30 މިލިއަން ޑޮލަރުގެ ކަޅުދިޔަފުށި ވިއްކާލަން އަނެއްކާ އިއުލާނުކޮށްފި
30 މިލިއަން ޑޮލަރުގެ ކަޅުދިޔަފުށި ވިއްކާލަން އަނެއްކާ އިއުލާނުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނު ނުދައްކައިގެން ތ. ކަޅުދިޔަފުށި ވިއްކާލަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

ބޭންކުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އަންނަ މަހުގެ 10 ގެ ކުރިން މި ރަށް ގަންނަން ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހަޅަން ޖެހޭނެ އެވެ. މިގޮތަށް ބިޑް ހުށަހަޅާ ބިޑް ކާމިޔާބުކުރާ ފަރާތަކުން ބިޑް ޑިޕޮސިޓްގެ ގޮތުގައި ބޭންކަށް އެއް ލައްކަ ޑޮލަރު ހުށަހަޅަން ޖެހޭނެ އެވެ.

ބީއެމްއެލް އިން ވަނީ ސެޕްޓެމްބަރު 2019 ގައި ވެސް މި ރަށް ވިއްކާލުމަށް އިއުލާނުކޮށްފަ އެވެ. އެފަހަރު ވިއްކާލުމަށް އިއުލާނުކުރީ 29.5 މިލިއަން ޑޮލަރު (454.9 މިލިއަން ރުފިޔާ) އަށެވެ.

ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ ހިއްސާ އޮންނަ ހުރަވީ އިންވެސްޓްމެންޓުން މި ކްރެޑިޓް ފެސިލިޓީ ބީއެމްއެލުން ނެގީ 2016 ވަނަ އަހަރު އެވެ. ބީއެމްއެލް އަށް އެ ރަށް ނަގާފައި ވަނީ ފެބްރުއަރީ 2019، ގައި ސިވިލް ކޯޓުން ކުރި ހުކުމުގެ ދަށުންނެވެ.

މީގެ ކުރިން، އެމްއެމްޕީއާރްސީ މެދުވެރިކޮށް ކަޅުދިޔަފުށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދިން މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލައެއް ބެލި އެވެ. އެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އޭރު ވިދާޅުވެފައި ވަނީ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދިނީ އުސޫލާ އެއްގޮތަށް ކަމަށެވެ.

ރިސޯޓެއްގެ ގޮތުގައި، ކަޅުދިޔަފުށި ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީއާ އެކު ސޮއިކޮށްފައި ވަނީ އޮގަސްޓް 24، 2015 ވަނަ އަހަރު އެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރެއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.

ތ. ގާދިއްފުށި ކައިރީގައި އޮންނަ މި ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހުޅުވަން ނިންމާފައި އޮތީ 2017 ވަނަ އަހަރު އެވެ. ބައިނަލްއަގްވާމީ ހޮޓެލް ޗެއިނެއް ކަމުގައިވާ މެލިއާ ހޮޓެލްސްއާ ގުޅިގެން އެ ރަށުގައި 97 ޕްރައިވެޓް ވިލާ އާއި 100 ކޮޓަރި އަދި ތިން ރެސްޓޯރެންޓް އެޅުމަށް ޕްލޭންކޮށްފައިވެ އެވެ. ނަމަވެސް އަދިވެސް އެ ރަށުގައި ކުރަމުންދަނީ ކޮންސްޓްރަކްޝަންގެ މަސައްކަތްތަކެވެ.