10 ސެޕްޓެމްބަރ 2021 - 17:45

ދިވެހިންގެ ސަގާފަތް ދައްކުވައިދޭ ގޮތަށް ޑިޒައިން ކޮށްފައިވާ ލަގްޒަރީ ރިސޯޓު، ކޯރާ ކޯރާ މޯލްޑިވްސް އަންނަ މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ރ. މާމިގިލީގައި ހަދާފައިވާ މި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީ ޕްލޭނުގައި 45 މިނެޓުން ދެވޭނެ އެވެ. ރާއްޖޭގެ ސަގާފަތާއި ހެރިޓޭޖް ވަރަށް ބޮޑަށް ފެންނަ އެ ރިސޯޓުގައި ރާއްޖޭގެ ތާރީހު ކިޔައިދޭ މިއުޒިއަމެއް ވެސް ހުންނާނެ އެވެ.
ކޯރާ ކޯރާ މޯލްޑިވްސް ރިސޯޓުގައި 100 ވިލާ ހުންނަ އިރު، ކޮޓަރިތައް ވަނީ ނުވަ ކެޓަގަރީއަކަށް ބަހާލައިފަ އެވެ. އޭގެ ތެރޭގައި ބީޗް ވިލާ އާއި ލެގޫން ޕޫލް ވިލާ އާއި ސަގާފަތް ދައްކުވައިދޭ ވޯޓާ ވިލާތައް ވެސް ހިމެނެ އެވެ. މި ރިސޯޓު ޑިޒައިން ކޮށްފައިވަނީ އާއިލާތަކާއި ރައްޓެހިންނަށް ވެސް ގޮސް މަޖާކޮށްލެވޭނެ ފަދަ ގޮތަކަށެވެ.
ރިިސޯޓުގައި ހަތަރު ރެސްޓޯރެންޓެއްގެ ހިދުމަތުގެ އިތުރުން ސްޕާއަކާއި ޕަޑީ ސެޓިފައިޑް ސްކޫލެއް ވެސް ހުންނާނެ އެވެ.
ރާއްޖޭގައި މި ވަގުތު ވެސް 140 ރިސޯޓު ހިންގަމުން އަންނަ އިރު މި އަހަރު ވެސް އިތުރު ގިނަ ރިސޯޓުތަކެއް އަލަށް ހުޅުވި އެވެ.