08 ސެޕްޓެމްބަރ 2021 - 06:56

ކަރަންޓީނުގެ އުސޫލާ ހިލާފުވެ، ކޮވިޑް-19 ފެތުރިކަމުގެ ކުށް ސާބިތުވެ ވިއެޓްނާމްގެ މީހަކު ފަސް އަހަރަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
މީޑިއާތަކުން ބުނީ ބަލި ފެތުރިކަމުގެ ކުށް ސާބިތުވި މީހާ އަކީ ލި ވެން ޓްރީ ކިޔާ 28 އަހަރުގެ މީހެއް ކަމަށާއި އޭނާގެ ފަރާތުން އަށް މީހަކަށް ކޮވިޑް ޖެހި، އޭގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށެވެ.
އޭނާ ޖަލަށް ލާން ހުކުމްކުރީ އެއް ދުވަހުގެ ކޯޓު މަރުހަލާއަކަށް ފަހު މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާ އަށް ދައުވާކުރީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ހޯ ޗިން މިން ސިޓީން އޭނާގެ އުފަން ޕްރޮވިންސް، ކަ މައު އަށް ސައިކަލުގައި ދަތުރުކޮށް، ކަރަންޓީނާ ހިލާފުވެފައި ވާތީ އެވެ. ލީ ކޮވިޑަށް ޕޮޒިޓިވްގެ އޭނާގެ ފަރާތުން ބަލި ޖެހުނު މީހުންގެ ތެރޭގައި އާއިލާގެ ބަޔަކާއި އޭނާ ޒިޔާރަތްކުރި ވެލްފެއާ ސެންޓަރެއްގެ މުވަައްޒަފަކު ވެސް ހިމެނެ އެވެ. ލި އަށް ދައުވާ ކުރީ އޭނާ ކަމާބެހޭ ފަރާތްތަކަށް ދޮގު މައުލޫމާތު ދިންކަން ފަޅާއެރުމާ ގުޅިގެންނެވެ. އޭނާ އަށް އިއްވި ޖަލު ހުކުމްގެ އިތުރަށް 880 ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.
ލި ފަރާތުން ފެންމަތިވި މި މައްސަލައާ ގުޅިގެން ވިއެޓްނާމްގެ އެހެން ހިސާބުތަކުން ކަ މައު އަށް ދަތުރުކުރާ މީހުން 21 ދުވަހުގެ ކަރަންޓީންވާން މަޖުބޫރުކޮށްފައިވެ އެވެ.
މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވެސް ކޮވިޑް ފެތުރި މައްސަލައެއްގައި ވިއެޓްނާމްގެ ފިރިހެން ކެބިން ކްރޫއެއް ދެ އަހަރަށް ޖަލަށް ލާފައިވެ އެވެ.
އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވިއެޓްނާމަކީ ކޮވިޑްގެ ހާލަތު ނިސްބަތުން ރަނގަޅު ގައުމެކެވެ. އެކަމަކު މިދިޔަ މަހުން ފެށިގެން ކޭސްތައް އިތުރުވެފައިވެ އެވެ. ވިއެޓްނާމުން ބަލި ޖެހުނު މީހުންގެ އަދަދު 537،000 އަށް ވުރެ ގިނަ އެވެ. އަދި މަރުވި މީހުންގެ އަދަދު 13،600 އަށް ވުރެ ގިނަ އެވެ.