07 ސެޕްޓެމްބަރ 2021 - 14:49

ސިޓީއެއްގެ ދަރަޖަ ދީފައިވާ ފުވައްމުލަކުގައި ކޮވިޑު ކޮންޓްރޯލް ނުވެ ފެތުރެމުންދާއިރު ވެސް، އެރަށުގައި ޕީސީއާރު ޓެސްޓު ހެދޭނެ ނިޒާމެއް ގާއިމުވެފައި ނެތް މައްސަލަ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގުރޫފްގެ ލީޑަރު އާދަމް ޝަރީފް އުމަރެވެ.
ފުވައްމުލަކު ބޭކަނބަލަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ އާދަމް ޝަރީފް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހުމުގެ ސަބަބުން ގިނަގުނަ ދަތިތަކާއި އުނދަގޫތަކެއް ފުވައްުލަކު ސިޓީގެ ރައްޔިތުން ތަހައްމަލުކުރަމުން އަންނަ ކަމަށެވެ. އަދި އެ ހާލަތުގައި ވެސް ފުވައްމުލަކުގައި ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމެއް މިހާތަނަށް އައިއިރު ވެސް ހަމަޖެހިފައި ނެތުމުގެ ސަބަބުން ދަތުރުފަތުރު ކުރަން ދަތިވެ، އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން އެ ސިޓީ އަށް ބޮޑެތި ދަތިކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކަކީ ވެސް ދައުލަތުން "ސިޓީ"ގެ ދަރަޖަ ދީފައިވާ ރަކަށްވާ އިރު، އެ ރަށުގެ ރައްޔިތުން ޕީސީއާރު ޓެސްޓް ހަދަން ސާމްޕަލް ނެގުމަށް ފަހު އެ ސާމްޕަލް އެހެން ސިޓީއަކަން ފޮނުވައިގެން ޓެސްޓުގެ ނަތީޖާ ލިބެންދެން، ތިން ހަތަރު ދުވަހު މަޑުކުރަންޖެހޭތީ އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެހެންކަމުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ އަށް އެ މައްސަލަ ހުށަހަޅައިގެން، ފުވައްމުލަކު ސިޓީގައި ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމު މިހާ ދުވަސްވީއިރު ވެސް
ހަމަޖެހިފައި ނުވަނީ ކީއްވެކަން ސާފުކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. އަދި ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމު ފުވައްމުލަކުގައި ހަމަޖެހޭނެ ތާރީހު ސާފުކޮށްދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
ކޮވިޑުގެ އެކްޓިވް ކޭހެއް ފެނުމާ ގުޅިގެން ފުވައްމުލަށް މޮނިޓަރިން އަށް ލީ މިދިޔަ އޮގަސްޓު މަހު އެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ "މިހާރު" އަށް ވިދާޅުވީ މިހާރު ވެސް އެރަށުގައި ކޮވިޑް ޖެހިފައި ތިބި 115 މީހުން އެބަތިބި ކަމަށެވެ.