30 ނޮވެމްބަރ 2016 - 14:43

ތެލް އަވީވް (ނޮވެމްބަރު 30) - ބަންޑީގެ އަޑު މަޑު ކުރަން އިޒްރޭލުން ފާސްކުރަން އުޅޭ ބިލަށް އެ ގައުމުގެ ރައީސް ރެއުވެން ރިލްވިން ދެކޮޅު ހައްދަވައިފި އެވެ.

ބަންގީގެ އަޑު މަޑު ކުރަން ފާސް ކުރަން އުޅޭ ބިލަށް އިޒްރޭލުގެ ކެބިނެޓުން ރުހުން ދިނުމަށް ފަހު އެ ގައުމުގެ ޕާލަމެންޓަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ. މި ބިލަށް ވަނީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ތާއީދު ކުރައްވައިފަ އެވެ.
ނަތަންޔާހޫ ވިދާޅުވެފައި ވަނީ ބަންގީގެ އަޑު ގަދަވުމުން ވަރަށް ގިނަ ޝަކުވާ ލިބޭ ކަމަށެވެ. އަދި މުސްލިމުން ނޫން މީހުން އަޅުކަން ކުރާ ތަންތަނުގެ އަޑު މަޑުކުރާނެ ކަމަށް ވެސް ބިލުގައި ހިމަނާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ބިލް ފުރަތަމަ އޮތް ގޮތަށް މިދިޔަ ހަފުތާގައި ވަނީ އިސްލާހެއް ގެނެސްފަ އެވެ. އެއީ ހޮނިހިރު ދުވަސް ފެށުމުގެ ގޮތުން ހުކުރު ދުވަހު އިރުއޮއްސުމަށް ފަހު ޔަހޫދީން އަޅާ ސައިރެން އަށް ބަދަލު ނުގެނައުމަށެވެ.
ގުދުސްގައި ދީނީ ލީޑަރުންނާ އިއްޔެ ބައްދަލު ކުރައްވާ ރިލްވިން ވިދާޅުވީ އަޅުކަން ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުމަށް ގާނޫނެއް ފާސްކުރަން އުޅުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި ދީނީ ލީޑަރުންނާ ބައްދަލު ކުރެއްވީ ވެސް މިހާރު ފާސްކުރަން އުޅޭ ބިލުގެ މައްސަލައިގައި ހައްލެއް ފެނޭތޯ ބަލަން ކަމަށް ވެސް ވިދާޅުވި އެވެ. ރިލްވިން ވިދާޅުވީ ބަންގީގެ އަޑު މަޑު ކުރަން ފާސް ކުރަން އުޅޭ ބިލަކީ އެއްވެސް ބޭނުމެއް ހުރި އެއްޗެއް ނޫން ކަމަށެވެ.
އިޒްރޭލުގެ ބައެއް މީޑިއާތަކުން ވަނީ ބައްދަލުވުމަށް ފަހު ރައީސް ރިލްވިން ފައިނޭންސް މިނިސްޓަރު މޯޝޭ ކަހްލޮން އަށް ފޯނު ކުރައްވާ އޭނާގެ ފެކްޝަނުން ބިލާ ދެކޮޅަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައި ކަމަށް ބުނެފަ އެވެ.
އިޒްރޭލުގެ އޮފިޝަލަކު ބުނީ އިރުމަތީ ގުދުސް އާއި އެހެން ހިސާބުތަކުގެ މިސްކިތްތަކުން ބަންގީގެ އަޑު މަޑު ކުރި ނަމަވެސް އަގުސާ މިސްކިތުން ބަންގީގެ އަޑު މަޑު ކުރުން ބިލުން އިސްތިސްނާ ވާނެ ކަމަށެވެ.
ބިލް ސްޕޮންސާ ކުރި ޔަހޫދީ ހޯމް ޕާޓީން ބުނީ އެއީ އިޒްރޭލުގެ މުސްލިމް ނޫން މީހުންނަށް ކޮންމެ ދުވަހަކު އިވޭ އަޑުތަކުން އުނދަގޫވާ މައްސަލަ އަށް ހައްލެއް ހޯދަން ކުރާ ކަމެއް ކަމަށެވެ. އަދި ބައެއް މުދިމުން އިޒްރޭލް މީހުން ރުޅި އެރުވުމަށް ބާރަށް ބަންގި ގޮވާ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.
އިޒްރޭލުގެ މީޑިއާތަކުން ބުނި ގޮތުގައި ބިލް ފާސްކޮށްފި ނަމަ މިސްކިތްތަކުގައި އަޑު ގަދަކުރާ ބޭނުންކޮށްގެން ފަސް ވަގުތު ބަންގި ގޮވުން ހުއްޓުމަކަށް އަންނާނެ އެވެ. ހުރިހާ ދީންތަކެއްގެ މީހުންނަށް ވެސް މި ގާނޫނު ހިންގި ނަމަވެސް އެކަމުގެ އެންމެ ބޮޑު ގެއްލުމެއް ފޯރާނީ މުސްލިމުންނަށެވެ.
އިޒްރޭލުގައި ދިރިއުޅޭ 17.5 ޕަސެންޓް މީހުންނަކީ އަރަބިންނެވެ. މީގެ ތެރޭން ގިނަ މީހުންނަކީ މުސްލިމުންނެވެ. އަރަބިން ތުހުމަތު ކުރި ގޮތުގައި އިޒްރޭލުގައި އަޣުލަބިއްޔަތު އޮންނަ ޔަހޫދީން ދަނީ މުސްލިމުންނާ ވަރަށް ބޮޑަށް ތަފާތު ކުރަމުންނެވެ.
ފަލަސްތީނު މީހުން ގިނަ އަދަދަކަށް ދިރިއުޅޭ އިރުމަތީ ގުދުސްގެ މިސްކިތްތަކުން ފަސް ވަގުތު ބަންގި ދެނީ އަޑުގަދަ ކުރާ ބޭނުންކޮށްގެންނެވެ. ބަންގީގެ އަޑު އެ ސިޓީގެ ހުރިހާ ދިމާއަކުން ވެސް އިވެ އެވެ.