އާމިރު ޚާންގެ ގެއިން ކުރި ބޮޑު ވައްކަމުގެ ތުހުމަތު ކައްކާގެ މައްޗަށް
އާމިރު ޚާންގެ ގެއިން ކުރި ބޮޑު ވައްކަމުގެ ތުހުމަތު ކައްކާގެ މައްޗަށް

މުމްބައިގައި ހުންނަ އާމިރު ޚާންގެ އަންހެނުން ކިރަން ރާއޯގެ ގެއިން ބޮޑު ވައްކަމެއް ކޮށްފި އެވެ. އެގޮތުން އަލިމަހުގެ ވަރަށް އަގުބޮޑު ހާރަކާއި އަލިމަސް ޖަހާފައިވާ އަނގޮޓިއެއް ވަނީ ވަގަށް ނަގާފަ އެވެ. މި ތަކެތީގެ އަގު 80 ލައްކަ ރުޕީސް އަށް އަރަ އެވެ.

މި ވައްކަމުގެ ތުހުމަތު މުމްބައި ފުލުހުން އެންމެ ބޮޑަށް ކުރަނީ އާމިރުގެ ކައްކާއެއްގެ ގޮތުގައި 18 ވަރަކަށް އަހަރު މަސައްކަތް ކޮށްފައިވާ ފަރްޒާނާ ޝެއިޚް އަށެވެ. އުމުރުން 50 އަހަރުގެ ފަރްޒާނާ ކޮންމެ ދުވަހަކު ފުލުސް އޮފީހަށް ގެންގޮސް ސުވާލުކުރެ އެވެ.

ފަރްޒާނާގެ މަންމަ ކޭސަރު ބޭގަމް ބުނީ އެހާ ޒަމާން ވަންދެން ވަފާތެރިކަމާ އެކު ކޮށްދިން މަސައްކަތުގެ އަގު އާމިރުގެ އާއިލާއިން އޭނާގެ ދަރިފުޅަށް ދޭން ޖެހޭނީ އެގޮތަށްތޯ ސުވާލުކޮށްފަ އެވެ.

ފަރްޒާނާގެ އާއިލާއިން އެންމެ ހިތްދަތިވަނީ އެކަމާ ބެހޭ ގޮތުން އާމިރު އެއްވެސް އެއްޗެކޭ ނުބުނެ މަޑުން ހުރީމަ އެވެ.

އާމިރުގެ ރިލީޒްވާން ތައްޔާރުވެފައިވާ ފިލްމު "ޑަންގަލް"ގައި ފަރްޒާނާގެ އިތުރުން އޭނާގެ މަންމަ އާއި ބޭބެ އާއި ދަރިފުޅު ވެސް އާމިރަށް އެހީތެރިވި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ މިޑް ޑޭ އިން ރިޕޯޓުކުރި ގޮތުގައި އާމިރުގެ ގެއިން ކުރި ވައްކަމުގެ ތުހުމަތު އަޅުވަނީ ފަރްޒާނާގެ ބޮލުގަ އެވެ.

އާމިރު ކަނީ ފަރުޒާނާ ކައްކާ އެއްޗެހި ކަމުން، އޭނާ ދާ ބައެއް ތަންތަނަށް ފަރުޒާނާ ގެންދެ އެވެ. އޭގެ ތެރޭގައި އިންޑިއާ އިން ބޭރަށް ކުރާ ދަތުރުތައް ވެސް ހިމެނެ އެވެ.

ސުވާލުކުރުމުގެ އިތުރުން ފުލުހުން ވަނީ ފަރްޒާނާގެ ގެ ފާސްކޮށް އެ ގޭގައި ހުރި އެއްޗެހި ވެސް އެފުށް މިފުށަށް ޖަހާފަ އެވެ.

ފަރުޒާނާގެ އުމުރުން އަށް އަހަރުން ފެށިގެން އާމިރުގެ ގެއަށް ގޮސް ކަންތައްތައް ކޮށްދީ އުޅުނެވެ. އަދި އާމިރަށް ކެވޭ ގޮތަށް ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކޮށްދިނުމުގެ ޒިންމާއާ ފަރުޒާނާ ހަވާލުވެގެން އުޅޭތާ 18 އަހަރު ވެއްޖެ ކަމަށް އާއިލާ އިން ބުނެ އެވެ.

"ދޫމް 3"ގެ ޝޫޓިން އަށް އިންޑިއާއިން ބޭރަށް އާމިރު ކުރި ދަތުރުގަޔާއި "ޑަންގަލް"ގެ ޝޫޓިންގައި ހަރްޔާނާގައި ހޭދަކުރި ދުވަސްތަކުގައި ވެސް ފަރްޒާނާ ވަނީ އާމިރަށް ކެއުން ތައްޔާރުކޮށްދީފަ އެވެ.

އާމިރުގެ އަންހެނުން ކިރަންގެ އެސިސްޓެންޓެއްގެ ގޮތުން މަސައްކަތްކުރާ ސުޒާން އާއި އެމީހުންގެ ނޯކަރެއްގެ ގޮތުގައި މަސައްކަތްކުރާ ޖުމްކީ އަށް ވެސް ފުލުހުން ޝައްކުކުރެ އެވެ. ނަމަވެސް ބޮޑަށް ސުވާލުކުރަނީ ފަރްޒާނާއާ އެވެ.