ރެފިއުޖީ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މީހަކު 108 އަހަރަށް ޖަލަށް
ރެފިއުޖީ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މީހަކު 108 އަހަރަށް ޖަލަށް

އިސްތަންބޫލް (ޖޫން 5) - ރެފިއުޖީ ކޭމްޕެއްގައި ސީރިއާގެ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ތުރުކީ މީހަކު 108 އަހަރަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ރެފިއުޖީ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މީހަކު 108 އަހަރަށް ޖަލަށް
ރެފިއުޖީ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މީހަކު 108 އަހަރަށް ޖަލަށް

ސީރިއާގެ ސަރަހައްދީ ރޮނގާ ކައިރީގައި ހުރި ރެފިއުޖީ ކޭމްޕުގައި ސާފުކުރާ މީހެއްގެ ގޮތުގައި މަސައްކަތް ކުރި އިރްދާން ނަމަކަށް ކިޔާ 29 އަހަރުގެ މީހާ ވަނީ ސީރިއާގެ ކުޑަ އަށް ކުދިންނަށް ޖިންސީ ގޮތުން އަނިޔާދީފައި ކަމަށް ކޯޓުން ބުނެފައިވެ އެވެ. އޭނާ މި ނުބައި އަމަލު ހިންގާފައި ވަނީ އެ ކުދިންނަށް ފައިސާ ދީގެން ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.

އިރްދާންގެ ދިފާއީ ވަކީލުންގެ ޓީމުން ވަނީ އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން ކޯޓުގައި މަސައްކަތް ކޮށްފަ އެވެ. އަދި ފުލުހުންގެ ތަހްގީގުގައި އޭނާ ކުށަށް އިއުތިރާފްވެފައި ވަނީ ބިރު ދައްކައިގެން ކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ. އެކަމަކު ތުރުކީގެ ދެކުނުގެ ނިޒިޕް ސިޓީގެ ކޯޓުން ވަނީ ވަކީލުންގެ ވާހަކަތައް ގަބޫލް ކުރަން ދެކޮޅު ހަދައި، އޭނާގެ މައްޗަށް ހުކުމް އިއްވައިފަ އެވެ. ޕްރޮސެކިއުޓަރުން ފުރަތަމަ މަސައްކަތް ކުރީ 289 އަހަރުގެ ޖަލު ހުކުމެއް އިރްދާންގެ މައްޗަށް އިއްވުމަށެވެ.

ޝަރީއަތުގައި އިރްދާން ބުނެފައި ވަނީ ރެފިއުޖީ ކޭމްޕުގައި އެއަށް ވުރެ ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމަށާއި އެކަމަކު އެ ޖަރީމާތައް ފޮރުވުމުގެ އައްޑަނައަކަށް އޭނާ ބޭނުންކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފަޅާއެރުމާ ގުޅިގެން ޑޮކްޓަރުންގެ ޓީމަކުން ވަނީ ރެފިއުޖީ ކޭމްޕަށް ޒިޔާރަތްކޮށްފަ އެވެ. މި ޓީމުން ބުނެފައި ވަނީ ކުޑަ ކުދިންގެ އިތުރުން ބޮޑެތި އަންހެނުންނަށް ވެސް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި ރެފިއުޖީ ކޭމްޕްތަކުގައި، ޖިންސީ ގުޅުމުން ގައިން ގަޔަށް އަރާ ބަލިތައް ފެތުރެމުންދާ ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވެ އެވެ.

ސީރިއާގެ ހަނގުރާމައާ ގުޅިގެން އެ ގައުމުގެ 2.7 މިލިއަން ރެފިއުޖީން ވަނީ ތުރުކީ އަށް އެތެރެވެފަ އެވެ. --އޭއެފްޕީ