11 ސެޕްޓެމްބަރ 2021 - 10:50

ޓީއުނީޝީއާގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސްގެ ޔޫތު ރޭންކިން މުބާރާތަށް ދާން ވިސާގެ ދަތިކަން ކުރިމަތިވި ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަށް އެންމެ ފަހުން ޓިއުނީޝިއާގެ ވިސާ ލިބިއްޖެ އެވެ.
އަންނަ ހޯމަ ދުވަހު ތޫނިސްގައި ފަށާ މުބާރާތަށް ފަހު، ޕޯޗުގަލްގެ ލިޒްބަންގައި ބާއްވާ މުބާރާތުގައި ވެސް ދީމާ ވާދަކުރާ ގޮތަށް ކުރިން އޮތީ ހަމަޖައްސައިފަ އެވެ. ނަމަވެސް ޕޯޗުގަލްގެ ވިސާ އަދި ވެސް އޭނާ އަށް ހަމަޖެހިފައި ނުވާތީ ޕޯޗްގަލްގެ މުބާރާތުގައި ވާދަ ނުކުރާނެ އެވެ.
ޓިއުނީޝިއާގެ ވިސާ ދީމާ އަށް ހަމަޖެހުނީ، އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ޓިއުނީޝިއާގެ އެމްބަސީ މެދުވެރިކޮށެވެ. މި ވަގުތު ދީމާ ހުރީ ލަންކާގެ ކޮލަމްބޯގަ އެވެ. އޭނާގެ ޓްރޭނިންތައް ކުރިއަށް ގެންދަނީ ލަންކާގެ ކުރީގެ ކެޕްޓަންގެ ރޯހަންގެ ބެލުމުގެ ދަށުން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ، ސޯސަން ވިލާގަ އެވެ. ޓިއުނީޝިއާ އަށް ދީމާ ފުރާނީ ކޮލަމްބޯ މަގުންނެވެ.
"ނިއު ދިއްލީން މިއަދު މެންދުރު މާލެ އަންނަ ފްލައިޓުން ދީމާގެ ޕާސްޕޯޓް އަންނާނެ. އިރާދަ ކުރެއްވިއްޔާ މިއަދު ކޮލަމްބޯ އަށް ފުރާ ފްލައިޓުން ދީމާގެ ޕާސްޕޯޓް ލަންކާ އަށް ފޮނުވާލާނަން،" ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު ވިދާޅުވި އެވެ.
ތޫނިސްގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ދީމާ ވާދަކުުރާނީ 15 އަހަރުން ދަށުގެ ކެޓެގަރީގަ އެވެ. އެ ކެޓެގެރީގެ އަންހެން މުބާރާތް ކުރިއަށް ގެންދާނީ އަންނަ ހޯމަ ދުވަހުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ ކުރިން ބޭއްވި ހައި ޕޯފަމަންސް ކޯޗިން ކޭމްޕުގައި ދީމާ އަށް ބައިވެރި ނުވެވުނެވެ. ކޯޗިން ކޭމްޕް މާދަމާ ނިމޭނެ އެވެ.
ޓިއުނީޝިއާގެ މުބާރާތަށް ފަހު ޕޯޗުގަލްގެ ލިޒްބަންގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސްޓާ ކޮންޓެންޑާ މުބާރާތުގައި ވެސް 15 އަހަރުން ދަށުގެ ކެޓެގެރީގައި ދީމާ ވާދަކުރަން ކުރިން އޮތީ ހަމަޖައްސައިފަ އެވެ. އަލީ ވިދާޅުވީ ޕޯޗުގަލްގެ ވިސާ ހޯދަން މަޑުކުރަން ވެއްޖެނަމަ ޓީއުނީޝިއާ އަށް ފުރުމުގައި ދީމާ އަށް ބުރޫ އަރާނެ ކަމަށެވެ.
"ކޮންމެ ގޮތެއްވިޔަސް ޕާސްޕޯޓް ގެންދިޔައީމަ ވިސާ ޖަހައި ދެނީ. އަނެއްކާ މިއަދާ މާދަމާ އަކީ ބަންދު ދެ ދުވަސް. އެހެންވީމަ ޕޯޗްގަލް ވިސާ ހޯދަން އިތުރު ދުވަސްތަކެއް ހޭދަވޭ. އެހެންވެ އަޅުގަނޑުމެން ވާހަކަ ދައްކައިގެން ނިންމީ ޕޯޗްގަލްގެ މުބާރާތަށް ނުދާން."
އަލީ ވިދާޅުވީ މާދަމާ ދީމާ އަށް ޓިއުނީޝިއާ އަށް ފުރުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެ މުބާރާތުގައި ދީމާ ކުޅޭނެ."
އެ މުބާރާތްތަކުގައި ވާދަކޮށްގެން ދުނިޔޭގެ ޓޮޕް ރޭންކިންގައި މަގާމު ދެމެހެއްޓުމުގެ ފުރުސަތު ލިބެ އެވެ. އެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ދެނީ 19 އަހަރުން ދަށް އަދި 15 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން ރޭންކިންގެ ގަދަ 30 ކުޅުންތެރިންނަށެވެ. އައިޓީޓީއެފްގެ ރޭންކިން މަރުހަލާއެއްގެ އެންމެ މަތީ ލެވަލްގައި ހިމެނޭ ދިވެހި ހަމައެކަނި ކުޅުންތެރިޔަކީ ދީމާ އެވެ. މި ވަގުތު ދީމާ އޮތީ 15 އަހަރުން ދަށުގެ އަންހެން ރޭންކިންގެ ދުނިޔޭގެ 13 ވަނަ މަގާމުގަ އެވެ. އޭޕްރީލް މަހު ރޭންކިންގެ އަށް ވަނަ އަށް ވެސް އޭނާ ޖެހިލި އެވެ. އަދި 17 އަހަރުން ދަށުގެ ކެޓެގަރީން ދުނިޔޭގެ 41 ވަނައިގައި އޭޕްރީލް މަހު ދީމާ ހިމެނުނެވެ.
އޭޝިއާ ބައްރުގައި ބާއްވަން ހަމަޖެހުނު ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާގެ ގިނަ މުބާރާތްތައް ކޮވިޑް-19 އާ ގުޅިގެން ވަނީ ކެންސަލްކޮށްފަ އެވެ. އަލީ ކުރިން ވިދާޅުވި ގޮތުގައި ޓިއުނީޝިއާ އާއި ޕޯޗުގަލްގައި ބާއްވާ މުބާރާތްތަކުން ފުރުސަތު ހޯދީ ވެސް އޭޝިއާގެ ގިނަ މުބާރާތްތައް ކެންސަލް ކޮށްފައި ވާތީ އެވެ.
އެކަމަކު އަންނަ މަހު އޮމާންގައި ޔޫތު ކޮންޓެންޑެންޓާ މުބާރާތެއް ބޭއްވުމަށް ވަނީ ތާވަލު ކޮށްފަ އެވެ. އެ މުބާރާތުގައި ވެސް ދީމާ ބައިވެރިކުރަން ޓީޓީއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.