ސްކޫލް ހުޅުވިޔަސް ނޮޅިވަރަންފަރު 80 ޕަސެންޓް ކުދިން ސްކޫލަކަށް ނުދޭ
ސްކޫލް ހުޅުވިޔަސް ނޮޅިވަރަންފަރު 80 ޕަސެންޓް ކުދިން ސްކޫލަކަށް ނުދޭ

ކޮވިޑް-19 ފެތުރޭތީ ހދ.ނޮޅިވަރަންފަރު މޮނިޓަރިންގައި ބޭއްވުމަށް ފަހު މޮނިޓަރިން އުވާލައި ސްކޫލް ހުޅުވި ނަމަވެސް ކޮވިޑްގެ ކޭސްތައް އަދިވެސް ފެންމުން ދާތީ އެ ރަށުގެ 80 ޕަސެންޓު ދަރިވަރުން މިއަދު ސްކޫލަށް ނުދާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

ކޮވިޑް ފެތުރޭތީ ނޮޅިވަރަންފަރު މޮނިޓަރިންއަށް ލީތާ 10 ދުވަސް ފަހުން އެޗްޕީއޭ އިން އެރަށް އާންމު ހާލަތަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މޮނިޓަރިން އުވާލި އިރު ވެސް ކޮވިޑް ޖެހިފައި 25 މީހަކު ތިބި އިރު ރެންޑަމް ސާމްޕަލްތަކުން ވެސް އާ ކޭސްތައް ދަނީ ފެންނަމުންނެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް "މިހާރު" އަށް ވިދާޅުވީ ރަށް މޮނިޓަރިން އިން ނެގި ނަމަވެސް ރޭންޑަމް ސާމްޕަލްތައް ޕޮޒިޓިވް ވާތީ ރަށުގެ ކޮވިޑް ޓާސްކްފޯހާއި ކައުންސިލުން ވެސް އަދި ރަށް މޮނިޓަރިން އިން ނަގާކަށް ބޭނުމެއް ނުވެ އެވެ. ރަށުގައި އަދިވެސް ކޮވިޑް ކޮންޓްރޯލް ނުވާތީ ދަރިވަރުން ސުކޫލަށް ފޮނުވަން ގިނަ ބެލެނިވެރިން ބޭނުން ނުވަނީ ކަމަށް ނަދީމް ވިދާޅުވި އެވެ.

އާބާދީ ބޮޑު ބަޔަކަށް ކޮވިޑް ވެކްސިން ދީފައި ވާތީ، ރަށްތައް މޮނިޓަރިންއަށް ލުމުގެ އުސޫލަށް އެޗްޕީއޭ އިން ވަނީ ބަދަލު ގެނެސްފަ އެވެ.

ނޮޅިވަރަންފަރު ސުކޫލުގައި 326 ދަރިވަރުން އުޅޭއިރު ގްރޭޑް 1 އިން 10 އާ ދެމެދު 253 ކުދިން އުޅެ އެވެ.

ސްކޫލުގެ އޮފިޝަލަކު ވިދާޅުވީ ކޮވިޑް ފެތުރޭތީ ފައުންޑޭޝަން ސްޓޭޖުގެ ހުރިހާ ކްލާސްތަކެއް ވެސް މިހާރު ކެންސަލްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ގްރޭޑު 1 އިން 10 އަށް ކިޔަވާ ކުދިންގެ ތެރެއިން 200 ކުދިން މިއަދު ސުކޫލަށް ނާންނަ ކަމަށެވެ.

"ގްރޭޑް އެކަކުން 10 އަށް 253 ކުދިން ސުކޫލަށް އަންނަންޖެހޭނެ، އޭގެ ތެރެއިން މިއަދު ސުކޫލަށް އައީ އެންމެ 53 ކުދިން،" އޮފިޝަލް ވިދާޅުވި އެވެ.

ސްކޫލްގެ އޮފިޝަލް ވިދާޅުވީ ރަށުތެރޭގެ ހާލަތު އަދިވެސް ރަނގަޅު ނޫން ކަމަށާއި، އެހެންވެ ދަރިވަރުން ސުކޫލަށް ފޮނުވަން ގިނަ ބެލެނިވެރިން ހިތްހަމަ ނުޖެހޭ ކަމަށެވެ. ނަމަވެސް ރަށް މޮނިޓަރިން އިން ނަގާފައި އޮތުމުން ސްކޫލް ހުޅުވަންޖެހޭ ކަމަށާއި، ކްލާސްތައް އޮންލައިން ކުރެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.