ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި އިދިކޮޅުން އިހުތިޖާޖަށް ނުކުންނަނީ
ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި އިދިކޮޅުން އިހުތިޖާޖަށް ނުކުންނަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގި މަނީ ލޯންޑަރިންގެ މައްސަލައިގެ ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރަކު އެ ހުކުމާ މެދު ސުވާލު އުފެދޭ ގޮތަށް ދެއްކެވި ވާހަކަތަކެއް ކަމަށް ބުނެ އާންމުވި އޯޑިއޯތަކުގެ މައްސަލައާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަ ހުކުރު ދުވަހު އިހުތިޖާޖަށް ނުކުންނަން ތައްޔާރުވާން ފަށައިފި އެވެ.

ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި އިދިކޮޅުން އިހުތިޖާޖަށް ނުކުންނަނީ
ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި އިދިކޮޅުން އިހުތިޖާޖަށް ނުކުންނަނީ

ޕީޕީއެމްގެ އޮފީހުގައި މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވައި، މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ، އިންސާފު ގާއިމު ކުރާނެ ކަމުގެ ވައުދާ އެކު މި ސަރުކާރު ވެރިކަމަށް އައި ނަމަވެސް އަދިވެސް އެތައް ބަޔަކަށް އިންސާފު ނުލިބޭ ކަމަށެވެ. މި ސަރުކާރަކީ ނުފޫޒުން އެއްކިބާވެފައިވާ ފަނޑިޔާރުގެއެއް ކަށަވަރު ކުރާނެ ކަމުގެ ވައުދުވި ސަރުކާރަކަށް ވިޔަސް އެކަން ވެސް ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންގެ ތެރެއިން ރައީސް ޔާމީން ވެސް ހިމެނޭ ގޮތުން އެތައް ހާސް ރައްޔިތުންނަށް ވަނީ އިންސާފު ގެއްލިފައި. އެހެންވެ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ހުކުރު ދުވަހުގެ ހަވީރު 4 އިން 6 އަކަށް މި ނުކުންނަނީ އިންސާފު ހޯދަން،" ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ވިދާޅުވި އެވެ.

"އިންސާފު ހޯދަން" ނަމުގައި ކުރިއަށް ގެންދާ މި އިހުތިޖާޖު މާލޭގައި ކުރިއަށް ދާ ވަގުތުގައި ރަށްރަށުގައި ވެސް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އެކަމުގެ ހުއްދައަށް، އިދިކޮޅުގެ އަޣުލަބިއްޔަތު އޮތް މާލޭ ސިޓީ ކައުންސިލްގައި އެދުމުން މިއަދު ހުއްދަ ވެސް ލިބިފައިވާ ކަމަށެވެ. އެހެންވެ އެ އިހުތިޖާޖު ކުރިއަށްދާ ވަގުތުގައި ސަލާމަތީ ކަންކަން ކަށަވަރު ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ޕީޕީއެމްގެ އޮފީސް ކުރިމަތިން ފެށުމަށް ނިންމާފައިވާ މި އިހުތިޖާޖުގައި އިންސާފު ނުލިބި ތިބި މީހުންނާއި އިންސާފަށް އެދި ގޮވާ އެންމެން ބައިވެރިވުމަށް ޝުޖާއު ގޮވާލެއްވި އެވެ.

ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން ސުވާލު އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ތުހުމަތުކުރާ ތިން ފަނޑިޔާރުންނަކީ ހުސައިން ފާއިޒު ރަޝާދާއި އަލީ އާދަމާއި މުހައްމަދު ސަމީރެވެ. އެ ތިން ފަނޑިޔާރުންގެ ރުހުމުގައި ފުލުހުން ވަނީ އެ ބޭފުޅުންގެ އަޑުގެ ސާމްޕަލް ވެސް ނަގައިފަ އެވެ.

ތިން ފަނޑިޔާރުން ވެސް ޖޭއެސްސީ އަށް ހާޒިރުކޮށް ސުވާލު ކުރުމުން، އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ލީކުވި އެ އޯޑިއޯތަކުގައި ތުހުމަތުކުރެ އެވެ. އަދި އެގޮތަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ތުހުމަތު ކުރައްވަ އެވެ. އެކަމަކު އަލީ ޒާހިރު އެކަން ދޮގު ކުރައްވަ އެވެ.