުގައި އޭނާ ދަސްކުރީ ރުޅި ކޮންޓްރޯލްކުރާށެވެ. އަމިއްލަ ނަފްސު ދެކެ ލޯބިވާށެވެ. އެ ދެ ސިފަ ދަސްވުމަކީ، ޖަލުގައި ހޭދަކުރި ދުވަސްތަކުގެ ފައިދާ ކަމަށް އޭނާ ގަބޫލުކުރެ އެވެ. މިހާރު ވެސް އޭނާ އެކަނިމާއެކަނި ވަގުތުތައް ހޭދަކުރަން ލޯބިކުރެ އެވެ.
އޭނާ ހައްޔަރުކުރި އިރު ނިކް ދިރިއުޅެމުން ދިޔައީ ފިލަޑެލްފިއާގައި މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ފަސް ބެއިންނާ އެކުގަ އެވެ. ކުޑައިރުގެ އުފާވެރި ހަޔާތް ފުނޑުފުނޑުވީ އެންމެ ހަތް އަހަރުގައި އޭނާ އަށް ލިބުނު ބޮޑު އަނިޔާއަކާ ގުޅިގެންނެވެ. ފުރާއުމުރުގެ ކުއްޖަކު އޭނާގެ ބޮލުގައި ޖެހިލެއް ބާރުކަމުން ސިކުނޑިއަށް ގެއްލުންވި އެވެ.
އެ އަނިޔާގެ ސަބަބުން ނިކްގެ މިޒާޖަށް ބޮޑު ބަދަލެއް އައިސް އޭނާގެ އުޅުން ވެސް ގޯސްވާން ފެށި އެވެ. އަދި ރަލާއި މަސްތުވާތަކެތީގެ ވަބާގައި ޖެހުނެވެ. އޭނާ ހައްޔަރުކުރީ ވަގަށް ނެގި ކާރެއް ދުއްވަނިކޮށް، އުމުރުން 20 އަހަރުގަ އެވެ. އޭރު އޭނާ އިނީ މަސްތުވެގެންނެވެ.
ފުލުހުންގެ އަތްދަށުން އަވަހަށް ސަލާމަތްވާންވެގެން އޭނާ ހެދީ ދޮގެކެވެ. އެއީ އޭރު ރޭޕްކޮށް މަރާލާފައިވާ ލިންޑާ މާއީ ކްރެއިގެ ގާތިލަކީ ކާކުކަން އޭނާ އަށް އެނގޭ ކަމަށް ބުނެ އެވެ. ހަގީގަތުގައި އެއީ އޭނާ ދެނެހުރި ކަމެއް ވެސް ނޫނެވެ.
ފުލުހުން ގާތު އޭނާ ބުނީ ލިންޑާގެ ގާތިލަކީ އޭނާ ދަންނަ މީހެއް ކަމަށެވެ. އެކަމަކު ހަގީގަތުގައި ލިންޑާގެ މަރާ ގުޅޭ ގޮތުން ނޫސްތަކުން ކިޔާފައިވާ ޚަބަރުތައް ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް އޭނާއަށް ލިބިފައެއް ނުވެ އެވެ.
ފުލުހުން ކައިރީގައި ނިކް ބުނީ ލިންޑާގެ ގާތިލާ އެކު އެއް ތަނެއްގައި ދުވަސްކޮޅަކު އޭނާ އުޅުނު ކަމަށެވެ. އަދި އެއްފަހަރަކު އެމީހާ ނިކްގެ ފައިސާތަކެއް ވަގަށް ނެގި ކަމަށް ވެސް ބުންޏެވެ. ނިކް އެ އިޝާރަތްކުރާ މީހާ މަރުވެއްޖެ ކަމުގެ އަޑުތަކެއް އޭރު އޭނާ އަށް އޮތީ އިވިފަ އެވެ. އެހެންކަމުން އެ ދޮގު ހެދިޔަސް ފުލުހުންނަށް ކުރެވޭނެ އިތުރު ކަމެއް ނޯންނާނެތީ، އޭނާ މިނިވަންވެދާނެ ކަމަށް އުއްމީދުކުރި އެވެ.
ނަމަވެސް ގާތިލެއް ކަމަށް ނިކް ބުނި މީހާ އޭރު ދުނިޔޭގައި ހުއްޓެވެ. އެހެންކަމުން ފުލުހުން ކައިރީގައި އޭނާ ހެދީ ދޮގެއްކަން ފަޅާއެރި އެވެ. އެންމެ ފަހުން ލިންޑާ މަރާލުމުގެ ކުށުގައި ބެދުނީ އޭނާ އެވެ. އެ ކުށް ސާބިތުވެ، 1982 ގައި ނިކްގެ މައްޗަށް މަރުގެ ހުކުމް އިއްވި އެވެ.
އެމެރިކާގައި މަރަން ހުކުމްކޮށްފައިވާ މީހުންގެ ތެރެއިން، ކުށެއް ނެތްކަން ސާބިތުކުރަން ޑީއެންއޭ ޓެސްޓް ހަދައިދޭން 1988 ގައި އެދުނު ފުރަތަމަ މީހަކީ ނިކް އެވެ. ނަމަވެސް އެ އެދުމަށް އެތައް އަހަރެއް ވީ އިރު ވެސް ނަތީޖާއެއް ނުފެނި، ދުވަސްތައް ދިޔައީ މާޔޫސްކަމުގަ އެވެ. އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުނުކޮށް ބެހެއްޓީ ވެސް ކުށެއް ނެތްކަން ސާބިތުކޮށްދޭން ހުށަހެޅި ހުށަހެޅުމާ ގުޅިގެންނެވެ.
އެންމެ ފަހުން 2002 ގައި ނިކް ނިންމީ އެ އެދުން އަނބުރާ ގެންގޮސް މަރަށް ތައްޔާރުވާށެވެ. ނަމަވެސް އޭގެ ކުރިން އެންމެ ފަހު ފަހަރަށް ޑީއެންއޭ ޓެސްޓް ހަދަން ފަނޑިޔާރު އަމުރުކުރި އެވެ. އެފަހަރުގެ ނަތީޖާއިން އޭނާގެ ކުށެއް ނެތް ކަން ސާބިތުވެ 2004 ގައި ޖަލުން މިނިވަންކުރި އެވެ.
ޑީއެންއޭގެ ނަތީޖާގައިވާ ގޮތުން ލިންޑާގެ ހެދުމާއި ކަރުގައި ހުރީ ކޮން ބައެއްކަން ނޭނގޭ ދެ މީހެއްގެ ޑީއެންއޭ އެވެ. ލިންޑާގެ އެއްވެސް ތަނަކުން ނިކްގެ ޑީއެންއޭ ފެނިފައެއް ނެތެވެ.
ލިންޑާގެ އަސްލު ގާތިލުން އަދިވެސް ނުހޯދެ އެވެ.
ކުށެއް ނެތި އެހާ ގިނަ ދުވަހު ޖަލުގައި ހޭދަކުރުމުގެ މާލީ ބަދަލު ނިކަށް ލިބުނެވެ.
ޖަލުން ނުކުމެވުމާ އެކު ނިކް ގަބޫލުކުރީ އޭނާގެ މަންމަ ދިން ނަސޭހަތެވެ. ރަނގަޅު އިންސާނަކަށް ވުމެވެ. އަންހެނުންނާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރާށެވެ. އެ ނަސޭހަތާ އެއްގޮތަށް ނޫޅޭ ނަމަ ޖަލުން ނުކުމެގެން އުޅުމުގެ ބޭނުމެއް އޭނާއަކަށް ނުފެނުނެވެ.
ނިކްގެ ހަޔާތުގެ ވާހަކަ އޭނާ ވަނީ އދ. އާއި ޔޫރަޕިއަން ޔޫނިއަންގައި ހިއްސާކޮށްފަ އެވެ. އަދި 300 ވަރަކަށް ސްކޫލަށް ޒިޔާރަތްކޮށްގެން ވެސް އޭނާގެ ހިތި ތަޖުރިބާ ކިޔައިދިނެވެ.
އިންގްލެންޑްގައި 2005 ގައި ނިކް ދިރިއުޅެން ފެށީ މަރުގެ އަދަބާ ބެހޭ ގޮތުން އިނގިރޭސި ޕާލަމެންޓްގައި ވާހަކަދައްކަން ލިބުނު ފުރުސަތުގައި ކުރި ދަތުރުން ދިމާވި އަންހެނަކާ ލޯބިވެވި، ކުރި ކައިވެންޏަށް ފަހު އެވެ. ޖަލުން މިނިވަންވިތާ 12 އަހަރު ވީއިރު އޭނާ އަކީ މިހާރު ހަތަރު ކުދިންގެ ބައްޕައެކެވެ.
ދާދި ފަހުން ނިކް އަށް އޭނާގެ ކުޑައިރުގެ ފޮޓޯއެއް ލިބުނެވެ. އެ ފޮޓޯއިން ފެންނަނީ 1970 ގެ އަހަރުތަކުގައި އޭނާއާ އެކު އުޅުނު 26 ކުއްޖެކެވެ.
ކަން ދިމާވި ގޮތުން އެ ހުރިހާ ކުދިންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރީ ހަމައެކަނި ނިކް އެވެ. އެހެން ހުރިހާ އެންމެން މަރުވީ ޑްރަގްސް އާއި ކާރު އެކްސިޑެންޓްތަކާއި މާރާމާރީތަކުގަ އެވެ. އޭނާގެ އެއްބަނޑު އެއްބަފާ ދެ ބޭބެ ވެސް ޑްރަގް އޯވަޑޯޒް ވެގެން މަރުވި އެވެ.
ނިކް ބުނި ގޮތުގައި ޖަލުގައި ހޭދަކުރި މާޒީ ފެންނަނީ ކުރީ ޒަމާނުގެ ފިލްމެއް ފަދައިންނެވެ. އެ ފިލްމު ބަލާފައި އޭނާ ބިރުގަނެ އެވެ. ނަމަވެސް އެއީ ހަމައެކަނި މާޒީގެ ހަނދާންތަކެކެވެ.
ނިކް ގަބޫލުކުރަނީ ނުކުރާ ކުށެއްގައި ނަމަވެސް އޭނާ އަށް ޖަލަށް ދާން ޖެހުމަކީ ރަނގަޅެއް ކަމަށެވެ. އެހެން ނޫން ނަމަ އޭނާގެ ބޭބެއިންނާއި އެކުވެރިން ފަދައިން އޭނާ ވެސް މިހާރު ދުނިޔޭގައި ނެތީހެވެ. ނުވަތަ ދިރިހުރި ނަމަވެސް އޭނާގެ ހަޔާތް މިހާރު ހާ އުފާވެރިއެއް ނުވީހެވެ.
ނިކް ވަނީ އޭނާގެ ހަޔާތާ ބެހޭ ފޮތެއް ލިޔެފަ އެވެ. "ދަ ފިއާ އޮފް 13"ގައި އޭނާ ބުނަނީ ހުރިހާ ގޯސް ކަމެއް ދިމާވީ 13 ގެ ތާރީހުގައި ކަމަށެވެ. މި ވާހަކަ އަށް ފިލްމެއް ތައްޔާރުކުރަން ނެޓްފްލިކްސް އިން ވަނީ ފޮތުގެ ރައިޓްސް ގަނެފަ އެވެ. އެ ކުންފުނިން ބުނަނީ ނިކްގެ ވާހަކައިގެ މައްޗަށް ފިލްމެއްގެ އިތުރުން ޑްރާމާއެއް ވެސް ތައްޔާރުކުރާނެ ކަމަށެވެ.