އަފްޣާނިސްތާނަކީ "އިސްލާމިކް އެމިރޭޓް" ކަމަށް ކަނޑައަޅައި ތާލިބާނުންގެ ކެބިނެޓް އިއުލާންކޮށްފި
އަފްޣާނިސްތާނަކީ "އިސްލާމިކް އެމިރޭޓް" ކަމަށް ކަނޑައަޅައި ތާލިބާނުންގެ ކެބިނެޓް އިއުލާންކޮށްފި

ކާބުލް (ސެޕްޓެމްބަރު 7) - ތާލިބާނުންގެ ވަގުތީ ސަރުކާރު އެކުލަވާލައި އަފްޣާނިސްތާނަކީ "އިސްލާމިކް އެމިރޭޓް" ގޮތުގައި މިރޭ އިއުލާންކޮށްފި އެވެ.

އަފްޣާނިސްތާނުގެ ވެރިކަން މިދިޔަ މަހު 15 ގައި ވައްޓާލި ތާލިބާނުންގެ އާ ސަރުކާރުގެ ވެރިއަކީ އެ ޖަމާއަތުގެ އެއް ބާނީ ކަމަށްވާ މުއްލާ މުހައްމަދު ހަސަން އަހުންދެވެ. އޭނާގެ ދެ ނައިބުންނަކީ ތާލިބާނުންގެ ދެ ބާނީންގެ ތެރޭގައި ހިމެނޭ މުއްލާ އަބްދުލް ޣަނީ ބަރަދާރު އަދި މުއްލާ އަބްދުލް ސަލާމް ހަނަފީ އެވެ. ދާޚިލީ ވަޒީރަކަށް ހަމަޖެއްސީ އެފްބީއައި އިން ހޯދަން ބޭނުންވެފައިވާ ހައްގާނީ ނެޓްވޯކުގެ ލީޑަރުގެ ދަރި ސަރަޖުއްދީން ހައްގާނީ އެވެ. ތާލިބާނުންގެ ޑިފެންސް މިނިސްޓަރަކީ އެ ޖަމާއަތުގެ ބާނީ މުއްލާ އުމަރުގެ ފިރިހެން ދަރި މުއްލާ މުހައްމަދު ޔައުގޫބެވެ. ފޮރިން މިނިސްޓަރަކީ ގަތަރުގެ ދޯހާގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި ތާލިބާނުންގެ ފަރާތުން އިސްވެ އުޅުނު އާމިރު ޚާން މުއްތަގީ އެވެ. ފިނޭންސް މިނިސްޓަރަކީ ހިދާޔަތުﷲ ބަދްރީ އެވެ.

* އަމީރުލް މުއުމިނީން: މައުލާވީ ހިބަތުﷲ އަޚުންދުޒާދާ

* ބޮޑުވަޒީރު: މުއްލާ ހަސަން އަޚުންދު

* ބޮޑުވަޒީރުގެ ނައިބް: މުއްލާ އަބްދުލް ޣަނީ ބަރާދަރު

* ބޮޑުވަޒީރުގެ ނައިބް: މައުލަވީ އަބްދުލް ސަލާމް ހަނަފީ

* ޑިފެންސް މިނިސްޓަރު: މުއްލާ މުހައްމަދު ޔައުގޫބު މުޖާހިދު

* ހޯމް މިނިސްޓަރު: ސިރާޖުއްދީން ހައްގާނީ

* ފޮރިން މިނިސްޓަރު: މައުލަވީ އާމިރު ޚާން މުއްތަގީ

* ފިނޭންސް މިނިސްޓަރު: މުއްލާ ހިދާޔަތު ބަދުރީ

* ޖަސްޓިސް މިނިސްޓަރު: އަބްދުލް ހާކިމް އިޝާގްޒާއީ

* އިންފޮމޭޝަން މިނިސްޓަރު: ޚައިރުﷲ ސާއިދު ވަލީ ޚައިރުހުވާ

ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވިދާޅުވީ ކެބިނެޓުގެ އެހެން މަގާމުތަކަށް ވެސް ވަރަށް އަވަހަށް މީހުން ހަމަޖައްސާނެ ކަމަށެވެ.

ތާލިބާނުންގެ އާ ސަރުކާރުގައި އެއްވެސް އަންހެނަކު ނުހިމެނޭނެތޯ ބީބީސީން ސުވާލު ކުރުމުން ތާލިބާން ކަލްޗަރަލް ކޮމިޝަނުގެ ފަރާތުން އަހުމަދުﷲ ވާސިގު ބުނީ ކެބިނެޓް އެކުލަވާލައި އަދި މުޅިން ނުނިމޭ ކަމަށެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު އަފްގާނިސްތާނު ހިފުމަށް ފަހު ތާލިބާނުން ބުނެފައިވަނީ، އަފްގާން އަލުން އާރާސްތުކުރުމުގައި އަންހެނުން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި 1996-2001 އަށް އެ ޖަމާއަތުން ވެރިކަން ކުރި ދުވަސްވަރު ކަންކުރި ގޮތާ ހިލާފަށް، އަންހެން ކުދިންނަށް ކިޔަވައިދޭނެ ކަމަށް ވެސް ބުންޏެވެ.