08 ސެޕްޓެމްބަރ 2021 - 20:16

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނީންގައި އޮންނަ ފަލަސްތީނު ރެފިއުޖީން ދިރިއުޅޭ ފޭލިގޭ އަވަށަށް، އިޒްރޭލު ސިފައިން ހަމަލާ ދީފި ނަމަ، ނުވަތަ ވަދެގެންފި ނަމަ، އިޒްރޭލު ސިފައިންނާ ދެކޮޅަށް ހަނގުރާމަ ފަށާނެ ކަމަށް އިސްލާމިކް ޖިހާދު ޖަމާއަތުން މިއަދު އިންޒާރު ކޮށްފި އެވެ.
އިޒްރޭލުގައި ހުރި ސަލާމަތީ ކަންތައް އެންމެ ވަރުގަދަ ޖަލުން ފަލަސްތީނުގެ ހަ ގައިދީއަކު ފިލާފައިވާ އިރު، އެމީހުން ފިލައިގެން ދިޔަ ކަމަށް އިޒްރޭލުން އެންމެ ބޮޑަށް ޝައްކު ކުރަނީ، ޖެނީންގެ ރެފިއުޖީ ފޭލިގެ އަވަށަށެވެ. އެ ހަ ގައިދީން ހޯދުމަށް އިޒްރޭލު ސިފައިންނާއި ފުލުހުން އަދި ޖާސޫސުންގެ ގިނަ އަދަދެއްގެ ބަޔަކު ހަތިޔާރާ އެކު ނެރެފައިވާ އިރު، ޖެނީންގެ ފޭލިގެ އަވަށަށް ވަންނާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އެބަ އޮތެވެ.
އެ މީހުން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، އިޒްރޭލު ސިފައިން މިއަދު ވަނީ، ހުޅަނގު އައްސޭރީގެ ވަށައިގެން އިޒްރޭލުން ރޭނި ބޮޑުފާރުގައި ބާގަނޑުތައް ހުރި ސަރަހައްދުތަކަށް ވަސް ބަލާ ކުއްތާ ގޮވައިގެން ގޮސް، އެ ސަރަހައްދު ބަލައި ފާސްކޮށްފަ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ޑްރޯން މަތިންދާބޯޓުތަކުން ވެސް އެ ސަރަހައްދު ބަލަމުން ދިޔަ އެވެ. މިއީ ޖެނީންއާ ކައިރީގައި އޮންނަ ފަލަސްތީނުގެ އަވަށެއް ކަމަށްވާ ޔާބާދުއާ ކައިރި ސަރަހައްދެކެވެ.
ރޭގެ އެކި ވަގުތުތަކުގައި ވެސް ޖެނީންގެ ރެފިއުޖީ ފޭލިގެ އަވަށުން ބަޑީގެ ހަމަލާތައް އަޑުއިވުނު ކަމަށް އެ ފޭލިގޭގައި ދިރިއުޅޭ ބައެއް މީހުން ބުނެ އެވެ.
ޖަލުން ފިލި ހަ ގައިދީން ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން، އެ ޖަލުގައި މިހާރު ތިބި ފަލަސްތީނުގެ އެއްވެސް ގައިދީއަކަށް އަނިޔާކޮށްފި ނަމަ، ނުވަތަ ފިލި ގައިދީންގެ މީހަކު ފެނިގެން އެމީހަކަށް އަނިޔާކޮށްފި ނަމަ، އިޒްރޭލު ސިފައިންނަށް ހަމަލާ ދޭނެ ކަމަށް އިސްލާމިކް ޖިހާދު ޖަމާއަތުން ވަނީ ވައުދުވެފަ އެވެ.
ހަ ގައިދީންގެ މައްސަލައިގައި އިޒްރޭލާއި ފަލަސްތީނުގެ ބިންތަކުގައި ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އިތުރުވެފަ އެވެ. ފަލަސްތީނު މީހުން ކަންބޮޑުވަނީ، ހަ ގައިދީން ހޯދުމުގެ ނަމުގައި، އިޒްރޭލު ސިފައިން އެ ބިންތަކަށް އަރައި އަނިޔާވެރި އަމަލުތަކެއް ހިންގަފާނެތީ އެވެ.
އިޒްރޭލުން ކަންބޮޑުވަނީ، ހަ ގައިދީން ހޯދަން މަސައްކަތް ކުރާތީ، ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ރުޅިވެރިކަން އިތުރުވެ، ހުޅަނގު އައްސޭރީގައި ހުރި ޔަހޫދީ އާބާދީތަކުގައި ދިރިއުޅޭ ޔަހޫދީންނަށް ފަލަސްތީނުގެ ހަނގުރާމަވެރިން ހަމަލާ ދީފާނެތީ އެވެ. ނުވަތަ އިޒްރޭލުގެ ތެރޭގައި ޔަހޫދީންނަށް ހަމަލާއެއް ދީފާނެތީ އެވެ.
އިޒްރޭލުގެ ޖަލުން ފިލި ބައެއް ގައިދީންގެ އާއިލާތައް ދިރިއުޅެނީ ޖެނީންގެ ފޭލިގެތަކުގަ އެވެ. އެހެންކަމުން އިޒްރޭލު ސިފައިން ކޮންމެ ވަގުތެއްގައި ވެސް، އެ އަވަށަށް ވަދެދާނެ ކަމުގެ ބިރު އެބަ އޮތެވެ.
"އެމީހުން މިތަނަށް އަންނާނީ ކޮން އިރަކުން ކަމެއް ނޭނގެ. އެކަމު ޔަގީނުން ވެސް މިތަނަށް އެމީހުން އަންނާނެ، އެއީ ކަށަވަރު ކަމެއް. އަހަރެމެން ބަލައިގެން މިތިބެނީ ކޮންމެ ފަދަ ވަގުތެއްގައި ވެސް އެމީހުން މިތަނަށް ވަދެދާނެ ކަމަށް. އަހަރެމެން މިތިބީ އެކަށް ތައްޔާރުވެގެން. އަހަރެންގެ އާއިލާ، އިޒްރޭލުގެ އަޅުވެތިކަމުގެ ވޭން ތަހައްމަލްކުރާތާ ކިތަންމެ އަހަރެއް ވެއްޖެ،" ޖަލުން ފިލި ގައިދީއެއްގެ ބޮޑުބޭބެއް ކަމަށްވާ ޖަމާލް ޒުބައިދީ، 65، އަލް ޖަޒީރާ އަށް ބުންޏެވެ.
ޖަލުން ފިލި ގައިދީންގެ ތެރެއިން އެންމެ މަޝްހޫރު އެކަކީ، ޒަކަރިއްޔާ ޒުބައިދީ، 46، އެވެ. އޭނާއަކީ ޖެނީން އަވަށުގެ ފަތަހް ޕާޓީގެ ލީޑަރެވެ. އޭނާގެ އިތުރުން އިސްލާމިކް ޖިހާދު ޖަމާއަތުގެ ހަ މީހަކު ވެސް ވަނީ އިޒްރޭލުގެ ޖަލްބޫއު ޖަލުން ފިލައިފަ އެވެ.
ފަލަސްތީނުގެ ހަ ގައިދީން އިޒްރޭލުގެ ޖަލުން ފިލުމާ ގުޅިގެން، ޖެނީންގެ ރެފިއުޖީ ފޭލިގެ އަވަށުގަ އާއި ފަލަސްތީނުގެ އެހެން ބިންތަކުގައި ވަނީ އުފާ ފާޅުކުރުމުގެ ހަފްލާތައް ބާއްވައިފަ އެވެ. އަދި ޖެނީން ފޭލިގޭ އަވަށުގެ ޒުވާނުން މިހާރު ތިބީ، އިޒްރޭލު ސިފައިން އެ އަވަށަށް ވަންނާނެ ވަގުތެއްގެ އިންތިޒާރުގައި، އެމީހުންނާ ކުރިމަތިލާން ތައްޔާރުވެގެންނެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ މެންދަމުން ފަހުގެ ވަގުތެއްގައި ޖަލުން ފިލި ގައިދީންތައް ހޯދުމަށް އިޒްރޭލު ސިފައިން އިއްޔެ އާއި މިއަދު ވެސް، ޖެނީންގެ ވަށައިގެންވާ އަވަށްތަކަށް ވަދެ ވަރަށް ގިނަ ގެތައް ބަލައި ފާސްކުރި އެވެ. އަދި ބައެއް ތަންތަނުގައި ހުރި ސީސީޓީވީ ކެމެރާތަކުގެ ރެކޯޑް ކުރެވިފައި ހުރި މަންޒަރުތައް ގެންދިޔަ އެވެ.
އޭގެ އިތުރުން ކާރުތައް ހުއްޓުވައިގެން މީހުންގެ ލައިސެންސާއި އައިޑީ ކާޑު ބަލައި ފާސްކުރުމުގެ އިތުރުން، ފަލަސްތީނުގެ ބިންތަކުގެ އާންމު ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ސިފައިން މިހާރު ވަނީ ނެރެފަ އެވެ.
ރޭ އިރާކޮޅު އިޒްރޭލު ސިފައިންގެ ބަޔަކު ޖެނީންގެ ހުޅަނގެދެކުނުން އޮންނަ އަރްބޫނާ އަވަށަށް ވަދެ، ބައެއް ތަންތަނުގައި ހުރި ސީސީޓިވީ މަންޒަރުތައް އަތުލަން މަސައްކަތް ކުރި އެވެ. އެކަމާ ރުޅި އައިސްފައި ތިބި ފަލަސްތީނުގެ ޒުވާނުން އޮއްގަލުން ހަމަލާ ދޭން ފެށުމުން، މާ ގިނައިރެއް ނުވެ، އިޒްރޭލު ސިފައިން އެ ސަރަހައްދު ދޫކޮށް ދިޔައީ އެވެ.