04 ޑިސެމްބަރ 2016 - 08:34

މި އަހަރު އެކި ޒާތްޒާތުގެ ފެޝަން އަދި ބިއުޓީ ޓްރެންޑް ފެނިއްޖެ އެވެ. އޭގެ ތެރޭގައި، އިސްތަށިގަނޑުގައި ޑިސްކޯ ކުނޑި ހޭކުމާއި 100 ފަށަލަ އަށް ލިޕްސްޓިކް ޖެއްސުމާއި ފައުންޑޭޝަން ޖެއްސުމާއި ކޮސްމެޓިކްސް ޖެއްސުން ހިމެނެ އެވެ. އެކަމަކު މިއީ މުޅިން ތަފާތު ކަމެކެވެ؛ މެކްސިކޯގައި ވަރަށް މަޝްހޫރުވި ނެއިލް އާޓެެއް މުޅި ދުނިޔޭގައި މިހާރު އަންނަނީ މަގުބޫލުކަން ހޯދަމުންނެވެ. އެއީ ނިޔަފަތީގައި ނަގުލަންދާށި ހަރުކުރުމެވެ. ކިތަންމެ މަޝްހޫރަކަސް، މިއީ، ނުރައްކާތެރި ކަމެއް ވެސް މެ އެވެ.

'ސްކޯޕިއަން ނެއިލް އާޓް' އަކީ ލެޓިން އެމެރިކާގެ ގައުމުތަކުގެ އަންހެނުންނަށް ވަރަށް ކަމުދާ ނެއިލް އާޓެކެވެ. ހަދާގޮތަކީ، މަރުވެފައިވާ ކުޑަ ނަގުލަންދާއްޓެއް ނިޔަފަތި މަތީގައި ބާއްވާލުމަށްފަހު އޭގެ މަތިން ނެއިލް ޕޮލިޝް ޖައްސާލަނީ އެވެ.
އެކަމަކު މީގެ ނުރައްކާތެރިކަން އޮންނަނީ ފުރާނައާ ވެސް ގުޅިފަ އެވެ. ނިޔަފަތިތަކުގައި ހަރުކުރަނީ މަރުވެފައިވާ ޅަ ނަގުލަންދާއްޓަކަށް ވިއަސް އޭގައި ވިހަ ހުންނަ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެހެންވެ ސްކޯޕިއަން ނެއިލް އާޓް ޖެއްސުމުގެ ކުރިން، ސޫފި މަރާ ހާއްސަ ސްޕްރޭއަކުން ނަގުލަންދާށި މަރާލުމަށް ފަހު އޭގެ ވިހަ ކައްޓާ އެކު ނިޔަފަތި މަތީގައި ހަރުކޮށްލަނީ އެވެ. ނަގުލަންދާއްޓެއް ކަށި ޖަހައިފި ނަމަ އޭގެ ވިހަ ހަށިގަނޑަށް ފެތުރި 15 މިނެޓުގެ ތެރޭގައި އިންސާނަކު މަރުވުމުގެ ފުރުސަތު ބޮޑެވެ.
މެކްސިކޯގައި ނަގުލަންދާށި ނެއިލް އާޓް ތައާރަފު ކުރި ރޮސިއޯ ވިދާލް ބުނިގޮތުގައި އޭނާ ބޭނުންވީ އާދަޔާ ހިލާފު ނެއިލް އާޓެއް ތައާރަފު ކުރާށެވެ. އެކަން އޭނާ އަށް ކާމިޔާބުވެ، އެމެރިކާ އަދި މެކްސިކޯގެ އެކި ކަންކޮޅުތަކުން އޭނާގެ މި ނެއިލް އާޓް ޖައްސަން އަންހެންވެރިން ދާ އަންނަ ކަމަށް ވެސް ބުންޏެވެ.
ދާދިފަހުން ފޭސްބުކްގައި ސްކޯޕިއަން ނެއިލް އާޓް ޖައްސާ ތަނުގެ ވީޑިއޯއެއް ވައިރަލް ވެސް ވި އެވެ. އެ ވީޑިއޯއިން ގިނަ ބަޔަކު ހައިރާން ވެސް ކޮށްލި އެވެ. ރޮސިއޯ ވިދާލްގެ ސެލޫނަށް ދާ ގިނަ އަދަދެއްގެ ކަސްޓަމަރުންނަކީ މެކްސިކޯގެ ޑުރެންގޯ ހިސާބުގެ މީހުންނެވެ. އެކަމަކު ޑުރެންގޯގައި ނަގުލަންދާށި ކަށި ޖަހައިގެން މިދިޔަ އަހަރު ހާހަކަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ.