06 ސެޕްޓެމްބަރ 2021 - 19:36

ދިރިނޫޅެވޭ ވަރުގެ ތަންތަނުގައި އުޅޭ މީހުންނަށް މާލޭ ސަރަހައްދުން ގޯތި ދޭން ސަރުކާރުން ވި ވައުދު ފުއްދަަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
މިއަދު ބޮންޑޭ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރެއްވީ، ސަރުކާރުން ވެފައިވާ ވައުދުތަކެއް އަދިވެސް ނުފުއްދޭ ކަމެވެ. އެ ވައުދުތަކަކީ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި އަދި ސަރުކާރުގެ އެސްއޭޕީގައި ހިމެނޭ ސިޔާސަތުތަކެއް ކަމަށާއި އެއީ ވި ވައުދުތަކެއްކަން ރައީސް އޮފީހުގެ ވެބްސައިޓުން ވެސް އެނގޭ ކަމަށް ވިދާޅުވެފައިވެ އެވެ.
ގޯތިގެދޮރާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ދިރިނޫޅެވޭ ވަރުގެ ކުދި ބިންތަކުގައި ކުދިކުދި ފްލެޓުތަކުގައި އުޅޭ މީހުންނަށް އެ މީހުން އިހްތިޔާރުކުރާ އެހެން ތަނަކުން ގޯއްޗެއް ދިނުމަކީ ސަރުކާރުގެ ވައުދެކެވެ.
އޭގެ އިތުރުން، މާލޭގައި އިމާރާތް ކުރެވޭނެ ވަރުގެ ބިމެއް އޮވެ، އިމާރާތް ކުރެވޭނެ ތަނަވަސްކަން ނެތިފައި ތިބި އާއިލާތައް ދެނެގަނެ އެ މީހުންނަށް ލުއި ފަސޭހަކޮށް ގެ އިމާރާތް ކުރެވޭނެ މަގު ހޯދައިދިނުމާއި އެކަމުގައި އެކަނިވެރި މައިންނަށް އިސްކަން ދިނުމަކީ ވެސް ސަރުކާރުގެ ވައުދެކެވެ. އަދި މާލޭގެ އާބާދީ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަކީ ވެސް ވައުދެކެވެ.
މި ވައުދުތައް ފާހަގަކުރައްވައި، އޭނާ ހުށަހެޅުއްްވި މައްސަލައިގައި ގޮވާލައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި މި ވައުދުތައް ލަސްނުކޮށް ފުއްދުމަށެވެ.
މެމްބަރަކު މައްސަލައެއް ހުށަހެޅުމުން އެ މައްސަލައަކާ މެދު ބަހުސްކުރުމާ މެދު ގޮތެއް ނިންމަން ތަޅުމުގައި ވޯޓެއް ނަގާނެ އެވެ. ބަހުސް ކުރާނީ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.
ނަމަވެސް، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ތެރޭގައި މިވަގުތު ސަރުކާރަށް ތާއީދުކުރާ މެމްބަރުންނާއި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުން ދެ ބަޔަކަށް ބެހިފައި ވާއިރު، ގިނައީ ސަރުކާރަށް ތާއީދު ކުރާ މެމްބަރުންނެވެ.
ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވެސް ބޮންޑޭ ވަނީ މި ވައުދުތައް ފުއްދުމަށް ގޮވާލައްވައި ސަރުކާރަށް ޕްރެޝަރު ކޮށްފަ އެވެ.
ސަރުކާރުން ކަންކަން ކުރާ ގޮތުން ވަރަށް ގިނައިން ފާޑުވިދާޅުވާ ބޮންޑޭ ވަނީ ނަފްރަތުގެ ބިލުގެ ބަހުސްގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ވެސް ގޮވާލައްވައިފަ އެވެ.