ޝާހިދު އޮސްޓްރިއާގެ އިސް ވެރިންނާ ބައްދަލުުކުރައްވައިފި
ޝާހިދު އޮސްޓްރިއާގެ އިސް ވެރިންނާ ބައްދަލުުކުރައްވައިފި

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޮސްޓްރިއާގެ އިސްވެރިންނާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާއަށް ޝާހިދު ކުރެއްވި ދަތުރުގައި، އެ ގައުމުގެ ޗާންސެލަރު ސެބަސްޓިއަން ކާޒާއި ފޮރިން މިނިސްޓަރު އެލެގްޒެންޑާ ޝެލެންބާގާއި ޑިފެންސް މިނިސްޓަރު ކްލައުޑިއާ ޓެނަރާއި ބައްދަލުކުރެއްވި ކަމަށެވެ. ޝާހިދު އެ ތިންބޭފުޅުންނާ ވެސް ބައްދަލުކުރެއްވީ ވަކިވަކިންނެވެ.

އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، ޝާހިދު އިސްކަން ދެއްވާނެ ކަންތައްތަކާ ބެހޭ މައުލޫމާތު އޮސްްޓްރިއާގެ ޗާންސެލަރު ސެބަސްޓިއަން ކާޒަށް ދެއްވި އެވެ. އެ ގައުުމުގެ ފޮރިން މިނިސްޓަރު އެލެގްޒެންޑާ ޝެލެންބާގާއާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް، އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ކުރައްވާނެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ޝާހިދު ދެއްވި އެވެ.

އޭނާ ވިދާޅުވިގޮތުގައި "އުއްމީދުގެ ރިޔާސަތަށް" އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އޮސްޓްރިއާގެ ވެރިން ދެއްވި އެވެ.

އދ. ގެ ސުލްހަ ބަލަހައްޓާ ލަޝްކަރުތަކުގައި އޮސްޓްރިއާގެ ފައުޖުތައް އަދާކުރާ ދައުރަށްޓަަކައި، އެ ގައުމުގެ ޑިފެންސް މިނިސްޓަރު ކްލައުޑިއާ ޓެނަރާއާ އެކު ބޭއްވެވި ބައްދަލުވުމުގައި ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.

އޮސްޓްރިއާ އަށް ޝާހިދު ވަޑައިގަތީ ފަސްވަނަ ސްޕީކާސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް، އެ ޖަމާއަތުން ދިން ހާއްސަ ދައުވަތެއް ގަބޫލު ކުރައްވައި އެ ސަމިޓްގައި ތަގުރީރު ކުރެއްވުމަށެވެ.

ސްޕީކާސް ސަމިޓްގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޑިމޮކްރަސީ އާއި މަލްޓިލެޓަރަލިޒަމަށް އޮސްޓްރިއާއާއި އިންޓަޕާލަމެންޓްރީ ޔޫނިއަން (އަައިޕީޔޫ) ކުރަމުން އަންނަ ދެ ގޮތެއް ނުވާ ތާއީދަށްޓަކައި އައިޕީޔޫ އާއި އޮސްޓްރިއާ އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ދުވަސްވަރުން ފެށިގެން އިންޓަޕާލަމެންޓްރީ ޔޫނިއަންއާ އެކު އޮތް ގުޅުމުގެ ހަަނދާންތައް އާކުރައްވަމުން ޝާހިދު ވިދާޅުވީ، އެއީ ޝަރަފެއް ކަމަށެވެ. ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރަން އައިޕީޔޫ އިން ވެ ދީފައިވާ އެހީތެރިކަަމަށްޓަކައި އޭނާ ޝުކުރު އަދާކުރެއްވި އެވެ.