12 ސެޕްޓެމްބަރ 2021 - 12:54

ދަނޑުވެރިކަމަށް މީގެ 22 އަހަރު ކުރިން ދޫކޮށް, ށ. އަތޮޅަށް އެކަށީގެންވާ ފައިދާއެއް ނުލިބި އޮތް އެ އަތޮޅު ނަލަންދޫ އަތުލައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ހުޅުވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ރަށު ތެރޭގައި ބޮޑު ނޫ ވިލަކާ އެކު ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ އެ ރަށުގައި 90 ހެކްޓަރު ހުރެ އެވެ. ދަނޑުވެރިކަމަށް އަމިއްލަ ފަރާތަކަށް ދޫކުރި އެ ރަށް މި ސަރުކާރުން މިހާރު އޮތީ ޓޫރިޒަމަށް ހާއްސަކޮށްފަ އެވެ.
އެ ރަށް ބޭނުންކުރަމުން އައީ ލަނޑާ ވިއްސައި އަލާކުރުމަށެވެ. އެ ވިޔަފާރި ހިންގާ ފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓުގެ ތަފްސީލް ދެނެގަތުމަށް އޮޑިޓެއް ހަދަން ވެސް ސަރުކާރުން މީގެ ކުރިން ހުޅުވާލި އެވެ.
ށ. އަތޮޅަށް މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ރައްޔިތުންގެ ކަންބޮޑުވުމެއްގެ ގޮތުގައި، ނަލަންދޫން އެ ސަރަހައްދަށް ފައިދާއެއް ނުލިބި އޮންނަ މައްސަލަ އަނެއްކާވެސް ކައުންސިލްތަކުން ހުށަހެޅި އެވެ.
ރައީސް ވިދާޅުވީ އެހެން އަތޮޅުތަކާ އަޅާބަލާއިރު ށ. އަތޮޅުގައި ޓޫރިޒަމް ފުޅާވެފައި ނެތުމަކީ އެކަން ބަދަލުކުރަން ސަރުކާރުން ވިސްނުންތަކެއް ގެންގުޅޭ ކަމެއް ކަމަށެވެ. ޓޫރިޒަމަށް އެ އަތޮޅުން ރަށްތަކެއް ދޫކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ނަލަންދޫ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެއް. ނަލަންދޫ ރިސޯޓަކަށް ހެދުމަށްޓަކައި, މިހާރު ނަގައިގެން އުޅޭ ފަރާތަކާ އެކު ވާހަކަ ދެކެވިފައި އޮތީ," ރައީސް ވިދާޅުވި އެވެ.
އެ ރަށަށް ހަރަދުތަކެއްކޮށްފައިވާތީ އަތުލުމުގެ ކުރިން ބަދަލުދޭން ޖެހެ އެވެ. އެ ހޭދަ އެ ފަރާތުން ހުށަހަޅާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު ސަރުކާރުގެ ވިސްނުމަކީ މިނިވަން އޮޑިޓަކަށް ފަހު ބަދަލު ދިނުން ކަަމަށް ރައީސް ވިދާޅުވި އެވެ.
ށ. އަތޮޅު ކައުންސިލްގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ގޮތުގައި, ރިސޯޓް ތަރައްގީކުރަން މިހާތަނަށް ދޫކޮށްފައި ވަނީ ހަތަރު ރަށެވެ. މީގެ ތެރެއިން ހުޅުވާފައި ވަނީ ދެ ރަށެވެ.