08 ސެޕްޓެމްބަރ 2021 - 14:37

ށ. ފޯކައިދޫގެ މަސްވެރިއަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ހިއްސާ ކުރެއްވީ މަސްވެރިންގެ ކޮންމެ ދުވަހެއްގެ ތަކުލީފާއި ޝަކުވާތަކެވެ;

މަސްވެރިކަން ޒަމާނީ އޮޑިއަށް ބަދަލުވެފައިވާ އިރު ހަރަދު ކުރިއާ ހިލާފަށް ބޮޑުވުމެވެ. އައިސް ލިބުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހުމެވެ. މަހުގެ ހަމަ އަގު ނުލިބުމުގެ ކަންބޮޑުވުން ފާޅުކުރިއަސް ހައްލު ނުލިބި ލަސްވުމެވެ. އަމިއްލަ ކުންފުނިތަކުން ހެޔޮ އަގުގައި މަސްކިރޭއިރު މިފްކޯ އަށް އެކަން ނުކުރެވެންވީ ސަބަބާ މެދު އުފައްދާ ސުވާލެވެ.

"އަޅުގަނޑުމެންނަށް މިދިޔަ އަހަރުގެ ތެރޭގައި ވަރަށް ބޮޑެތި ގެއްލުންތައް ލިބުނު. 25-20 ޓަނު މަސް ބާނައިގެން ނުވިކި ނުވަ ދުވަސް އެބަ ހޭދަވޭ, އެ މަހަށް 25-30 ޓަނުގެ އައިސް ހޭދަކުރަން ޖެހޭ," އޭނާ ބުންޏެވެ.
މަސްވެރިންނާއި ދަނޑުވެރިންނާ އެކު ފޯކައިދޫގައި ބޭއްވި ބައްދަލުވުމުގައި އެ ޝަކުވާތައް އަޑުއައްސަވައި ރައީސް ވިދާޅުވީ ފޯކައިދޫ މަސްވެރިންނަށް ކުރިމަތިވެފައިވާ އައިސް ލިބުމުގެ ދަތިކަން ހައްލުކުރަން އިސްކަން ދެއްވާނެ ކަމަށެވެ.
ރާއްޖޭގެ މަސްވެރިކަން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރަނގަޅުވި ނަމަވެސް މަސް ނުކިރި ގެއްލުންތަކެއް ލިބުމަކީ ކަންބޮޑުވުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަސްވެރިންނަށް ދިމާވި ދަތިތައް އަޅާނުލައި ޒަމާންތަކެއް ވަންދެން ދޫކޮށްލާފައި އޮތަސް މި ސަރުކާރުން އަންނަނީ ހައްލު ހޯދަން މަސައްކަތްތަކެއް ކުރަމުންނެވެ. މިފްކޯ އަށް ބަދަލު ގެންނަން ފަށާފައި ވަނީ އެ މަސައްކަތުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދުމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ކުޑަ ވަގުތުކޮޅެއް ނެގިއަސް ހަމަ އަގު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"މިފްކޯގައި މިހާރު އެ އޮތީ އެއް ބޯޓު ގެނެސްފައި, އިތުރު ފްރީޒާ ވެސަލްއެއް ވަރަށް އަވަހަށް ގެނެވޭނެ," ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރު އައިއިރު މިފްކޯގެ ޖާގައިގެ ދަތިކަން ބޮޑެވެ. ގެންނަ ބަދަލުތަކާ އެކު ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަހުގެ އަގު އަދި ދަށްވިޔަސް ކިރާ މަސްކޮޅަށް ވަގުތުން ފައިސާ ލިބޭނެ ގޮތް ހަމަޖެއްސީ މަސްވެރިން އެގޮތަށް އެދިގެންނެވެ.
އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ އެމްޑީޕީގެ ފުރަތަަމަ ސަރުކާރުގައި 3ރ. އަށް ކިލޯ ކިރަމުން އަންނަނިކޮށް އެކަން ބަދަލުވި ފަހުން, މަހުގެ ހަމަ އަގު ހޯދައިދޭން ސަރުކާރުތަކުން މަސައްކަތެއް ނުކުރެ އެވެ. މަހުގެ އަގާ ގުޅޭ ގޮތުން ވާހަކަ ދައްކަނީ ކޮންމެ އިންތިހާބަކާ ދިމާކޮށް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އިންވެސްޓްކުރަން ޖެހެނީ ދާއިމީ ގޮތެއްގައި މިކަން ކުރެވޭނެ ގޮތަށެވެ. މަސްވެރިން ބާނާ މަސް ބަހައްޓާނެ ތަނެއް ނެތިގެން ނުއަގުގައި ވިއްކުމާއި އުކާލަން ޖެހުން ހައްލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މިހެން ހުރި މައްސަލަތައް އަޅުގަނޑުމެންނަށް ފާހަގަކުރެވި އެކަމަށް މަސައްކަތް ކުރަމުން މި އަންނަނީ," މިނިސްޓަރު ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ކޫއްޑޫ އާއި މިފްކޯގައި ބޮޑު ޕްރޮޖެކްޓެއް ފަށައި ދެން އޮތީ ޓެންޑާ މަރުހަލާ އެވެ.
"ފެލިވަރުގައި 4،000 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ މި ގާއިމްކުރަނީ. މިއަދަކު ނެތް އެންމެ ތަނެއް ވެސް. ކޫއްޑޫ 8,000 ޓަނަށް ބަދަލުކުރާނެ," މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ މުޅި ރާއްޖޭގައި 12,000 ޓަނަށް ވުރެން ގިނަ މަސް ރައްކާކުރެވޭނެ ގޮތެއް ވުމެވެ.
ފެލިވަރު ފެކްޓްރީއަކީ 40 އަހަރުވެފައިވާ ތަނެއްކަން ފާހަގަކުރައްވައި ވިދާޅުވީ ފެލިވަރުގައި, ދުވާލަކު 100 ޓަނު ބަންދުކުރެވޭ ވަރުގެ ފެކްޓްރީއެއް ގާއިމްކުރާނެ ކަަމަށެވެ.
"އަޅުގަނޑުމެން މި ގަސްތުކުރީ ދަޅައެއް ދައްކާލާކަށް ނޫން. ދާއިމަށް ބަަދަލުތައް ގެނެސްގެންނޭ މަސްވެރިންނަށް ހަގީގީ ހަމަ އަގު ލިބޭނީ," މިނިސްޓަރު ވިދާޅުވި އެވެ.
"ތި ބޭފުޅުން އަޅުގަނޑުމެންނާ އެއްކޮށް މިކަމުގައި ސަޕޯޓް ދެއްވައިފިއްޔާ ދެ އަހަރުގެ ތެރޭގައި ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ."