ސަލްމާނަށް ހެދި ވީޑިއޯ ގޭމެއް ކޯޓުން ހުއްޓުވައިފި
ސަލްމާނަށް ހެދި ވީޑިއޯ ގޭމެއް ކޯޓުން ހުއްޓުވައިފި

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާނަށް ބިނާކޮށް ހެދި ވީޑިއޯ ގޭމް "ސެލްމަން ބާއީ" ގެ މައްސަލަ އޭނާގެ ފަރާތުން ކޯޓަށް ހުށަހެޅުމާ ގުޅިގެން އެ ގޭމްގެ ހުރިހާ މަސައްކަތެއް ވަގުތުން ހުއްޓައިލަން މުމްބާއީގެ ސިވިލް ކޯޓަކުން އަމުރުކޮށްފި އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޕެރޮޑީ ސްޓޫޑިއޯސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުނިން ސަލްމާނާ ގުޅުވައިގެން ހެދި ގޭމް ބިނާކޮށްފައި އޮތީ 2002 ގައި އޭނާ މަސްތުވެގެން އިނދެ ދުއްވި ކާރެއް ކޮންޓްރޯލުން ނައްޓައި، މަގުމަތީގައި ނިދާފައި ތިބި ބައެއްގެ ގައިގައި ޖެހި ބަޔަކު މަރުވި ހާދިސާއަށެވެ. މި ހާދިސާ އަކީ ސަލްމާން ކުރިމަތިލާން ޖެހުނު ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އެވެ.

އެ ހާދިސާ ހިނގި ދުވަސްވަރަކީ ސަލްމާނާއި އޭރުގެ ލޯބިވެރިޔާ އައިޝްވާރިއާ ރާއީއާ ދެމެދު މައްސަލަ ޖެހި، އެ ދެ މީހުންގެ ވާހަކަތައް ވަރަށް ގަދައަށް މީޑިއާތަކުގައި ވެސް ދެކެވުނު ދުވަސްވަރެވެ.

ކޯޓުން ނެރުނު އަމުރުގައި ބުނީ ގޫގުލް ޕްލޭސްޓޯރާއި އެ ނޫން ވެސް ހުރިހާ ޑައުންލޯޑިން ޕްލެޓްފޯމްތަކުން ގޭމް ނަގައި، އެ ގޭމާ ގުޅުން ހުރި އެއްވެސް ކަމެއް ދެން ކޮށްގެން ނުވާނެ ކަމަށެވެ. އަދި ގޭމާ ގުޅުން ހުރި އެއްވެސް ކަމެއް ދެން ކުރެވޭނީ ސަލްމާންގެ ހުއްދަ ލިބިގެން ކަމަށް ވެސް ބުންޏެވެ. އަދި ސަލްމާންގެ އަބުރަށް ހުތުރުވާ އެއްވެސް ވާހަކައެއް އެއްވެސް ޕްލެޓްފޯމެއްގައި ނުދައްކަން ވެސް ޕެރޮޑީ ސްޓޫޑިއޯސް އަށް އަންގާފައިވެ އެވެ.

ސަލްމާންގެ ފަރާތުން "ސެލްމަން ބާއީ" ގެ މައްސަލަ ކޯޓަށް ހުށަހެޅީ އޭނާ އަށް އާންމުކޮށް ގިނަ ބަޔަކު މުހާބަތުކޮށް އުޅޭ ނަމާއި ގޭމްގެ ނަން ވައްތަރުވުމުގެ އިތުރުން ގޭމްގެ ޕްލޮޓް އޭނާގެ އަމިއްލަ ކަންކަމަކާ ގުޅުވާފައި ހުރިކަން ފާހަގަކުރެވިގެންނެވެ.

މި ގޭމް ހުއްޓުވި އިރު ސަލްމާން މި ވަގުތު ހުރީ "ޓައިގާ 3" ގެ ޝޫޓިން އަށް ތުރުކީގަ އެވެ.