10 ސެޕްޓެމްބަރ 2021 - 12:40

ބިރު ދައްކައިގެން މަގުމަތިން 1.4 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފި އެވެ.
ލިލްމާސް ނަމަކަށް ކިޔާ ކުންފުނީގެ ދަށުން ހިންގާ މަނީ އެކްސްޗޭންޖު ކުރާ ތަނުގެ ގިނަ އަދަދެއްގެ ފައިސާ ފޭރުމުގެ ތުހުމަތުގައި ފުލުހުން ވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ފުރަތަމަ ދިނީ ފަސް ދުވަހެވެ. ނަމަވެސް ބަންދުގެ މުއްދަތު ހަމަވާން ކައިިރިވުމުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިދިޔަ ހޯމަ ދުވަހު އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ފައިސާ ފޭރުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ވިޔަފާރި ނިންމުމަށް ފަހު، އެ ތަނުގެ ވެރިމީހާގެ ގެ އަށް އެ ފައިސާތައް ހިފައިގެން ބިދޭސީން ދިޔަ މަގުމަތީގަ އެވެ.
އެ ފައިސާ ދަބަހުގައި 900،000ރ. އަދި 25،200 އަށް ވުރެ ގިނަ ޑޮލަރު ހުންނާނެ ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ފައިސާތައް ފޭރުނީ އެ ދެ މީހުން ސައިކަލުގައި ދަނިކޮށް، އެ ސައިކަލު ކޮއްޕާލައި ވައްޓާލައި ވަޅިން ބިރުދެއްކުމަށް ފަހުގަ އެވެ.