ހިޔާލު ތަފާތުވުން ހުއްޓަސް މުޅި މަންޒަރު ހަރާބެއް ނުވާނެ: ރައީސް
ހިޔާލު ތަފާތުވުން ހުއްޓަސް މުޅި މަންޒަރު ހަރާބެއް ނުވާނެ: ރައީސް

ވެރިކަންކުރާ މައި ޕާޓީ, އެމްޑީޕީގެ އެތެރޭގައި ސިޔާސީ ހިޔާލު ތަފާތުވުން ހުއްޓަސް ޕާޓީގެ އަސާސްތަކާއި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް އެ ޕާޓީން ކުރާ މަސައްކަތުގެ މުޅި މަންޒަރު ކިލަނބު ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާލު ތަފާތުވުން ހުއްޓަސް މުޅި މަންޒަރު ހަރާބެއް ނުވާނެ: ރައީސް
ހިޔާލު ތަފާތުވުން ހުއްޓަސް މުޅި މަންޒަރު ހަރާބެއް ނުވާނެ: ރައީސް

ށ. އަތޮޅާއި ރ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފުނަދޫގައި ތިބި އެމްޑީޕީގެ އިސް މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ޕާޓީގެ ތެރޭގައި ހުރި ހިޔާލުތަފާތުވުންތަކަކީ ހައްލު ނުކުރެވޭނެ ކަންކަން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ކަންކަން ހައްލުވަނީ އެކި ހިޔާލުތަކުގެ ތެރެއިން ގޮތްތަކެއް ހޯދިގެން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"ސިޔާސީ ޕާޓީގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހިޔާލުތަފާތުވުން ކޮންމެވެސް ވަރަކަށް އަޔަސް މުޅި މަންޒަރު ކިލަނބު ވެގެން، ހަރާބު ވެގެންދާ ކަހަލަ ކަމެއް ނުކުރާނަން. އެ ޔަގީންކަން އަރުވަން," ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕިއާ ވާދަކުރެވޭ ވަރުގެ ސިޔާސީ ޕާޓީއެއް ރާއްޖޭގައި އަދި ނެތެވެ. އެތައް ގޮންޖެހުންތަކާއި އުނދަގޫތަކަކަށް ފަހު އެމްޑީޕީ އަށް މިހާރު އޮތް މަގާމަށް އާދެވުނީ ހިޔާލުތަފާތުވުންތަކަށް ޖާގަ ދީ މަޝްވަރާކޮށްގެން ކަމަށް ވިދާޅުވި އެވެ.

ޕާޓީގެ އެތެރޭގެ ހިިޔާލުތަފާތުވުންތަކުގެ ވާހަކަ އާއްމު މެމްބަރުންނާ ރައީސް މި ދެއްކެވީ އެކި މައްސަލަތަކުގައި ޕާޓީގެ ތެރޭގައި މަސްލަހަތު ގޯސްވެ, ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ވެސް އެ ޕާޓީގެ ދެ ފެކްޝަނެއް އުފެދިފައި ވަނިކޮށެވެ. މި ހިސާބަށް ޕާޓީގެ އެތެރޭގެ ކަންކަން ގޮސްފައިވާތީ ދެ ރައީސުންނާ މަޝްވަރާކޮށް ސުލްހަކުރުމުގެ މަސައްކަތް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ފައްޓަވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު، އެ ކަމާ މެދު މަޝްވަރާތަކެއް ކުރިއަށް ގެންދެވި ކަމަށް ހަސަން ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުން ހުއްޓަސް މެމްބަރުން ބޭނުން ނުވާ މިސްރާބަކަށް ޕާޓީ ނުދާނެ ކަމުގެ ޔަގީންކަން ރައީސް ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެސް ދެއްވި އެވެ.