10 ސެޕްޓެމްބަރ 2021 - 12:26

ޖިހާދުގެ ނަމުގައި ހިންގާ ބިރުވެރި ހަރުކަށި ޢަމަލުތައް ހުއްދަކަމަށް އެފަދަ ޢަމަލުތައް ހިންގާ މީހުންނާއި ދީނާ މެދު ޝުބުހާތައް އުފައްދާމީހުން ޤުރްއާނުން ހުއްޖަތް ދައްކަ އެވެ. އެކަމަކު ޖިހާދާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި ބާވާލެއްވިފައިވާ ހުރިހާ އާޔަތްތަކާއި އެއާ ގުޅުންހުރި ހަދީސްތަކާއި އިސްލާމްދީނުގެ މައިގަނޑު މަގުސަދުތަކާއި އިސްލާމީ އަގުތަކާއި ފިޤުހުގެ އުސޫލުތަކާއި ގަވައިދުތަކުގެ އަލީގައި މި ހުއްޖަތްތައް ތަހުލީލުކޮށްލުމުން ނުކުންނަ ނަތީޖާ މުޅިން ތަފާތެވެ.
މިގޮތުން ހަރުކަށި ފިކުރުގެ ޢަމަލުތައް ހުއްދަކުރަން އެ މީހުން ދައްކާ ބައެއް ހުއްޖަތްތަކާ މެދު ކުރީގެ ލިޔުންތަކެއްގައި ވާނީ އަލިއަޅުވާލެވިފަ އެވެ. މި ލިޔުމުގައި މި ބަލައިލަނީ މިފަދަ އެހެން ތިން ހުއްޖަތަކަށެވެ. އޭގެތެރެއިން އެއް ހުއްޖަތަކަށް މި ބަލައިލަނީ އަލްމުމްތަޙިނާ ސޫރަތުގެ 9 ވަނަ އާޔަތުގެ ފަހު ބަޔަށެވެ. އެބައިގެ މާނައިގައި ވަނީ، "އެއުރެންނާ އެކުވެރިކަން ބަހައްޓާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ." މި އާޔަތުގެ މި ބައި، އާޔަތުގެ ކުރީބައި ނުލައި ކިޔައިގެން މީހުން މަގުއޮޅުވާލަން ބޭނުންކުރެވިދާނެ އެވެ. އެހެނީ، އެބަޔަކާ އެކުވެރިކަން ނުބޭއްވުމަށް އަމުރު ކުރައްވާފައި އެވަނީ ކޮންބަޔަކާ ކަން އޭރުން ހާމަނުވާނެތީ އެވެ. އެކަމަކު ކުރީބަޔާ އެކުގައި ކިޔުމުން އެކަން ވަރަށް ސަރީހަކޮށް ސާފު ވެއެވެ.
އާޔަތުގެ ކުރީބައިގެ މާނައިގައި ވަނީ މިފަދައިންނެވެ. "ﷲ ތިޔަބައިމީހުންނަށް މަނާކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ދީނާ ހުރެ ތިޔަބައިމީހުންނާ ހަނގުރާމަކޮށް، އަދި ތިޔަބައިމީހުންގެ ގޮވަތިގެދޮރުން ތިޔަބައިމީހުން ނެރެލައި، އަދި ތިޔަބައިމީހުން ބޭރުކޮށްލުމަށް ވާގިވެރިވާ މީހުންނާ އެކުވެރިކަން ބެހެއްޓުމެވެ." މިއިން އެނގެނީ އާޔަތުގައި މި ބަޔާންކުރާ ފަދަ ތިން ބާވަތުގެ މީހުން ނޫން ބަޔަކާ ދޭތެރޭ އެކުވެރިކަން ބޭއްވުމަކީ މަނާކަމެއް ނޫންކަމެވެ. އަދިކިއެއްތަ، މި އާޔަތުގައި އެބުނާ ފަދަ ކަންކަން ނުކުރާ (ޣައިރު މުސްލިމް) މީހުންނަށް ހެޔޮކޮށް ހިތައި، ޢަދުލުވެރި ގޮތުގައި ކަންތައް ކުރުން، ﷲ މަނާ ނުކުރައްވާކަން މި އާޔަތުގެ ކުރިން އޮތް އާޔަތުގައި (އަލްމުމްތަޙިނާ 8 ވަނަ އާޔަތުގައި) އަންގަވާފައި ވެ އެވެ. އާޔަތް ނިމޭއިރު "ފަހެ ހަމަކަށަވަރުން ޢަދުލުވެރިން ދެކެ ﷲ ލޯބިވެވޮޑިގެންވެ އެވެ." އޮތުމުން ދޭހަވަނީ އެފަދަ ޣައިރު މުސްލިމުންނަށް ހެޔޮކޮށް ނުހިތުމަކީ އަދި އަދުލުވެރި ނުވުމަކީ އަނިޔާވެރިކަމެއް ކަމެވެ.
މީގެ އިތުރުން އަލްމާއިދާ ސޫރަތުގެ 8 ވަނަ އާޔަތަށް ބަލާއިރު، ﷲ އަށްޓަކައި ﷲ ގެ ހައްގުތައް ފުރިހަމަޔަށް ޤާއިމުކޮށް ޢަދުލަށް ހެކިދޭ ބަޔަކު ކަމުގައި ވުމަށް އެކަލާނގެ އަމުރު ކުރެއްވުމަށްފަހު ދެން އަންގަވާފައި ވަނީ، ބަޔަކު މީހުން ދެކެ އުފެދިފައިވާ ރުޅިވެރިކަމެއް އެއީ ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރު އަޅާ ކަމެއް ކަމުގައި ނުހެދުމަށެވެ. އެމީހުންނަށް ވެސް ޢަދުލުވެރިވުމަށެވެ. ތަޤުވާވެރިކަމާ ގާތްކަން ބޮޑު ގޮތަކީ އެއީ ކަމަށެވެ. ވީމާ ޢަޤީދާގެ ގޮތުން ތަފާތުވުން އެކަނި އެއީ އެއްގޮތަކަށްވެސް ރުޅިވެރިވެ ޢަދާވާތްތެރިވެ ބޭއިންސާފުވާން އޮތް ފުރުސަތެއް ނޫންކަން ވަރަށް ސާފުކޮށް އެބަ އެނގެ އެވެ. އަދި އެކުވެރިކަން ނުބޭއްވުމުގައި ބަލަން ޖެހޭނީ އެ މީހުންނަކީ ޢަދުއްވުންތޯ ނުވަތަ ނޫންތޯ ކަން އެބަ އެނގެ އެވެ. ޢަދުއްވުން ކަމަށްވާ ނަމަ އެ ޢަދާވާތްތެރިކަން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. ސަބަބަކީ އޭރުން ނިކަމެތިވެ ހައްގުތައް ގެއްލިގެންދާނެތީ އެވެ. އެކަމަކު އެ ހާލަތުގައި ވެސް އެ ޢަދުއްވުންނަށް އަނިޔާވެރި ނުވެ އަދި ބޭއިންސާފު ވެސް ނުވެ ޢަދުލުވެރިވާން ޖެހޭނެކަން ވެސް އާޔަތުން އެނގެ އެވެ.
ހަރުކަށި ފިކުރުގެ ޢަމަލުތައް ހުއްދަކުރަން ޙުއްޖަތަކަށް ދައްކާފާނެ ދެވަނަ އާޔަތެއްގެ ގޮތުގައި މި ލިޔުމުގައި މި ބަލައިލަނީ އައްތައުބާ ސޫރަތުގެ 123 ވަނަ އާޔަތަށެވެ. އެ އާޔަތުގެ މާނައިގައި ވަނީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކާފިރުންގެ ތެރެއިން ތިޔަބައި މީހުންނާ ގާތުގައި ތިބި މީހުންނާ ތިޔަބައި މީހުން ހަނގުރާމަ ކުރާށެވެ! އަދި ތިޔަބައި މީހުންގެ ކިބައިން ހަރުކަށިކަން އެއުރެން ދެކޭ ހުށި ކަމެވެ!" މި އާޔަތް ބާވާލެއްވިފައި ވަނީ ތަބޫކު ހަނގުރާމަ އަށް އައި ރޯމަނުންނާ ބެހޭ ގޮތުންނެވެ. ގާތުގައި ތިބި ކާފިރުންނޭ ބުނާ ބަހުގެ މުރާދަކީ އެއީ އެވެ. އެހެންކަމުން މުސްލިމުންނާ އެކުގައި ދިރިއުޅެމުން ގެންދާ ޒިންމީންނާއި މުޢާހިދުންނާއި މުސްތައުމިނުންނަކީ ޣައިރު މުސްލިމުން ކަމަށް ވިއަސް މީގެ ތެރޭގައި ނުހިމެނޭނެ އެވެ. އާޔަތުގައި މި ބަޔާންކުރަނީ އިސްލާމީ ދައުލަތް ޢަރަބި ޖަޒީރާ އިން ފޮހެލުމަށްޓަކައި ވަރުގަދަވެގެންވާ ލަޝްކަރެއް ތައްޔާރުކޮށް ހަނގުރާމައަށް އައި ޙަރުބީ ކާފިރުންނާ ހަނގުރާމަ ކުރުމަށެވެ. އަދި އެމީހުންނަށް ހަރުކަށިކަން ދައްކައިދިނުމަށެވެ. ކާފިރުންގެ އެހެންބަޔަކާ ހަނގުރާމަ ކުރާކަށް ނުވަތަ ހަރުކަށިކަން ދައްކާކަށް ނޫނެވެ. ހާލަތުގެ ގޮތުން ބަލާއިރު ތަބޫކު ހަނގުރާމައަކީ މުސްލިމުން ކުރަން ޖެހުނު އެންމެ އުނދަގޫ ބޮޑުވި ހަނގުރާމަ އެވެ. އެހެންކަމުން މި ހަނގުރާމައަށް މުސްލިމުންނަށް ހިތްވަރު ދޭން އާދަޔާ ޚިލާފަށް ޖެހުނެވެ. މިފަދަ ހިތްވަރެއް ދޭކަން މިއާޔަތުން ދޭހަވިއަސް ޣައިރު މުސްލިމް ކޮންމެ މީހަކާ ހަނގުރާމަ ކުރަން ނުވަތަ އެފަދަ ކޮންމެ މީހަކަށް ހަރުކަށިކަން ދެއްކުމަށް މި އާޔަތުން ދަލީލެއް ނުލިބެ އެވެ.
ހަރުކަށި ފިކުރުގެ ޢަމަލުތައް ހުއްދަކުރަން ޙުއްޖަތަކަށް ދައްކާފާނެ ތިންވަނަ އާޔަތަކަށް މި ލިޔުމުގައި މިބަލައިލަނީ އައްތައުބާ ސޫރަތުގެ 36 ވަނަ އާޔަތުގެ ބަޔަކަށެވެ. އެބައިގެ މާނައިގައި ވަނީ، "އަދި އެންމެހާ މުޝްރިކުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ!" މި ހިސާބަށް މި އާޔަތް ކިޔާފައި ހުއްޓާލުމަކީ، މަސްތުވެގެން ތިބޭ ހާލު ނަމާދާ ގާތް ނުވާށޭ އޮންނަ އާޔަތުގެ ކުރީބައި އެކަނި ކިޔާފައި ހުއްޓާލުން ފަދަ ކަމެކެވެ. ސަބަބަކީ މި އާޔަތުގައިވާ މި އަމުރަށް ކިޔަމަންވާން ޖެހެނީ ކޮން ހާލަތެއްގައި ކަން ޚުދު އެ އާޔަތުގައި ޖެހިގެން ބަޔާން ކޮށްފައި ވާތީއެވެ. އެއީ، "އެއުރެންވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަ ކުރާ ފަދައިންނެވެ." ވީމާ މިތަނުގައި މިވާ އަމުރު މިއޮތީ މުޝްރިކުން އެންމެން އެއްވެގެން އެއްކޮށް މުސްލިމުންނާ ހަނގުރާމަ ކުރާ ކަމަށް ވަނީ ނަމަ އެއިން އެއްވެސް ބަޔަކު އިސްތިސްނާ ނުކޮށް އެހުރިހާ އެންމެންނާ ހަނގުރާމަ ކުރުމަށެވެ.
މި އާޔަތުގައި ހަނގުރާމައަށް އަމުރު އައުމުގެ ކުރިން ވަރަށް މުހިންމު އެހެން ވާހަކައެއް ވެސް ބަޔާން ކުރައްވާފައި ވާކަން ހަނދާނުގައި ބަހައްޓަން ޖެހެ އެވެ. އެއީ އަހަރުގެ 12 މަސް ދުވަހުގެ ތެރެއިން ހަތަރު މަހެއް ޙުރުމަތްތެރިވެގެންވާ ކަމާއި އެ ހަތަރު މަސްދުވަހުގެ ތެރޭގައި އެ މަސްތަކުގެ ހުރުމަތް ކެނޑޭފަދަ އުރެދުންތެރި ކަންކަމުން އަމިއްލަ ނަފްސަށް އަނިޔާވެރި ނުވުމަށް އަމުރު އައިސްފައިވާ ކަމެވެ. އުރެދުންތެރި ކަމެއްގެ ގޮތުގައި އެ މައްސަރުތަކުގައި ކުރެވޭނެ އެއް ކަމަކީ ގަތުލު ކުރުމެވެ. ﷲ އެ އަންގަވަނީ އެ މައްސަރުތަކުގެ ޙުރުމަތް ނުކެނޑުމަށެވެ. ވީމާ ވަރަށް ސާފުކޮށް އެނގިގެން މިދަނީ މުޝްރިކަކަށް ވީތީ އެމީހަކާ ހަނގުރާމަ ކުރަން އިސްލާމްދީނުގައި އަންގަވާފައި ނެތް ކަމެވެ. އަދި މި އާޔަތުން ދަލީލު ނަގައިގެން ކޮންމެ ކޮންމެ މުޝްރިކަކާ ހަނގުރާމަ ނުކުރެވޭނެ ކަމެވެ.
މި އިޝާރާތް ކޮށްލެވުނު ކަންކަމުން އެނގިގެން ދަނީ މިފަދަ އާޔަތްތަކުގެ ހަގީގީ މާނަ ކޮންމެ މުސްލިމަކުވެސް ދެނެގަތުން ވަރަށް މުހިންމު ކަމެވެ. އެއީ ޢަޤީދާގެ ގޮތުން މުސްލިމުންނާ ޚިލާފުވާ ކޮންމެ މީހަކާ ހަނގުރާމަ ކޮށްގެން ނުވާނެކަން ނުވަތަ އެކުވެރިކަން ނުބާއްވައިގެން ނުވާނެކަން އެނގުމަށްޓަކަ އެވެ. އަދި ހަނގުރާމަ ކުރަން ޖެހެނީ ނުވަތަ އެކުވެރިކަން ބާއްވަން ނުޖެހެނީ ކަނޑައެޅިފައިވާ ވަރަށް މަދު ބަޔަކާ މެދު ވަރަށް ޚާއްޞަ ހާލަތްތަކެއްގައިކަން އެނގުމަށްޓަކަ އެވެ. މީގެ އިތުރުން މިފަދަ ހާލަތްތަކުގައި ވެސް މިކަންކަމުގެ ސިޔާސަތުތައް ކަނޑައަޅައި ކަންކަން ތަންފީޒު ކުރާނީ ވަކިވަކި ފަރުދުން ނޫންކަމާއި އެއީ ޖަމާއަތުގެ ކަންކަން ހިންގަން ތިބޭ ވެރިންގެ ޒިންމާއެއްކަން އެނގުމަށްޓަކަ އެވެ.