01 ޑިސެމްބަރ 2016 - 09:06

ލަންޑަން (ޑިސެމްބަރު 1) - އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 4-1 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދިއިރު، އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން 2-0 އިން ބަލިވެ އާސެނަލް މުބާރާތުން ކަޓައިފި އެވެ.
ސަސްޕެންޝަންގެ ސަބަބުން ޔުނައިޓެޑް ރޭގެ މެޗުގައި ކުޅުނީ ޕައުލް ޕޮގްބާ އާއި މަރުއާން ފެލައިނީ ނުލަ އެވެ. އަދި އެންމެ ފަހުން ލީގުގައި ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ހުރީ ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޝަނެއްގަ އެވެ.
ރޭގެ މެޗުގެ ދެ ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ ޒަލަޓަން އިބްރަހިމޮވިޗް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެސްޓް ހޭމް އަށް އެއްވަރުކޮށްދިނީ ކުރިން ޔުނައިޓެޑްގެ ޔޫތު ޓީމަށް ކުޅުނު އެޝްލީ ފްލެޗާ އެވެ.
ދެ ވަނަ ހާފްގައި ޔުނައިޓެޑްގެ އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އެންތަނީ މާޝިއަލް އެވެ. ފަހު ލަނޑު ޖެހީ އިބްރަހިމޮވިޗެވެ. ރޭގެ މެޗުގައި ޔުނައިޓެޑަށް ކުޅޭ އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޔުނައިޓެޑުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ވެސް މިކިތާރްޔަން އެވެ.
ރޭ ސައުތެމްޓަން އަތުން ބަލިވުމާ އެކު މެޗަކުން ބަލިނުވެ އާސެނަލުން ފުރިހަމަކުރަމުން އައި ރެކޯޑަށް ނިމުމެއް އައީއެވެ. ރޭގެ މެޗުގެ ކުރިން އެންމެ ފަހުން ކުޅުނު 19 މެޗުން އާސެނަލް ބަލިވެފައިނުވެ އެވެ. ސައުތެމްޓަނާ ދެކޮޅަށް ރޭ އާސެނަލް ނުކުތީ އެންމެ ފަހުން ބޯންމައުތާ ދެކޮޅަށް ނުކުތް ފުރަތަމަ އެގާރަ އަށް 10 ބަދަލެއް ގެނެސްގެންނެވެ.
ޒުވާން ގިނަ ކުޅުންތެރިންނާ އެކު ނުކުތް އާސެނަލް ޓީމު ކޮޅަށް ސައުތެމްޓަނުން ވަނީ ފުރަތަމަ ހާފްގައި ދެ ލަނޑު ވައްދާލައިފަ އެވެ. ސައުތެމްޓަންގެ ލަނޑުތައް ކާމިޔާބުކުރީ ޖޯޑީ ކްލާސީ އާއި ރަޔާން ބާޓްރަންޑް އެވެ.
ސެމީ ފައިނަލްގައި ސައުތެމްޓަން ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ. އަނެއް ސެމީގައި ހަލް ސިޓީ ބައްދަލުކުރާނީ ޔުނައިޓެޑާ އެވެ. ސެމީގެ ފުރަތަމަ ލެގު އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހު އެވެ. ދެ ވަނަ ލެގު ކުޅޭނީ އަންނަ މަހު 24 ގަ އެވެ.