08 ސެޕްޓެމްބަރ 2021 - 14:07

ހިޔާ ފްލެޓްތައް ހުރި ސަރަހައްދު ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އަލިކުރެވޭނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހުރި ސަރަހައްދަށް ދާން އޮންނަ މަގުތަކުގައި ލައިޓްތައް ނުދިއްލާތީ އެ ސަރަހައްދު އޮންނަނީ ރޭގަނޑުވުމުން ވަރަށް އަނދިރިކޮށެވެ. އިމާރާތްކުރާ ބައެއް ސައިޓްތަކާއި ވެހިކަލްތަކުން ނޫނީ އަލިކަމެއް ނާދެ އެވެ.
ފްލެޓް ލިބުނު ބައެއް މީހުން މިހާރު އެތަންތަނުގައި ދިރިއުޅެން ފަށާފައިވާއިރު އެ ސަރަހައްދު އަނދިރިވުމުގެ ޝަކުވާ ކުރެ އެވެ. އެޗްޑީސީން ބުނީ މަގުތައް އަލިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދެ ހަފްތާއެއްގެ ތެރޭގައި އެ ސަރަހައްދުގެ މަގުތައް އަލިކުރެވޭނެ ކަމަށެވެ.
ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރެވުމާ އެކު އެތަނުގެ ފިނިޝިން މަސައްކަތް ވެސް ކުރަމުން އެބަދެ އެވެ. ފިނިޝިން މަސައްކަތް 24 ގަޑިއިރު ކުރުމުގެ ހުއްދަދީފައިވާތީ ގިނަ ބަޔަކު ރޭގަނޑު ވެސް އެ މަސައްކަތުގައި އުޅެ އެވެ. އެކަމަކު ފްލެޓްތައް ކައިރީ މަގުތައް ވެސް އަދި ރަނގަޅަށް ނުހަދާތީ ފްލެޓްތަކުގެ ތިރީގައި ވެސް އެއްވެސް އަލިކަމެއް ނުހުރެ އެވެ.
ހިޔާ ފްލެޓްތަކުން ކުލި ނުނަގާ ގޮތަށް ސަރުކާރުން ދިން ހަތަރު މަހުގެ މުއްދަތު މި މަހު ފެށިފައިވާއިރު ގިނަ ބަޔަކު ފްލެޓްގެ އެތެރޭގެ މަސައްކަތް ގެންދަނީ ނިންމަމުންނެވެ. މަސައްކަތް އެއްކޮށް ނިންމައި ބައެއް މީހުން އެތަނުގައި ދިރިއުޅެން ފަށާފައިވާއިރު އަނެއް ބަޔަކު ކިރިޔާ އުޅެލެވޭވަރު ކުރުމަށް ފަހު ދިރިއުޅެމުން އެބަދެ އެވެ.