09 ސެޕްޓެމްބަރ 2021 - 11:23

ފޮރިން މިނިސްޓަރު އަދި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ އަބްދުﷲ ޝާހިދުގެ ތަރުޖަމާނަކަށް ބްރެޒިލްގެ ބޭފުޅެއް މިއަދު ހަމަޖައްސަވައިފި އެވެ.
ޝާހިދުގެ ތަރުޖަމާނަކަށް ހަމަޖައްސަވާފައި ވަނީ އދ. ގެ ޕޯޗުގީޒް ނިއުސް އެޖެންސީގެ ޗީފް އެޑިޓަރުކަން ކުރައްވާ މޮނިކާ ގްރޭލީ އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް، 2018 އާއި 2019 ގައި އޭރު އދ. ގެ އާންމު މަޖިލީހުގެ ރައީސަކަށް ތިއްބެވި ބޭފުޅުންގެ ތަރުޖަމާނުކަން ކުރައްވައިފަ އެވެ.
މި މަގާމާ ހަވާލުވުމަށް ފަހު މޮނިކާ ވަނީ ކޮވިޑް-19ގެ ހާލަތުން ދުނިޔެ އަރައިގަތުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެ ޝާހިދު ދެއްކެވި ވާހަކައަށް ތައުރީފު ކުރައްވައިފަ އެވެ.
"ދުނިޔެ މިހާރު މި އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. މިފަދަ ވަގުތެއްގައި މި ބަލިމަޑުކަމުން އަރައިގަތުމަށް ޝާހިދުގެ ލީޑާޝިޕްގެ ދަށުން ކުރައްވާނެ ކަމަށް ވިދާޅުވި ކަންކަމާއި އެންމެން ރައްކާތެރި ވާނީ އެންމެން ވެކްސިން ޖަހައިގެން ކަމަށް ވިދާޅުވުމާއި މޫސުމީ ބަދަލުތައް ކުޑަކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި ވާތީ ކުރެވޭ އުއްމީދުތައް ވަރަށް ބޮޑު،" މޮނިކާ ވިދާޅުވި އެވެ.
އައިޕީޔޫ އިން އިންތިޒާމުކޮށްގެން ބޭއްވި ސްޕީކަސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޝާހިދު މިއަދު ވަނީ އެނބުރި ނިއު ޔޯކަށް ވަޑައިގެންފަ އެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ ޝާހިދު ހަވާލުވެވަޑައިގަންނަ ވާނީ މި މަހުގެ 14 ގަ އެވެ. އެ ދުވަހު ބާއްވާ މި ދައުރުގެ ފުރަތަމަ ޖަލްސާގައި ބްރެޒިލް އާއި ޕޯޗުގީޒްގެ ރައީސް ވެސް ވާހަކަފުޅު ދައްކަވާނެ އެވެ.