08 ސެޕްޓެމްބަރ 2021 - 20:27

އިޒްރޭލުގެ ގޭސް އުފައްދައި އެކްސްޕޯޓް ކުރާ އެންމެ ބޮޑު ކުންފުނީގެ 22 ޕަސެންޓް ހިއްސާ ގަންނަން އެމިރޭޓްސް އިން ނިންމައިފި އެވެ.
އިޒްރޭލުން ބުނި ގޮތުގައި އަބޫ ދާބީގެ މުބާދަލާ ޕެޓްރޯލިއަމް އަށް ވިއްކައިލަނީ ތަމާރް ގޭސް ދަނޑުގައި އޮތް ޑެލެކް ގްރޫޕްގެ 22 ޕަސެންޓް ހިއްސާ އެވެ. އެ ހިއްސާ ވިއްކައިލުމުގެ ހުރިހާ ކަމެއް މިހާރު ނިމިއްޖެ ކަމަށާއި، 22 ޕަސެންޓް ހިއްސާ ވިއްކައިލަނީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށް ކަމަށް ޑެލެކް ގުރޫޕުން ބުނެ އެވެ.
ތަމާރް ގޭސް ފީލްޑަކީ އިޒްރޭލަށް ބޭނުންވާ ހަކަތަ އުފައްދައިދޭ އެންމެ މުހިންމު އެއް މަސްދަރެވެ. އެ ގޭސް ފީލްޑުން އަހަރަކު 11 ބިލިއަން ކޮޑިފޫޓުގެ ގޭސް އުފައްދަ އެވެ. މިއީ މުޅި އިޒްރޭލުގެ އެތެރޭގައި ކުރާ ގޭހުގެ ވިޔަފާރިއަށް ބޭނުންވާ މިންވަރަށް ވުރެ ވެސް އިތުރު މިންވަރެކެވެ. އަދި މިތަނުން އުފައްދާ ގޭހުގެ ބޮޑު ޕަސެންޓެއް މިސްރާއި ޖޯޑްން އަށް ވެސް އެކްސްޕޯޓް ކުރެ އެވެ.
މެޑްޓެރޭނިއަން ކަނޑުގެ އިރުމަތީ ސަރަހައްދުގައި އޮންނަ މި ގޭސް ފީލްޑުގެ 22 ޕަސެންޓް ހިއްސާ ގަތުމުގެ އެއްބަސްވުމުގައި އިޒްރޭލުގެ ޑެލެކް ޑްރިލިން ކުންފުންޏާއި އިމާރާތުގެ މުބާދަލާ ޕެޓްރޯލިއަމާ ދެމެދު ސޮއިކުރީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ.
މި އެއްބަސްވުމަކީ، އިބްރާހީމީ މުއާހަދާގެ ނަމުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޒައާމަތުގައި އެކުލަވައިލި މުއާހަދާގެ ދަށުން އިޒްރޭލާއި ޔޫއޭއީއާ ދެމެދު ގުޅުން ގާއިމުކުރި ފަހުން، އެ ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ވިޔަފާރީގެ އެންމެ ބޮޑު އެއްބަސްވުމެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެމިރޭޓްސް އިން ބުނެފައިވާ ގޮތުގައި، އިޒްރޭލާ އެކު ގުޅުން ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ، އިގްތިސާދީ ދާއިރާ އިންނާއި ޓެކްނޮލޮޖީގެ ދާއިރާ އިން ދެ ގައުމުގެ މެދުގައި އެއްބާރުލުން ދެމެހެއްޓުމެވެ.
އެމިރޭޓްސް އާއި އިޒްރޭލާ ދެމެދު ގޭހުގެ މި ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމާ ގުޅިގެން މިސްރު ވަނީ ކަންބޮޑުވެފަ އެވެ. ސަބަބަކީ، އެ އެއްބަސްވުމުގެ ދަށުން އިޒްރޭލާއި އެމިރޭޓްސްގެ ގޭހުގެ ވިޔަފާރި މިހާރަށް ވުރެ ފުޅާކޮށްފި ނަމަ، މިސްރުގެ ގޭހާއި ތެލުގެ އެކްސްޕޯޓަށް ބުރޫއަރާނެތީ އެވެ.