08 ސެޕްޓެމްބަރ 2021 - 10:33

ރާއްޖޭގައި މި ވަގުތު ހުރި ހަމައެކަނި ރެސިޑެންޝަލް ފަރުވާދޭ ސެންޓަރު، ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި 172 ޖާގަ އޮތަސް އެތަނުގައި ފަރުވާ ދެމުން އަންނަނީ އެންމެ 26 މީހުންނަށް ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.
އެ އެޖެންސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި އެއްފަހަރާ 172 މީހުންނަށް ފަރުވާ ދެވޭނެ ކަމަށެވެ. އެކަމަކު، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެ ތަނަށް ގެންދެވޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެ، ސެންޓަރު އޮތީ ހުހަށެވެ.
ނަމަވެސް ފުލުހުން ހާމަކުރި މައުލޫމާތާއި މަގުމަތިން ފެންނަ މަންޒަރުތަކަށް ބަލާއިރު ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ބޭނުންވާ މީހުންގެ އަދަދު އެއަށްވުރެ އިތުރުވާނެ އެވެ.
އޮފިޝަލް ވިދާޅުވީ މިދިޔަ ރޯދަ މަހު 111 މީހުންނަށް އެ ސެންޓަރުގައި ފަރުވާދިން ކަމަށެވެ. އެކަމަކު، ކޮވިޑުގެ ހާލަތު ގޯސްވުމުން، އެތަނަށް ފޮނުވާ މީހުން ވަރަށް ބޮޑަށް މަދުވި ކަމަށާއި އެކަމަކު ވަރަށް އަވަހަށް އެ ސެންޓަރަށް މީހުން ފޮނުވަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސެންޓަރަށް ފޮނުވާ ބަޔަކު ފިލައިގެން ވެސް ދޭ. އެކަހަލަ ކަންތަކާ ހެދި ސެންޓަރުން ފަރުވާ ހޯދާ މީހުން މަދުވީ،" އޮފިޝަލް ވިދާޅުވި އެވެ.
"ކޮންމެ ހަފުތާއަކު އެބަޖެހޭ 7-10 މީހުން ފަރުވާއަށް ފޮނުވަން. އެކަމަކު ފާއިތުވި ދުވަސްތަކުގައި އެގޮތަށް ނުވެ މި ދިޔައީ،"
އޮފިޝަލް ވިދާޅުވީ ފަރުވާ ފެށުމުގެ ކުރިން 10-21 ދުވަހުގެ ޑިޓޮކްސް ދޭންޖެހޭ ކަމަށެވެ. އެކަމަކު، މަރާމާތުކުރުމަށް ހިންމަފުށީ ޑިޓޮކްސް ސެންޓަރު ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ، އެ ސެންޓަރަށް ދެން މީހުން ގެންދާނީ ރިމާންޑު ސެންޓަރުގައި ހުންނަ ޑިޓޮކްސް ފެސިލިޓީ އަދި ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ޑިޓޮކްސް ސެންޓަރުން ފަރުވާ ދިނުމަށްފަހުގަ އެވެ.