07 ސެޕްޓެމްބަރ 2021 - 14:57

މާބަނޑު މީހުންނަށް ކޮވިޑް ވެކްސިން ޖެހުމުގައި އަމަލުކުރާނެ ގޮތް އެޗްޕީއޭ އިން މިއަދު އާންމުކޮށްފި އެވެ.
ވެކްސިން ޖެހުމުގައި މާބަނޑު މީހުންނަށް އޮތް އިހުތިޔާރުތައް އާންމުކޮށް، އެ އިދާރާ އިން ބުނީ ފުރަތަމަ ޑޯޒްގެ ގޮތުގައި ކޮވިޝީލްޑް ޖެހި ފަހުން ބަލިވެ އިން ނަމަ، އެ މީހުންނަށް ދެ ވަނަ ޑޯޒްގެ ގޮތުގައި ޖަހާނީ ފައިޒާ ނުވަތަ އެސްޓްރަޒެނެކާ ވެކްސިން ކަމަށެވެ.
އެކަމަކު، މާބަނޑުވުމުގެ ކުރިން ފުރަތަމަ ޑޯޒްގެ ގޮތުގައި ސިނަފޯމް ވެކްސިން ޖެހި މީހުންނަށް އޮތް ހަމައެކަނި އިހުތިޔާރަކީ ދެވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ޖެހުން ކަމަށް އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ހުއްޓާ މާބަނޑުވެއްޖެ ނަމަ، އެމީހުންނަށް ފުރަތަމަ އަދި ދެވަނަ ޑޯޒްގެ ގޮތުގައި ވެސް ޖަހާނީ ފައިޒާ ވެކްސިން އެކަނި ކަމަށެވެ.
ރާއްޖޭގައި ފައިޒާ ވެކްސިން ޖަހައިދެމުން އަންނަނީ ހާއްސަ ހާލަތްތަކުގައި ތިބި މީހުންނާއި މާބަނޑު މީހުންގެ އިތުރުން 12-17 އަހަރުގެ ކުދިންނަށް އެކަންޏެވެ.
އެސްޓްރަޒެނެކާ ވެކްސިނަކީ ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުންޏާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ތައްޔާރުކުރި ވެކްސިނެކެވެ. ކޮވިޝީލްޑް ތައްޔާރުކުރަމުން އަންނަނީ އެސްޓްރަޒެނެކާ ވެކްސިން އުފެއްދުމަށް ބޭނުންކުރި ފޯމިއުލާ ބޭނުންކޮށްގެން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުންނެވެ. ރާއްޖޭގައި ފުރަތަމަ ޑޯޒްގެ ގޮތުގައި ކޮވިޝީލްޑް ޖެހި މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި މިހާރު ދެނީ ވެސް އެސްޓްރަޒެނެކާ ވެކްސިނެވެ.
ރާއްޖެއިން މިހާތަނަށް 386،253 މީހަކު ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އަދި ވެކްސިން ފުރިހަމަކުރީ 303،965 މީހެކެވެ.