09 ސެޕްޓެމްބަރ 2021 - 16:00

ހިޔާ ފްލެޓް ލިބުނު މީހުންގެ އަތުން މެއިންޓެއިނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. ދައްކަން ޖެހޭނީ ޔޫނިއަންއަކަށް ކަމަށް އެޗްޑީސީން ބުނެފި އެވެ.
ފްލެޓް އެއްބަސްވުމުގައިވާ ގޮތުން މަހު ކުލީގެ ގޮތުގައި 7،500ރ. ދައްކަން ޖެހޭއިރު މެނޭޖްމަންޓްް ފީއަށް 1،000ރ. ދައްކަން ޖެހެ އެވެ. ފްލެޓަށް މަހަކު 8،500 ރުފިޔާ ދައްކަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ގިނަ ބަޔަކު އަންނަނީ އެ އަދަދު ކުޑަ ކޮށްދިނުމަށް އެދެމުންނެވެ.
މެނޭޖްމަންޓް ފީ ކުޑަކޮށްގެން ނަމަވެސް ކުލި ކުޑަކޮށްދޭން އެދެމުން އަންނަނީ އެޗްޑީސީން މިހާރު ހުޅުމާލޭގައި މީހުން އުޅޭ ފްލެޓްތައް ވެސް ރަނގަޅަށް ނުބަލަހައްޓާ ކަމަށް ބުނެ އެވެ.
އެކަމަކު ފްލެޓް އެއްބަސްވުމުގައިވާ ގޮތުން ފްލެޓްހުރި އެއްމެދު އިމާރާތުގެ ކަންތައް ބެލެހެއްޓުމުގެ ފީއެއްގެ ގޮތުންނާއި، އިމާރާތަށް އިންޝުއަރަންސް ހޯދުމުގެ ގޮތުން، ވިއްކާ ފަރާތުން ދައްކަންޖެހޭ ފައިސާގެ މުގާބިލުގައި، ކޮންމެ މަހަކު 1،000ރ. ގެ ފީއެއް، ގަންނަ ފަރާތުން ވިއްކާ ފަރާތަށް ނުވަތަ އިމާރާތް ބަލަހައްޓާ ފަރާތަށް ގަވާއިދުން ދައްކަން ޖެހެ އެވެ.
އެ ފީ ނަގަން ފަށާނީ އަންނަ ޖެނުއަރީ މަހު، ކުލި ނަގަން ފަށާއިރު އެވެ. އެގޮތަށް ފައިސާ ދައްކާއިރު އިންސްޓޯލްމަންޓާއި ޖޫރިމަނާއެއް ދައްކަންވެފައި އޮތް ނަމަ، އިންސްޓޯލްމަންޓާ ވަކިން އެ ޖޫރިމަނާއެއް ވަކިވަކިން ބަލައިނުގަނެވޭ ކަމަށް ވެސް އެ އެއްބަސްވުމުގައިވެ އެވެ.
އެއްބަސްވުމުގައި ބުނީ ދައްކަންޖެހޭ މެނޭޖުމަންޓް ފީ ފްލެޓް ލިބުނު މީހުން ދައްކަމުން ގެންދާނީ، މެނޭޖްމަންޓް ކޯޕަރޭޝަން އުފެދި، އެމެނޭޖްމަންޓް ކޯޕަރޭޝަނަކުން ރަސްމީކޮށް އިމާރާތް މެނޭޖްކޮށް ބެލެހެއްޓުމަށް ހަވާލުވުމާ ހަމައަށް ކަމަށެވެ. އަދި މެނޭޖްމަންޓް ކޯޕަރޭޝަން އުފެދުމަށްފަހު، މެނޭޖުމަންޓު ފީ ދައްކާނީ އެ މެނޭޖްމަންޓް ކޯޕަރޭޝަނަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށް ވެސް ބުންޏެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކުރިން ވިދާޅުވެފައިވަނީ އެޗްޑީސީން ރާވާފައި ވަނީ ކޮންމެ ދެ ޓަވަރަކީ އެއް މެނޭޖްމަންޓް ބޮޑީގެ ގޮތުގައި ކަމަށާއި އޭގެ ކޮންމެ ބޮޑީއަކުން އެޗްޑީސީއާ އެކު މަސައްކަތްކުރާނެ މަންދޫބަކު ހޯދާނެ ކަމަށެވެ.
އެޗްޑީސީއާ އެކު މަސައްކަތް ކުރާއިރު އެ މަންދޫބުން ހިސާބުތައް ވެސް ބެލެހެއްޓުމުގައި އުޅޭނެ ކަމަށާއި އޭރުން ހުރިހާ މަސައްކަތެއްކޮށް ބާކީވާ ފައިސާ އަނބުރާ ދެވޭނެ ކަަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.
އެޗްޑީސީން މިވަގުތު ފްލެޓްތަކުގެ މަސައްކަތްތަކުގައި އިސްކޮށް އުޅެމުންދަނީ މިއީ ފްލެޓް ހަވާލުކުރުމުގެ މަރުހަލާ ކަމަށްވާތީ އެވެ. އެކަމަކު އުއްމީދަކީ ވީހާވެސް އަވަހަށް އެ މަސައްކަތް ފްލެޓްތަކުގެ ވެރިފަރާތްތައް ތަމްސީލުކުރާ ބަޔަކަށް ދޫކޮށްލުން ކަމަށް ސުހައިލް ވިދާޅުވެ އެވެ.
މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރުގައި 6،720 ފްލެޓް ހަދާފައިވެ އެވެ. މި ފްލެޓްތައް ލިބުނު މީހުންގެ ހައްގުތައް ހޯދުމަށް "ހިޔާ ޔޫނިއަން" އަދި "ކޮތަރުކޮށީ" ގެ ނަމުގައި ޖަމިއްޔާއެެއް އުފައްދައިގެން މިހާރު ވެސް މަސައްކަތް ކުރަމުން އެބަދެ އެވެ.