08 ސެޕްޓެމްބަރ 2021 - 08:15

އާދިއްތަ ދުވަހާ ގުޅޭ
"ކާކު؟" ނަޖާތު އެހިއެވެ.
"ރައީސް ތާމިރު!" މުންސިރު ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ!"
ނަޖާތު އެއްޗެއް ބުނަން އަނގަ ހުޅުވައިލިއެވެ. އެހެންނަމަވެސް މުންސިރު އެ ފުރުސަތެއް ނުދިނެވެ.
"އިހަށް މަޑުކުރޭ!" އެއްޗެއް ނުބުނުމަށް އަތުން އިޝާރާތްކުރަމުން މުންސިރު ބުންޏެވެ. "އަހަންނަށް އެނގޭ ނަޖާތަށް ގަބޫލެއް ނުކުރެވޭނެކަން. ކުރިން ރައީސް ބޭނުންފުޅުވީ ނަޖާތު ވީޕީއަކަށް ނެރެން. ޕާޓީ ބަޔަކު އިދިކޮޅުހަދަމުންދިޔަ އިރު ވެސް ތާމިރުގެ ފޭވަރިޓަކީ ނަޖާތު. އެކަމަކު ތާމިރުގެ ފެމެލީ ޕްރެޝަރު ފަހުން މާ ބޮޑުވީ. އެހެންވެ ނަޖާތު ތިހިރީ ދުރަށް ޖައްސައިލާފަ. އަހަންނަށް ފެންނަނީ ދެން ދުރުގަ ހުންނަން. މި ސިޔާސީ މީހުންނަކީ އެއްވެސް ގޮތެއް ހުންނަ ބަޔެއް ނޫން. ކޮށްފާނެ ކޮންމެ ފަދަ ކަމެއް ވެސް."
ރާއްޖޭގެ ސިޔާސީ މަސްރަހު، ނަޖާތަށް ވުރެ ރަނގަޅަށް އެނގޭނެ އެހެން މީހަކު ނެތެވެ. މީހުން ކޮށްފާނެ ކަންތަކާއި ނުކުރާނެ ކަންތައް ވެސް ނަޖާތަށް އެނގެއެވެ. އެކަމަކު، ނަޖާތަކީ އާދައިގެ އަންހެނެއް ނޫނެވެ. އާދައިގެ އިންސާނެއް ވެސް ނޫނެވެ. ނަޖާތަކީ، އައިމިނަތު ނަޖާތު ޝާކިރެވެ.
"ރައީސް އެހާ ފިނޑިއެއް ނުވާނެ،" ނަޖާތު ބުންޏެވެ. "ގައުމުގެ ހުރިހާ ރައްޔިތުންނާ ފޭސްކުރަން ކުރޭ މީހަކަށް ކީއްވެ އަހަންނާ ފޭސްކުރަން ނުކުރެންވީ؟ ފޭސްޓު ފޭސްކޮށް ބުނަންވީނު ވީޕީއަކަށް ދެން ނެރޭނީ މިޝްކާއޭ."
"ކީއްކުރަން އެ ކަމާ ވިސްނަންވީ؟" މުންސިރު ވިސްނައިދިނެވެ. "މިހާރު ތި އުޅެނީ އީގޯގެ މައްސަލައެއް."
މުންސިރު ބުނީ ތެދެއްކަން ނަޖާތަށް ގަބޫލުކުރެވެއެވެ. މައްސަލައަކީ ނަޖާތުގެ ރަވައްޔާއެވެ. މަވެތިވަންތަ ސިފައެވެ. އެހެން ވިޔަސް ނަޖާތަށް މައްސަލައެއް ނެތެވެ.
އެހާ ފަސޭހައިން ބަލިގަބޫލެއް ނުކުރާނަން،" ގޮތްދޫނުކުރާ ކަހަލަ ރާގެއްގައި ނަޖާތު ބުންޏެވެ. "އަހަރެންގެ ޓާގެޓަކީ ނަން ކްލިއަރކުރުން. ވީޕީ ޕޮޒިޝަނެއް ނޫން."
ގަޑިން ރޭގަނޑު ނުވަގަޑި ބައިވާން ތިން މިނެޓު ހުއްޓައި ހަންނާނުގެ ސައިކަލު މަޑު ދުވެއްޔެއްގައި އައިސް އެޕާޓުމަންޓު އިމާރާތް ކައިރިއަށް މަޑުކޮށްލިއެވެ. އޭރު އިސްތިގުބާލުގައި މީހަކު ހުއްޓެވެ. އިމާރާތުގެ ތެރެއަށް ވަދެވޭނެ ގޮތް ހަމަޖައްސައިދިނީ އެ މީހާއެވެ. އެ ހިސާބުން އެ މީހާ ވަކިވީއެވެ. އެއީ ހުޅުމާލޭގައި ހަދައިފައިވާ އެންމެ އަގު ބޮޑު އެޕާޓުމަންޓުތައް ހުންނަ އިމާރާތެވެ. ހީވަނީ ކުޑަ ވަރެއްގެ ގަނޑުވަރެއް ހެންނެވެ. ހަންނާނު ދޮރުން ވަދެގެން ލިފުޓަށް އެރިއެވެ. ނަންބަރަށް ފިތައިލުމަށް ފަހު ލޯގަނޑުން މޫނު ބަލައިލިއެވެ. ޖީބުގައި ފޯނު އޮތްކަން ޔަގީންކޮށްލިއެވެ. ލިފުޓު ހުޅުވުނެވެ. ސަރައްކާލީގެ މެދުން، މަޑު ފިޔަވަޅުތަކެއް އަޅަމުން ގޮސް އެޕާޓުމަންޓުގެ ދޮރުމައްޗަށް ހުއްޓުނެވެ. ދެ ކޮޅު ހޯދައި ބަލައިލިއެވެ. އެ ދިމާ މަތީގައި ސީސީޓީވީ ކެމެރާއެއް ހުއްޓެވެ. ހަންނާނު ކުޑަކޮށް ޖެހިލުންވިއެވެ. ކެމެރާއަށް މޫނު ފެނުނުކަން ޔަގީންވާތީއެވެ. ހަންނާނަށް އެ ތަނަށް ދައުވަތު ލިބުނީ ކީއްވެގެންކަން ހަންނާނަށް އެނގެއެވެ. ހަންނާނަކީ، ނަޖާތުގެ ކޮރަޕްޝަން މައްސަލަ ބޭޒާރުކޮށްލި ނޫސްވެރިޔާއެވެ. ދޮރުގައި ހުރި ރަނގަބީލަށް ފިތާލަން ހަންނާނު އުޅެނިކޮށް މީހަކު ދޮރު ހުޅުވިއެވެ. އެތެރޭގައި ހުރީ ނަޖާތެވެ. ޒުވާން ނޫސްވެރިޔާ އަދި އެޑިޓަރަށް މަރުހަބާކިޔުމަށް ފަހު ނަޖާތު ސޯފާ ދައްކައިލިއެވެ. ތަން ފަރުމާކޮށްފައިވާ ގޮތާއި، ތަނުގައި ހުރި ފަރުނީޗަރުތަކާއި، ލައިޓުތަކަށް ނުބަލައެއް ހަންނާނަކަށް ނުހުރެވެއެވެ. ސޯފާ ކައިރީގައި ހުރި ކުޑަ މޭޒު މަތީގައި، އެތެރެ ފެންނަ ތުނި ކޮތަޅެއް އޮތެވެ. އޭގައި އޮތީ ފަސް ސަތޭކަ ރުފިޔާގެ ފަލަ ނޫޓުބޮނޑިއެކެވެ. ހަންނާނު ލަފާކުރި ގޮތުގައި އޭގައި ދެ ލައްކައެއްހާ ރުފިޔާ ހުންނާނެއެވެ. އެ ގޮތަށް ނަޖާތު އެ ފައިސާތައް ބެހެއްޓީ ހަންނާނުގެ ސަމާލުކަން އެއަށް އެނބުރުމަށް ޓަކައެވެ. ހަންނާނަށް ބޭރުކޮށްލެވުނީ ފުން ނޭވާއެކެވެ.
"މި ތަން ހޯދަން ހިނގާހިނގާ ވަރުބަލިވީތޯ؟" ހިނިތުންވެލައިފައި ނަޖާތު ބުނެލިއެވެ.
"ނޫން!" ހަންނާނު ވަގުތުން ޖަވާބުދިނެވެ. "މި ތަނުގެ ބޮޑުކަމާ، ރީތިކަން ފެނިފަ ހަމަ ހައިރާންވީ!"
ހަންނާނުގެ ވާހަކަ އަޑުއިވުމުން، ނަޖާތު ވާހަކަ ފަށަން ނިންމައިގެން ހުރި ގޮތް ބަަދަލުކޮށްލިއެވެ. ހިނިތުންވެލިއެވެ. އެކަމަކު ނުއެއް އިށީނދެއެވެ. ހަންނާނު ގޮނޑީގައި ހަމަޖެހިލިއެވެ.
"ހަންނާނު އާއިލާގެ ކިތަން މެންބަރުން ތިބޭތޯ؟" ނަޖާތު ސުވާލުކުރިއެވެ. "ސިއްރަކަށް ނުވަންޏާ، ލައިފާ ބެހޭ ގޮތުން ކުޑަ ތައާރަފެއް ލިބިދާނެތޯ؟"
"ދެ ކުދިންނާ އަންބަކު ގޮވައިގެން، ކުލީ ކޮޓަރިގަނޑެއްގަ ވަރަށް ހާލުގަ މި އުޅެނީ،" އެއްވެސް ޖެހިލުމެއް ނެތި ހަންނާނު ބުންޏެވެ. "ބިލުތައް އަބަދުވެސް ޑިޔުވެފަ އޮންނަނީ. ކޮޓަރިން ނުކުންނަން މިހާރު ވެސް ނޯޓިސްދީފަ އޮތީ."
ނަޖާތުގެ ދަބަހުން ތަޅުދަނޑިފައްޗެއް ނަގައިފައި ކުޑަ މޭޒުމައްޗަށް އެއްލިއެވެ. ފަރުވާކުޑަ ގޮތަކަށެވެ. ހަންނާނު ކުޑަކޮށް ސިއްސައިގެންދިޔައެވެ.
"ތީ މި ލަގްޒަރީ އެޕާޓުމަންޓުގެ ތަޅުދަނޑި. ޓޭކް އިޓް!" ނަޖާތު އެދުނެވެ.
ވިސްނާލަން ހަންނާނަށް މަޖުބޫރުވިއެވެ. ބައްދަލުކުރަން އައި އިރު ވެސް، ކުރިމަތިވާނީ ކޮން ސުވާލެއްކަން ހަންނާނަށް އެނގެއެވެ. އޭގެ ބަދަލުގައި އެ ވަރުގެ ބޮޑު އިނާމެއް ހުށައަޅާފާނެކަމަކަށް ހަންނާނު ހިޔެއްނުކުރެއެވެ. އެ ތަނަށް ހަންނާނު އައީ، ކޮންމެ ފަދަ އިނާމެއް ދިނަސް ނަފުސު ވިއްކައިނުލަން އަޒުމުކަނޑައަޅައިގެންނެވެ. އެ ހިސާބުން ނިޔަތް އަރައިރުންވާން ފެށިއެވެ.
"ބަދަލުގަ އަޅުގަނޑު ޖެހޭނެތޯ ޚަބަރުގެ މަސްދަރު ހާމަކުރަން؟" ހަންނާނު އެހިއެވެ.
ނަޖާތު ހިނިތުންވެލިއެވެ. ހަންނާނުގެ އަޒުމަށް ގުނޑުންއަރައިފިކަން އެނގުނީމައެވެ. ނަޖާތަށް އެއީ އުފާވެރި އިހުސާސެކެވެ.
"ޕޮސިބަލް!" ގޮނޑީގައި އިށީންނަމުން ނަޖާތު ބުންޏެވެ. "ހަންނާނަކީ ޖެހިލުންކުޑަ، ކެރޭ އެޑިޓަރެއް. އަޅުގަނޑު އުންމީދުކުރާހިތް ވަނީ ހަމަ އެހާ އިންޓެލިޖެންޓް ވެސް ވާނެކަމަށް. އަޅުގަނޑަކަށް ހިޔެއް ނުވޭ ހަންނާނުގެ މަސައްކަތާ އެކަށީގެންވާ ވަރުގެ ސެލަރީއެއް ނޫހުގެ އިދާރާއިން ދެވޭހެނެއް. އެހެންވެ ނޫންތޯ އަދިވެސް ކުލީ ކޮޓަރިއެއްގަ ތި އުޅުއްވަނީ. މީ ހަންނާނުގެ ފެންވަރަކީ."
ހަންނާނު ދެކޮޅެއް ނަހަދައެވެ. އެއްބަހެއް ވެސް ނުވެއެވެ. ޔަގީނުން ވެސް ހަންނާނު ޖީބުގައި އޮތް ފޯނު އޮތީ ރިކޯޑަށް ޖައްސައިފައެވެ. ހަންނާނު ގަބޫލުކުރާ ގޮތުގައި ނަޖާތު ވެސް ހުރިހައި ވާހަކައެއް ރިކޯޑުކުރާނެއެވެ. އެއްޗެއް ބުނުމުގެ ކުރިން ތިން ފަހަރަށް ހަންނާނު ވިސްނިއެވެ.
"އަޅުގަނޑު ބޭނުންވަނީ ތެދު ހަގީގަތް،" ނަޖާތު ވާހަކަ ކުރިޔަށް ގެންދިޔައެވެ. "ކާކު ބުނެގެން ނޫހުގަ އެ ނިއުސް ޖެހީ؟"
"އޮފީހުން ލިބެނީ ސެލަރީ. ތީ ރިޝްވަތު. ކިހިނެއް އަޅުގަނޑު ތީގަ ހިފާނީ؟" ހިތާދެކޮޅަށް ހަންނާނު އެހިއެވެ.
"މި ކިހިނެއްތޯ ރިޝްވަތަށް ވަނީ؟ ޖާނަލިސްޓުންނަކީ ނޫހަށް މައުލޫމާތު ވިއްކައިގެން ދިރިއުޅޭ ބައެއް،" ސާބިތުކަމާ އެކުގައި ނަޖާތު ބުންޏެވެ. "އަޅުގަނޑަށް ދޭ މައުލޫމާތުގެ އަގު އަޅުގަނޑު މި ދެނީ. އަޅުގަނޑު ނުބުނަން ދޮގުހަދާކަށް ވެސް. އަޅުގަނޑު މި ބުނަނީ، ދޮގުހެދި މީހާގެ ނަން ބުނާށޭ! ކަން ހިނގި ގޮތަށް ނޫހުގަ ޖަހައިދެއްވާށޭ! ވަޒީފާގަ ވެސް ކުރާ ކަމަކީ އެއީ ނޫންތޯ! ބަދަލުގަ މި ލިބެނީ ކުޑަ އެއްޗެއް ނޫނޭ! އުމުރު ދުވަހު މަސައްކަތްކުރިޔަސް މިޔެެއް ނުލިބޭނެ. އެނގިވަޑައިގަންނަވާތޯ! ހަތް މިލިޔަން ރުފިޔާއަށް ގަތް ތަނަކަށް މިހާރު މިހިރީ އަށެއް ޕޮއިންޓް ފަހެއް މިލިޔަން ހަރަދުކޮށްފަ. މި ކަހަލަ ފުރުސަތެއް އަބަދަކު ނުލިބޭނެ."
ހަންނާނު އަނެއްކާ ވެސް މުޅި އެޕާޓުމަންޓަށް ނަޒަރުހިންގައިލިއެވެ. އެއީ ހުވަފެނުން ވެސް ނުދެކޭހާ ހިތްގައިމު ތަނެކެވެ. ތެދު ހާމަކުރުމަކީ ނޫސްވެރިކަމުގެ ބިންގަލެވެ. ހަންނާނު ހިތަށްއެރިއެވެ. ޖެހިލުންވާންވީ ކޮން ކަމަކާ ހެއްޔެވެ؟
ޖެހިގެން އައި ދުވަހު މެންދުރުގެ އެންމެ އަވި ގަދަ ވަގުތުގައި ހޫނު ސުރުހީއެއް ރަށުތެރެއަށް ގުގުމައިލިއެވެ.
"ނަޖާތު ކުށުން ނަޖާވެއްޖެ!" ނޫހުގައި އޮތެވެ.
އެ ރިޕޯޓު ޝާއިއުކުރީ ނަޖާތުގެ ކޮރަޕްޝަން ފަޅާއަރުވައިލި ނޫހުގައެވެ. އެއްބަޔަކު ހައިރާންވިއެވެ. އަނެއް ބަޔަކަށް ވީ ގޮތް އަންދާޒާކުރެވުނެވެ. ރިޕޯޓު އޮތީ ވަރަށް ތަފުސީލުކޮށެވެ. އެންމެ މުހިންމު ވާހަކަ އޮތީ ރިޕޯޓުގެ އެންމެ ފަހަތުގައެވެ. އެއީ، އެ މައްސަލަ ނަޖާތު އިސްތިއުނާފުކުރާނެ ވާހަކައެވެ. ބަލަންވީ ވަރަށް ނުބަލައި ނޫހުގައި ކޮރަޕްޝަންގެ ވާހަކަ ޖެހުނުކަމަށް ޓަކައި ނޫހުން އޮތީ މާފަށް ވެސް އެދިފައެވެ.
ސަރުކާރު މީޑިޔާ ފިޔަވައި އެހެން ހުރިހައި ނޫހަކުން ގަލަމުގެ ދޯރިތައް ދަމައިގަތެވެ. ބޮޑުވާބިއްލޫރީގެ ދަށަށް މައްސަލަ ވެއްދިއެވެ. އަޅައިފައި ހުރި ރެނދުތައް ފުޅާކޮށް ރައްޔިތުންނަށް ހަގީގަތް ދެއްކިއެވެ. ނަޖާތު ރިޝްވަތެއް ނުނަގައެވެ. ގާނޫނީ ވަކީލުންގެ ބަޔަކު، ވަގުތު ފާއިތުވެފައިވާކަމަށް ބުނެބުނެ އޮއްވައި ނަޖާތު ކޯޓަށް މައްސަލަ ވައްދައި، ކޯޓުން މައްސަލަ ބަލައިގަތެވެ. ސަރުކާރުން ތިބީ ވަރަށް ބޮޑު ޔަގީންކަމެއްގައި ގާފިލުވެފައެވެ. ހީކުރެވުނީ އަދުލުއިންސާފު އޮތީ މުށުތެރޭގައި ކަމަށެވެ. ވަގުތު ހޭދަކުރެވުނީ އަރައިފައިވާ ރޫތައް ފިލުވުމުގައެވެ. ނައިބު ރައީސަކަށް އަންހެނަކު ލުމާ ގުޅޭ ގޮތުން، ގާނޫނަން ބޭނުންވާ އިސްލާހުތައް ގެނައުމުގެ ތެރޭގައި މައްސަލަ އިތުރަށް ފުޅާކުރިއެވެ. އަންހެނަކަށް ނައިބު ރައީސްކަމަށް ކުރިމަތިލެވޭ ގޮތް ހެދުމުގެ ބަދަލުގައި، އަންހެނަކަށް ރައީސްކަމަށް ކުރިމަތިލުމުގެ މަގު ވެސް ހުޅުވައިލިއެވެ. ބައިނަލްއަގުވާމީ ރުހުން އިތުރުކުރުމަށް ޓަކައެވެ. އިންސާފަށް ކިހައި ލޯބިކުރާކަމާއި، ޖިންސީ ތަފާތު ނުގެންގުޅޭކަން ދެއްކުމަށް ޓަކައެވެ.
"އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނުފެނޭ އަންހެނުންނަށް ރައީސްކަމަށް ކުރިމަތިލެވޭ ގޮތް ހަދާކަށް. ވީޕީ ޕޮޒިޝަން އޯކޭ!" މެންބަރަކު ފާހަގަކުރިއެވެ. "އެމްޕީންގެ ނިޔަތް ރަނގަޅު. އެކަމަކު އަޅުގަނޑަށް ހީވަނީ ނަޖާތު އެބަ ހާލި ހަދާހެން. ބިސްއަޅައިފިއްޔާ ދިޔައީ ދުވަސް. އަމިއްލައަށް ފޭހި އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރޭނީ."
ވެރިކަންކުރާ ޕާޓީގެ ނުރަސްމީ ބައްދަލުވުމެއްގައި، މެންބަރުންގެ ހުރި ކަންބޮޑުވުންތައް ދިޔައީ ހާމަކުރެވެމުންނެވެ.
"އޭގެ ކުރިން އިލޮށިގަނޑު ބިންދާލާނަން. ހާސްނުވޭ!" ނައިބު ރައީސް ޔަގީންކަން ދެއްވިއެވެ. "އެހެންނޫނަސް ނަޖާތުގެ އެހާ ގަޓެއް ނުހުންނާނެ. އޭނަ ފުއްޕަނީ އަހަރުމެން ފުއްޕަން ޗާންސްދޭތީ!"
ޕާޓީގެ ގިނަ މެންބަރުން ތިބީ އެ ގޮތަށް ގަބޫލުކޮށްގެންނެވެ. ޖެހިގެން އައި ދުވަހު، "މިހާރު" ނޫހުގެ ބޭރުގަނޑުގައި އޮތީ މުޅީން އެހެން އެއްޗެކެވެ.
"މިނިވަން ކެންޑިޑޭޓެއް ގޮތުގައި ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރަން ނަޖާތު ނިންމައިފި!" ރާއްޖޭގެ އެންމެ ނުފޫޒު ގަދަ ނޫހުގައި ޖަހައިފައި އޮތެވެ.
ނުނިމޭ