08 ސެޕްޓެމްބަރ 2021 - 10:30

ބާސެލޯނާ (ސެޕްޓެމްބަރު 8) - ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވި 12 ކްލަބުގެ ތެރެއިން ނުވަ ކްލަބު އެ ލީގުން ވަކި ވިޔަސް އެ ޕްރޮޖެކްޓް އޮތީ އަދިވެސް ދިރިދިރި ކަމަށް އެ ލީގުގެ މެންބަރު ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
އިނގިރޭސި މަޝްހޫރު ހަ ކްލަބާއި، ސްޕެއިން އާއި އިޓަލީން ކޮންމެ ގައުމަކުން ތިން ކަލްބު ބައިވެރިވެގެން ޖުމުލަ 12 ކްލަބާ އެކު، އޭޕްރީލް މަހު ލޯންޗު ކުރި ޔޫރަޕިއަން ސުޕަ ލީގުގައި މިހާރު ދެމިއޮތީ ބާސެލޯނާގެ އިތުރުން އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑާއި ޔުވެންޓަސް އެވެ.
އެ މުބާރާތުގައި ބައިވެރިވާން އެއްބަސްވި އަނެއް ނުވަ ކްލަބުން ވަނީ އެފަދަ ކަމެއްގައި ދެ ވަނަ ފަހަރަށް ބައިވެރި ނުވާނެ ކަމަށް ވެސް ޔޫއެފާއާ އެކު އެގްރިމެންޓްގައި ސޮއިކޮށްފަ އެވެ. އެ ނުވަ ކްލަބުން މާފަށް އެދުމުން ޔޫއެފާ އިން ވަނީ އެ ކްލަބުތަކަށް އަދަބު ނުދޭން ނިންމައިފަ އެވެ.
ސްޕެއިންގެ ޓީވީ ޗެނަލް، "އީ ސްޕޯޓްސް 3" އަށް ދެއްވި އިންޓަވިއުގައި ލަޕޯޓާ ވިދާޅުވީ ޔޫރަޕިއަން ސުޕަ ލީގުގެ ޕްރޮޖެކްޓާ އެކު ބާސާ އިން ކުރިއަށްދާނެ ކަމަށެވެ.
"އެ ޕްރޮޖެކްޓް އަދި ވެސް އޮތީ ދިރިދިރި. އެ ޕްރޮޖެކްޓް ދިފާއު ކުރަމުންދާ ތިން ކްލަބުން ދަނީ އެ ޕްރޮޖެކްޓާ ދެކޮޅަށް ކޯޓްގައި ހުރި މައްސަލަތަކުގައި ވެސް ކާމިޔާބު ހޯދަމުން،" ލަޕޯޓާ ވިދާޅުވި އެވެ.
"ޔޫއެފާ އަށް އެކަމެއް ނުހުއްޓުވޭނެ. ޕްރެޝަރުގެ ސަބަބުން ފަހަތަށް ޖެހުނު އިނގިރޭސި ކްލަބުތަކުގެ ސަބަބަކުން ވެސް އެ ޕްރޮޖެކްޓަކަށް އަސަރެއް ނުކުރޭ. އަހަރެން މި ޔަގީންކަން ދެނީ މި ޕްރޮޖެކްޓް ކުރިއަށް ވުރެ މާ ފުރިހަމަކޮށް ހުށަހެޅިގެންދާނެ."
ލަޕޯޓާ ވިދާޅުވީ، ބާސާގެ ރައީސް ކަމަށް އޭނާ އަލުން ވަޑައިގެން ޕީއެސްޖީގެ ފޯވަޑް ނޭމާއާ ވާހަކަ ދެއްކި ކަމަށެވެ.
"އޭނާ ހުރީ އަލުން ބާސާ އަށް އަންނަ ގޮތަށް. އެކަމަށް ވަރަށް ބޮޑަށް އޭނާ ހުރީ ބޭނުންވެފައި. އަހަރެމެން ވެސް އޭނާ ސޮއިކުރުވަން މަސައްކަތް ކުރިން،" ލަޕޯޓާ ވިދާޅުވި އެވެ.
ނަމަވެސް އެކަމަށް ހުރަސްތައް ކުރިމަތިވީ ލަ ލީގާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ސަބަބުން ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.