09 ސެޕްޓެމްބަރ 2021 - 17:51

މޮރޮކޯގައި އިއްޔެ ބޭއްވި އެ ގައުމުގެ އާންމު އިންތިހާބުގައި، ވެރިކަން ކުރާ ދީނީ ޚިޔާލާތުގެ އަދާލަތު ޕާޓީ އަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވެއްޖެ އެވެ.
މިހާތަނަށް ލިބުނު ނުރަސްމީ ނަތީޖާތަކަށް ބަލާއިރު، އިއްޔެގެ އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ މިނިވަން ޚިޔާލާތުގެ ޕާޓީ ނޭޝަނަލް ރެލީ އޮފް އިންޑެޕެންޑެންޓްސް (އާރްއެންއައި) އެވެ. ދެ ވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީވެސް މިނިވަން ޚިޔާލާތުގެ ޕާޓީއެއް ކަމަށްވާ އޯތެންޓިސިޓީ އެންޑް މޮޑާނިޓީ ޕާޓީ (ޕީއޭއެމް) އެވެ.
އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި އާރްއެންއައިގެ ލީޑަރަކީ ބިލިއަނަރު އަދި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަބްދުލްއަޒީޒް އަޚްނޫޝް އެވެ. މިހާތަނަށް ސާފުކުރެވުނު 96 ޕަސެންޓް ވޯޓުގެ ނަތީޖާއަށް ބަލާއިރު އާރްއެންއައި އަށް، ގާނޫނު ހަދާ މަޖިލީހުގެ 395 ގޮނޑީގެ ތެރެއިން 97 ގޮނޑި ކާމިޔާބު ކުރެވިއްޖެ އެވެ. ޕީއޭއެމް އަށް ކާމިޔާބު ކުރެވުނީ 82 ގޮނޑި އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ގޮނޑި ހޯދި އިސްތިގުލާލް ޕާޓީއަށް ލިބުނީ 78 ގޮނޑި އެވެ.
އެންމެ ފަހުން މޮރޮކޯގައި އޮތް ދެ ސަރުކާރުގައި ވެސް އަދާލަތު ޕާޓީ އޮތީ ސަރުކާރު ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގަ އެވެ. މިހާނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު، މިފަހަރުގެ އިންތިހާބުގައި އަދާލަތު ޕާޓީ އަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.
ނަމަވެސް އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި އިންތިހާބުގައި އަދާލަތު ޕާޓީން 125 ގޮނޑި ކާމިޔާބު ކުރި އިރު، އާރްއެންއައި އަށް ލިބުނީ އެންމެ 37 ގޮނޑި އެވެ.
މިހާރު މުއްދަތު ހަމަވަމުން އަންނަ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ މަގާމުތަކުގައި މިހާރު ވެސް ތިއްބެވީ އާރްއެންއައިގެ ބޭފުޅުންނެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމާ ބެހޭ ވަޒީރާއި، މާލީ ވަޒީރުގެ އިތުރުން ވިޔަފާރިއާ ބެހޭ ވަޒީރާއި ޓޫރިޒަމާ ބެހޭ ވަޒީރު ހިމެނެ އެވެ.
މޮރޮކޯ އަކީ ބަރުލަމާނީ ނިޒާމަކުން ވެރިކަންކުރާ ވިރާސީ ރަސްކަމެއް އޮންނަ ގައުމެކެވެ. މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީގެ ތެރެއިން، ނުވަތަ ކޯލިޝަން ހަދާފައިވާ ނަމަ، ކޯލިޝަން ޕާޓީތަކުގެ މެމްބަރުންގެ ތެރެއިން، ބޮޑުވަޒީރުކަމަށް ބޭފުޅަކު އައްޔަންކުރައްވާނީ ރަސްގެފާނެވެ.
ބޮޑުވަޒީރު ކަމަށް އައްޔަންކުރައްވާ ބޭފުޅަކު ކެބިނެޓް އެކުލަވާލައްވައި ރަސްގެފާނަށް ހުށަހެޅުއްވުމުން، ރަސްގެފާނު ކެބިނެޓަށް ރުހުން ދެއްވުމުން މަގާމުގެ ހުވާ ކުރެއްވުން އޮންނާނެ އެވެ. ބޮޑުވަޒީރު ކެބިނެޓް އެކުލަވައިލެއްވި ނަމަވެސް، ގައުމުގެ ދާހިލީ ވަޒީރާއި ހާރިޖީ ވަޒީރުގެ އިތުރުން ދިފާއީ ވަޒީރަކަށް އައްޔަންކުރައްވާނެ ބޭފުޅަކާ މެދު، އެންމެ ފަހުގެ ނިންމުން ނިންމެވުމުގެ ބާރު އޮންނަނީ ރަސްގެފާނަށެވެ.
މިފަހަރުގެ އިންތިހާބުގައި ވެސް އެއް ޕާޓީއަކަށް ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ލިބޭނެ ކަމަށް ނުބެލެވޭތީ، މިހާތަނަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި އާރްއެންއައި އިން ވެސް އެހެން ޕާޓީތަކަކާ އެކުގައި ކޯލިޝަން ހަދައިގެން ނޫނީ ސަރުކާރެއް އެކުލަވައިނުލެވޭނެ އެވެ.
އިގްތިސާދީ ގޮތުން ހީނަރުކަމެއް ކުރިމަތިވެފައިވާ މިދުވަސްވަރު އާ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ދާއިރު، ގައުމުގެ އިގްތިސާދު ރަނގަޅު ކުރުމަށް، ރަސްގެފާނުގެ ފަރާތްޕުޅުން މިހާރު ވަނީ އިގްތިސާދީ އެޖެންޑާއެއް އެކުލަވައިލާފަ އެވެ. އާ ސަރުކާރު ވެރިކަމާ ހަވާލުވުމުން، ސަރުކާރުގެ އެންމެ އިސް ޒިންމާއަކަށް ވާނީ އިގްތިސާދީ އެޖެންޑާ ތަންފީޒު ކުރުމެވެ.
ނާކާމިޔާބާ ކުރިމަތިވި އަދާލަތު ޕާޓީއަކީ 2011 ވަނަ އަހަރުން ފެށިގެން، އެ ގައުމުގެ އެންމެ ބޮޑު ޕާޓީ އެވެ. ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބައެއް ބިލްތަކަށް އެޕާޓީން ދެކޮޅު ހެދި ނަމަވެސް، އެ ބިލްތައް ފާސްވިޔަނުދީ ހުއްޓުވުމުގައި އަދާލަތު ޕާޓީ އަށް ކާމިޔާބެއް ނުލިބުނެވެ.
އޭގެ ތެރޭގައި ތައުލީމީ ނިޒާމުގެ ތެރޭގައި ފަރަންސޭސި ބަސް ބޭނުންކުރުމަށް ހުށަހެޅި ބިލަކާއި، ސިއްހީ ބޭސްވެރިކަމުގެ ކަންކަމުގައި ކެނެބިސް ބޭނުންކުރުމުގެ ހުއްދަ ދިނުމާ ގުޅޭ ބިލް ހިމެނެ އެވެ.