ސަސްޕެންޝަންގެ ބިރު އޮތަސް ކްލަބުތަކުން އުންމީދުގައި
ސަސްޕެންޝަންގެ ބިރު އޮތަސް ކްލަބުތަކުން އުންމީދުގައި

ލިވަޕޫލް (ސެޕްޓެމްބަރު 9) - ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުންތެރިން ފޮނުވަން ދެކޮޅު ހެދި ކްލަބުތަކަށް އެ ކުޅުންތެރިން ބޭނުން ނުހިފޭ ގޮތަށް އަދަބު ދޭނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ނަމަވެސް ކްލަބުތަކުން ތިބީ އުންމީދެއްގަ އެވެ. މިފަހަރުގެ އިންޓަނޭޝަނަލް ޕީރިއަޑްގައި ވޯލްޑް ކަޕު ކޮލިފައިން މެޗުތަކަށް ބްރެޒިލް އަށް ކުޅުންތެރިން ފޮނުވަން ކްލަބުތަކުން ދެކޮޅު ހެދީ ކޮވިޑް-19 އާ ގުޅިގެން އިނގިރޭސި ސަރުކާރުން އިއުލާން ކޮށްފައިވާ ރެޑް ލިސްޓްގައި ބްރެޒިލް އޮތުމުންނެވެ. ރެޑްލިސްޓްގެ ގައުތަކަށް ދަތުރު ކުރާނަމަ އެނބުރި އިނގިރޭސި ވާލިތަށް އައުމަށް ފަހު 10 ދުވަހު ކަރަންޓީން ވާން ޖެހޭނެ އެވެ. އެއީ އެ ކުޅުންތެރިންނަށް މުހިންމު މެޗުތަކެއް ގެއްލޭނެ ސަބަބަކަށް ވާތީ ބައެއް ކަލްބުތަކުން ނިންމީ ކުޅުންތެރިން ނުފޮނުވުމަށެވެ.

ބްރެޒިލްގެ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ލިވަޕޫލާއި މެންޗެސްޓާ ސިޓީ އަދި ލީޑްސް ޔުނައިޓެޑާއި އެވަޓަންގައި ހިމެނޭ ކުޅުންތެރިން ނުފޮނުވުމަށް އެ ކްލަބުތަކުން ނިންމި އެވެ. ބްރެޒިލްގެ ފެޑްރޭޝަނުން ވަނީ އެކަން ފީފާ އަށް ހުށަހަޅައިފަ އެވެ. އިންޓަނޭޝަނަލް ޕީރިއަޑްގައި ގައުމީ ޓީމުތަކަށް ކުޅުންތެރިން ނުފޮނުވާން ކްލަބުތަކުން ނިންމުމުން ބްރެޒިލްގެ ފެޑްރޭޝަނުން ފީފާ އަށް ހުށަހެޅީ ވަކި މުއްދަތަކަށް އެ ކުޅުންތެރިން ބޭނުން ކުރުމުގެ ފުރުސަތު ކްލަބުތަކަށް ނުދިނުމަށެވެ.

ފީފާއިން އެގޮތަށް އަމަލުކޮށްފިނަމަ ޕްރިމިއާ ލީގު 10 ކުޅުންތެރިންނަށް ކުރިއަށް އޮތް ހަފުތާ ބަންދުގައި ކްލަބުތަކަށް ނުކުޅެވޭނެ އެވެ.

އަލިސަން، ފަބިއާނޯ، ރޮބާޓޯ ފިރްމީނޯ އަދި ރަފީނީއާ އަށް ލިވަޕޫލް އާއި ލީޑްސް ޔުނައިޓެޑް ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުޅެވުމުގެ ފުރުސަތު އެބައޮތެވެ. އެޑަސަން، ގެބްރިއަލް ޖެސޫސް އަށް ލެސްޓާ ސިޓީއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅޭ މެޗުގައި ނުކުޅެވުމަކީ އެކަށީގެންވާ ކަމެކެވެ. ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ތިއާގޯ ސިލްވާ އާއި ފްރެޑް ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

އެޑަސަން އަށް ނުކުޅެވިއްޖެނަމަ އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތި ވާނީ ސިޓީ އަށެވެ. އެ ޓީމުން ބޭނުން ކުރަން ޖެހޭނީ ތިން ވަނަ ކީޕަރު ސްކޮޓް ކާސަން އެވެ. އެ ޓީމުގެ ދެ ވަނަ ކީޕަރު ޒެކް ސްޓެފަން ހުރީ ކޮވިޑް އަށް ޕޮޒިޓިވް ވުމުން ކަރަންޓީންގަ އެވެ.

އެކަމަކު ފީފާގެ އަދަބުން ކްލަބުތައް ސަލާމަތް ވާނެ ކަމުގެ ބޮޑު އުންމީދެއް ކްލަބުތަކަށް އެބައޮތެވެ. ފީފާގެ ނިންމުމާ ދެކޮޅަށް ކްލަބުތަކުން ތިބީ އެކަތިގަނޑެއްގެ ގޮތުގަ އެވެ.