ކްލައިމެޓް ޗޭންޖުގެ ނުރައްކާ ބޮޑު ގައުމުތަކުން ގޮވާލަނީ ކޮޕް26 ފަސްނުކޮށް، އަވަސް އެއްބަސްވުމަކަށް
ކްލައިމެޓް ޗޭންޖުގެ ނުރައްކާ ބޮޑު ގައުމުތަކުން ގޮވާލަނީ ކޮޕް26 ފަސްނުކޮށް، އަވަސް އެއްބަސްވުމަކަށް

އދ. ގެ މި އަހަރުގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް، ކޮޕް26 ފަސް ނުކޮށް، "ކްލައިމެޓް އިމަޖެންސީ ޕެކްޓް" އެއް ހަދަންޖެހޭ ކަމަށް، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތައް ހިމެނޭ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އިން ބުނެފި އެވެ.

ފަސްދޮޅަސް ހަ ގައުމަކުން 234 ސައިންސްވެރިން ބައިވެރިވެގެން 14،000 އަށް ވުރެ ގިނަ ދިރާސާ ބަލައި އައިޕީސީސީން ތައްޔާރުކުރި އެ ރިޕޯޓުގައި ވަނީ އިންސާނުން ކާބަންޑައިއޮކްސައިޑާއި އެހެނިހެން ޖައްވު ހޫނު ކުރާ ވިހަ ގްރީންހައުސް ގޭސްތައް ބޭރު ކުރާ ވަރު ވަރަށް ބޮޑަށް މަދު ނުކުރާ ނަމަ މިހާރު މި ދާ ރޭޓުގައި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ޖައްވުގެ ހޫނުމިން ޕްރީ އިންޑަސްޓްރިއަލް ޒަމާނާ އަޅާބަލާއިރު އިތުރު 1.5 ޑިގްރީ ސެލްސިއަސް އަށް އަދި އެއަށް ވުރެ މައްޗަށް ވެސް ހިނގައިދާނެ ކަމަށެވެ. އެއީ އިންސާނިއްޔަތަށް ނުރައްކާވާ ހިސާބެވެ.

ކްލައިމެޓް ޗޭންޖާ ދެކޮޅަށް ކުރާ މަސައްކަތްތައް އެކަށީގެންވާ ވަރަށް ކުރިއަށް ނުދާ ކަމަށާއި ކޮޕް26 ބައްދަލުވުމުގައި ވީހާ ވެސް އަވަހަށް މުހިންމު ނިންމުންތަކެއް ނިންމަން ޖެހޭ ކަމަށް އިއްޔެ ސީވީއެފްއިން ވަނީ ބުނެފަ އެވެ. ކްލައިމެޓް ޗޭންޖްއަށް ހޭނެން ކްލައިމެޓް ޗޭންޖްގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް އެޑެޕްޓޭޝަން އަށް އެކަށީގެންވާ ވަރަށް އެހީ ނުލިބޭ އިރު އެ ގައުމުތަކަށް ނުރައްކާވާ ހިސާބަށް ދުނިޔެއަށް ބަދަލު އަންނަމުންދާ ކަމަށް ވެސް ސީވީއެފްއިން ބުނެފައިވެ އެވެ.

ގްލެސްގޯ ބައްދަލުވުމުގެ ކުރިން ސީވީއެފްއިން ވަނީ އެ ބައްދަލުވުމުގައި ހާސިލު ކުރަން ޖެހޭ ކަންކަމުގެ މެނިފެސްޓޯއެއް އެކުލަވާލައިފަ އެވެ. އޭގައި ހުށަހަޅާފައި ވަނީ ސީވީއެފް ގައުމުތަކަށް ކްލައިމެޓް ޗޭންޖްއަށް އެޑެޕްޓް ވާން 100 ބިލިއަން ޑޮލަރުގެ ފަންޑުން ފައިސާ ދޫކުރާނެ ގޮތުގެ ޕްލޭނެއް 2020-2024 ދެމެދުގެ މުއްދަތަށް އެކުލަވާލުމަށެވެ.

ސީވީއެފްއިން ބޭނުންވަނީ އެ ފަންޑުގެ ދެބައިކުޅަ އެއްބައި ކްލައިމެޓް އެޑެޕްޓޭޝަނަށް އަދި އަނެއް ބައި ޖައްވަށް ކާބަން ދޫކުރުމަށް ހަރަދު ކުރަން ޖެހޭ ގޮތަށް ހަދާށެވެ. އެ ޕްލޭން އެކުލަވާލުމުގެ ޒިންމާ ކޮޕް26ގެ ރައީސްކަން ކުރާ އިނގިރޭސިވިލާތުން ނަގަން އެދިފައިވެ އެވެ.

ކޮވިޑް ވެކްސިންގެ ދަތިކަން ފަގީރު ގައުމުތަކަށް ހުރުމުން ކޮޕް26ގައި ބައިވެރިވުމަށް އެ މީހުންނަށް ދަތިވާ ކަމުގެ ކަންބޮޑުވުން ބޮޑެވެ. އެކަމާ ހެދި ބައްދަލުވުން ފަސް ކުރަން ގޮވާލަމުން ދިޔަޔަސް ސީވީއެފްއިން ބޭނުން ވަނީ އޮފިޝަލުން ބައްދަލުވެ، މަޝްވަރާތައް ކުރިއަށްގެންދާށެވެ.

ސީވީއެފްގެ އެމްބެސެޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ، ދުނިޔެއަށް މިހާރު ކުރިމަތިވެފައި ވަނީ ކްލައިމެޓް އިމަޖެންސީއެއް ކަމަށާއި ބައްދަލުވުން ފަސް ކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ހުރިހާ ފަރާތްތަކަށް ވެސް ބައްދަލުވުމުގައި ބައިވެރިވެވޭނެ ގޮތަށް ޔޫކޭގެ ކޮވިޑް ގަވައިދުތައް ބަދަލު ކުރަން އެމަނިކުފާނު ގޮވާލެއްވި އެވެ.

ތަރައްގީވެފައިވާ ބޮޑެތި ގައުމަތަކުން މޫސުމީ ބަދަލުތަކުގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ގައުމުތަކުގެ ދަރަނި ރީސްޓްރަކްޗާކޮށް ލުއި ގޮތެއް ހަމަޖައްސައިދޭން، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ޗެއާ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ވެސް މީގެ ކުރިން ވަނީ ގޮވާލައްވައިފަ އެވެ. އޭނާ އި ވިދާޅުވެފައި ވަނީ ތަރައްގީވެފައިވާ ގައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން ދުނިޔެ ހޫނުވެ، މޫސުމަށް އަންނަ ބަދަލުތައް އިތުރުވާއިރު، އެއީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ސީވީއެފްގެ 48 ގައުމަށް އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

ޕެރިސް އެގްރީމަންޓުގައި ސޮއިކޮށް 2015 ވަނަ އަހަރު 196 ގައުމަކުން އެއްބަސްވީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށެވެ. އަދި ކޮންމެހެން ވެސް 2 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށެވެ. އެއީ ގައުމުތަކުން ޖައްވަށް ބޭރު ކުރާ ވިހަ ގޭސްތައް މަދުކޮށްގެން ދުރު ރާސްތާއަށް ވިސްނައިގެންނެވެ.

ހޫނުމިން 1.5 ޑިގްރީގެ އިތުރުވުއްޖެ ނަމަ ހީޓްވޭވްތައް ވަރަށް ބޮޑަށް އިތުރުވެ، ހޫނު މޫސުންތައް ދިގުވެ، ފިނި މޫސުންތައް ކުރުވާނެ ކަމަށް ސައިންސުވެރިން ބުނެ އެވެ. އަދި ގުދުރަތީ އެކި ނިޒާމުތަކަށް ބަދަލު އައިސް، ކާރިސާތައް އިތުރުވާނެ ކަމަށް ބުނެ އެވެ. ދެ ޑިގްރީ އިތުރު ވެއްއްޖެ ނަމަ ހޫނުގަދަވާއިރު އިންސާނާގެ ސިއްހަތަށް ސީދާ ގެއްލުންވާ މިންވަރަށް އަދި ދަނޑުގޮވާން ކުރުމަށް އުނދަގޫވާ ހިސާބަށް ދާނެ ކަމަށްވެ އެވެ.